English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ކޮމިއުނިޓީ ފަންޑުގެ އެހީގައި ގދ ހޯޑެއްދޫގެ ކްލަބެއްކަމަށްވާ ހޯޑެއްދޫ ސްޕޯޓްސްއިން އެރަށުގެ އުތުރުކޮޅުގައި “ދިގެމައްކޮޑާ ނޭޗަރ ޕާކް” ގެނަމުގައި ޕާކެއް ތަރައްގީކޮށް ނިމި ރަސްމީކޮށް ހުޅުވައިފިއެވެ. ރޭ 9:30 ގައި ބާބަކިޔު ތަރާވީޙަކާއެކު ބޭއްވި މިރަސްމިއްޔާތު އޮތީ ދިގެމައްކޮޑާ ނޭޗަރ ޕާކުގެ ބާބަކިޔު ސަރަހައްދުގައެވެ.
މިއީ ހޯޑެއްދޫގެ ދަރުމަވެރި ޖަމްއިއްޔާއެއް ކަމަށްވާ ހޯޑެއްދޫ ސްޕޯޓްސް ގެ ފަރާތުން ބީ.އެމް.އެލް ގެ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު”ގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

މި މަޝްރޫއުގެ ދަށުން ހެދި މިޕާކަކީ ހޯޑެއްދޫގެ އުތުރުކޮޅުގައި ހަދާފައިވާ ހޮރައިޒަން ފެންގަނޑަށް ޒިޔާރަތްކުރާ މީހުންނާއި އަދި މަޑަވެލި ހޯޑެއްދޫ ދެރަށުގެ ރައްޔިތުންވަރުބަލިކަން ފިލުވާލުމަށާއި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭގޮތަށް ގާއިމްކޮށްފައިވާ ހިތްފަސޭހަ ޕާކެކެވެ. ނޭޗަރ ޕާކުގައި ޕްލެޓްފޯމް ވޯކްވޭއަކާއި ޕްލެޓްފޯމްގެ އިތުރުން މޭޒާއި ބެންޗު ހިމެނޭގޮތަށް ބާބަކިއު އޭރިއާއެއް ހިމެނެއެވެ.
ހޯޑެއްދޫގެ އަމިއްލަ ފަރުދުންނާއި ކައުންސިލްގެ އިތުރުން ރަށުގެ އެހެނިހެން ޖަމްއިއްޔާތަކުގެ އެހީތެރިކަން ލިބުނުކަމީ މިމަސައްކަތް މިހާ ފުރިހަމަ ކަމާއެކު ކުރެވިގެން ދިޔުމުގެ ސިއްރުކަން ހާމަކޮށް ހޯޑެއްދޫ ސްޕޯޓްސް ގެ ޗެއާޕާސަން މަހްދޫން އާދަމް ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ” އަޅުގަނޑުމެންނަށް މިރަށުގެ ކައުންސިލް އަދި ޖަމްއިއްޔާ ޖަމާއަތްތަކާއި ރަށުގެ ލޮބުވެތި ރައްޔިތުންގެ އެހީތެރިކަން ލިބުނު. އަދި މިފަދަ އެހީތެރިކަމެއް ބީ އެމް އެލް އިން ދެއްވިކަމަށްޓަކައި އެފަރާތާއި، މިމަސައްކަތުގައި އެކި ގޮތްގޮތުން އެހީތެރިވި އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން”.
މިއީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ތަޢާރަފްކުރި އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެދަށުން ހޯޑެއްދޫ ސްޕޯޓްއިން ހުށަހެޅި “ދިގެމައްކޮޑާ ނޭޗަރ ޕާކް” ޕްރޮޕޯސަލަށް (ބީ.އެމް.އެލް) އިން ހަދިޔާކުރި ޕާކެކެވެ. ހޯޑެއްދޫ ސްޕޯޓްސް އަކީ 2011 ވަނަ އަހަރު ހޯޑެއްދޫގައި ރަޖިސްޓްރީ ކުރެވުނު ކްލަބެކެވެ. އެދުވަހުންފެށިގެން ހޯޑެއްދޫގެ ކުޅިވަރާއި އިޖްތިމާއީ ކަންކަމާއި ތިމާވެށީގެ ކަންކަމުގައި ބައިވެރިވާ މި ކްލަބަކީ ހޯޑެއްދޫގެ އެންމެ ޙަރަކާތްތެރި އެއް އެން. ޖީ. އޯ އެވެ.