English Edition
Dhivehi Edition

ގދ. ހޯނޑެއްދޫއަށް ނިސްބަތްވާ ކާއްޑޭ ސްޕޯޓްސްގެ ފަރާތުން ތަޖުރިބާ ހޯދުމުގެ ގޮތުން އެ އަތޮޅު ރަތަފަންދޫ ސްކޫލްގެ 13 އަހަރުން ދަށުގެ ޓީމާއެކު ފުޓްސަލް މެޗެއް ކުޅެފިއެވެ.

މިއަދު ހަވީރު ރަތަފަންދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗް 4 – 2 ލަނޑުން ކާމިޔާބުކުރީ ކާއްޑޭ ސްޕޯޓްސް އެކަޑެމީއެވެ. ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އާދަމް ލަރީފް (ރޮނާބެ) ހެޑް ކޯޗް ކަމުގައި ތަމްރީން ކުރަމުންއަންނަ ކާއްޑޭ ސްޕޯޓްސް އެކަޑެމީގެ ފަރާތުން ރީތި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ކާއްޑޭ ސްޕޯޓްސް އެކަޑެމީއަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ އެޓީމުގެ ޝިޒާން 2 ލަނޑު އަރުޝަވީން އަދި ނައޫޝް، ކޮންމެ ކުޅުންތެރިޔަކަށް އެއް ލަނޑެވެ.

ރަތަފަންދޫ ފުޓްސަލް ދަނޑު. ފޮޓޯ: ހިދާޔަތުﷲ ވަހީދު

ރަތަފަންދޫ ސްކޫލް ޓީމުގެ ފަރާތުން ފުރަތަމަ ހާފްގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ކަމުގައިވީ ނަމަވެސް މެޗުގެ ފަހު ހާފްގައި ކުޅުމުގެ ކޮންޓްރޯލް ރޮނާބެގެ ހުށިޔާރު އިރުޝާދާއެކު ކާއްޑޭ ސްޕޯޓްސް އެކަޑެމީއިން އަތުލައި ނަތީޖާ އެކޮޅަށް އަނބުރާލިއެވެ. މި މެޗުގެ މޮޅުކުޅުންތެރިޔަކީ ކާއްޑޭ ސްޕޯޓްސް އެކަޑެމީގެ ޖާޒީ ނަންބަރު 7 އަހްމަދު ނާހިލް އަލީއެވެ.

މެޗަށް ފަހު އޭ.އޯ ނިއުސް އަށް ބަސްދީގަތުމެއް ދެއްވަމުން ކާއްޑޭ ސްޕޯޓްސް އެކަޑެމީގެ ޓެކްނިކަލް ހެޑް އާދަމް ލަރީފް (ރޮނާބެ) ވިދާޅުވީ ރަތަފަންދޫ ޓީމުގެ ކުޅުމަށް ވަރަށް އިހްތިރާމްކުރާ ކަމަށާއި އެޓީމުން ފަހު ވަގުތާ ހަމައަށްވެސް މޮޅުވާން މަސައްކަތްކުރި ކަމަށެވެ. ނަމަވެސް އެޓީމުގެ ފަރާތުން ފުރަތަމަ ހާފްގައި ހެދިފައިހުރި ގޯސްތައް ފަހު ހާފްގައި ތަކުރާރުވުމުން އޭގެ އެޑްވާންޓޭޖް ނެގީ ކަމުގައެވެ.

”މި ޓީމްގައި އިދިކޮޅު ޓީމުން ހަދާ މިސްޓޭކްސް ނަގައިގަނެވޭނެ ކުޅުންތެރިން އެބަތިބި. ކުޅުމުގެ ތެރެއިން އެކަން ރަނގަޅަށް ފެނިގެންދިޔަ. އުންމީދުކުރަނީ އަދިވެސް މިއަށްވުރެ ޓީމްގެ ފެންވަރު ރަނގަޅުވުން. އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ކުރާނަން“ ރޮނާބެ ވިދާޅުވިއެވެ.

ކާއްޑޭ ސްޕޯޓްސް އެކަޑެމީގެ ރައީސް ހާތިމް އަހްމަދު ވިދާޅުވީ މި އެކަޑެމީގައި ޖޫނިއަރ ޓީމެއް އޮންނަކަމަށާއި މި ޓީމަށްވެސް އިރުޝާދު ދެއްވަނީ އޭ.އެފް.ސީ ގެ ބީ އަދި ސީ ލައިސަންސް ލިބިފައިވާ ކޯޗުން ކަމުގައެވެ. އަދި މުސްތަގްބަލުގައި ފުޓްބޯޅާގައި ހުވަދު އަތޮޅު ނަމޫނާ އަތޮޅަކަށް ހެދުމަކީ އެ އެކަޑެމީގެ އަމާޒު ކަމުގައިވެސް ހާތިމް ވިދާޅުވިއެވެ.