ގދ. ހޯނޑެއްދޫއަށް ނިސްބަތްވާ ކާއްޑޭ ސްޕޯޓްސްގެ ފަރާތުން ތަޖުރިބާ ހޯދުމުގެ ގޮތުން އެ އަތޮޅު ފިޔޯރީއަށް ނިސްބަތްވާ ފޭސް އެކެޑަމީއާ އެކު ރަހްމަތްތެރި ކަމުގެ ފުޓްސަލް ދެމެޗެއް ކުޅެފިއެވެ.
އިއްޔެ ހަވީރު ހޯނޑެއްދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި 2 މެޗްގެ ތެރެއިން 13 އަހަރުންދަށުގެ ޓީމް ކުޅުނު މެޗް 04 – 02 ލަނޑުން ކާމިޔާބުކުރީ ކާއްޑޭ ސްޕޯޓްސް އެކަޑެމީގެ ޓީމެއެވެ. ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އާދަމް ލަރީފް (ރޮނާބެ) ހެޑް ކޯޗް ކަމުގައި ތަމްރީން ކުރަމުންއަންނަ ކާއްޑޭ ސްޕޯޓްސް އެކަޑެމީގެ ފަރާތުން ރީތި ކުޅުމެއް މި މެޗުގައި ފެނިގެން ގޮސްފައިވެއެވެ.
ހަމައެފަދައިން 09 އަހަރުން ދަށުގެ ޓީމް ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 02 – 00 ލަނޑުން ކާމިޔާބުކުރީ ފޭސް އެކަޑެމީގެ ޓީމެވެ. ކާއްޑޭ ސްޕޯޓްސް އެކަޑެމީގެ ހެޑް ކޯޗް ރޮނާބެ ބުނީ މިހާރު މި ފެންނަމުން ދަނީ އޭނާ މި ދާއިރާގައި އެންމެ ދެކެން ބޭނުންވާ މަންޒަރު ކަމުގައެވެ.
” މީ ރޮނާބެގެ ހުވަފެނެއް. މި ދާއިރާއަށް އަބަދުވެސް ހިދުމަތްކުރަން ބޭނުންވި. އިންޝާ ﷲ މިއަދު މި ފެންނަނީ މުޅި ހުވަދު އަތޮޅުވެސް ފުޓްބޯޅައިގެ އާ ފަތިހަކަށް އަލި ވިލޭ ތަން. އަހަރުމެން ސީނިއަރ ކުޅުންތެރިން، މިކަމުގެ ތަޖުރިބާ ލިބިފައިވާ މީހުން މިކަމުގެ އުޅެންވީ. މީ ހިތްހަމަ ޖެހުމެއް “ އޭ އޯ ނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އާދަމް ލަރީފް ރޮނާބެ ބުންޏެވެ.
ކާއްޑޭ ސްޕޯޓްސް އެކެޑަމީން އަންނަނީ މިފަދަ ތަޖުރިބާގެ މެޗުތައް ކުޅެމުންނެވެ. އެގޮތުން އެ އެކަޑެމީން ވަނީ ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ އަދި ރަތަފަންދޫ ސްކޫލް ޓީމާއެކު މެޗުތައް ކުޅެ ރަނގަޅު ކުޅުމެއް ދައްކާފައެވެ.