ޑިމޮކްރަސީ (democracy) މިބަސް ނެގިފައިވަނީ ގުރީކް ބަހެއްކަމުގައިވާ “demos” މާނައީ “މީހުން” އަދި “cratus” މާނައީ “ވެރިކަންކުރުން” މިބަހުންނެވެ. މިއީ ވެރިކަމުގެ ނިޒާމެކެވެ. މިނިޒާމު ހިނގާ ގޮތަކީ އެބައެއްގެ ތެރެއިން ބަޔަކު އެބައިމީހުންގެ ރެޕްރެސެންޓެޓިވްސްގެ ގޮތުގައި ޤާނޫނު ހަދާ މަޖިލީހަށް ހޮވައި، އެ ހޮވޭމީހުން، އެބައިމީހުންނަށް ގަވާއިދާ ޤާނޫނުތައް އެންމެ ގިނަމީހުން ބޭނުންވާ ގޮތައް ހެދުމަށް ހަވާލުކުރަނީއެވެ. އަބްދުލް ވައްހާބު އަލް ޚިލާލީ ވިދާޅުވެފައިވެއެވެ. “ހުރިހާ (ތަނެއްގައި އޮންނަ) ދީމުޤްރާތީ ނިޒާމެއްވެސް ބިނާވެފައިވަނީ އެއް ideology އެއް ނުވަތަ އެއް ވިސްނުމެއްގެ މައްޗަށެވެ. ޤާނޫނާ ޤަވާޢިދުތައް ހެދުމުގެ ބާރު ރައްޔެތުންނަށް ލިބިދީފައިވުމުގެ މައްޗަށެވެ. އެހެނީ، ދީމުޤްރާތީ ނިޒާމުގެ އަސާސަކީ ރައްޔިތުންގެ ވެރިކަމެވެ.” “މީސްތަކުންގެ ޤަވާޢިދުތަކާއި ޤާނޫނުތައް، މީސްތަކުންގެ ފަރާތުން، މީސްތަކުންނަށް” މިއީ އަބްރަހަމް ލިންކޮން ބުނެފައިވާ ގޮތެވެ.
ޑިމޮކްރަސީގައި ވެރިކަން ކުރާ ދެ ނިޒާމްގެތެރެއިން ރިޔާސީ ނިޒާމަކީ އެ ނިޒާމެއްގައި ރައްޔިތުން އިންތިހާބުކުރާ (ސީދާ ގޮތުން ވިޔަސް އަދި ނުސީދާ ގޮތުން ވިޔަސް) ރައީސަކު ދައުލަތުގެ ވެރިއެއްގެ ހައިސިއްޔަތުން ، ކަނޑައެޅިފައިވާ މުއްދަތެއްގެތެރޭ ވެރިކަމުގެ އެންމެހައި ބާރުތައް މިލްކުކުރައްވައިގެން ހިންގަވާ ވެރިކަމުގެ ނިޒާމެކެވެ. މަތީގައި ބަޔާން ކުރެވިފައިވާ ފަދަ ފުރިހަމަ ރިޔާސީ ނިޒާމެއްގެ އަސްލު ބިނާވެފައި އޮންނާނީ މަޝްހޫރު ފިލޯސަފަރ މޮންޓެސްކޫގެ ތިންބާރު ވަކިކުރާ ނަޒަރިއްޔާ (ސެޕަރޭޝަން އޮފް ޕަވަރސް)ގެ މައްޗަށް ބިނާވެފައެވެ. ހަމަ އެއާއިއެކު ދައުލަތުގެ އެންމެ އިސްވެރިޔާ އާއި އެ ބޭފުޅާގެ ވަޒީރުން ހުރިހާކަމެއްގައި ޤާނޫނުހަދާ މަޖްލީހަށް ކިޔަމަންވެ ބަރޯސާވާކަށް ނުޖެހެއެވެ. މި ނިޒާމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ތަޖުރިބާ ކުރަމުން އަންނަ ވެރިކަމުގެ ނިޒާމެކެވެ. މި ގައުމުތަކުގެ ތެރޭގައި ބްރެޒިލް، އާރޖެންޓީނާ، ޗިލީ، މެކްސިކޯ، ފިލިޕީންސް އަދި ސައުތު ކޮރެޔާ ހިމެނެއެވެ. ނަމަވެސް މިއަދުގެ ސުޕަރ ޕަވަރ އެމެރިކާ ބެލެވިފައިވަނީ މި ނިޒާމް ގާއިމްކޮށް މި ނިޒާމްގެ ސިފަތައް ދިރުވާ އާލާކުރުމަށް އެންމެ ބާރުއަޅާ ގައުމުކަމަށެވެ. އެހެންކަމުން މި ނިޒާމް އެންމެ ފުރިހަމައަށް ޤާއިމްކޮށް އޭގެ ފައިދާއާއި މަންފާ އެޤައުމުގެ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ލިބެމުންދާކަން އެމެރިކާ މިއަދު އެދަނީ ދުނިޔެއަށް ހާމަކޮށްދެމުންނެވެ.
ދެން އޮތީ ބަރުލަމާނީ ނިޒާމެވެ. މި ނިޒާމަކީ ސަރުކާރު ހިންގާ އެންމެ އިސްފަރާތާއި (ބޮޑުވަޒީރު) ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ޕާޓީއާއި އެކުވެ މަސްހުނިވެގެން އެކުލަވާލާ ވެރިކަމުގެ ނިޒާމަކައް ކިޔާ ނަމެކެވެ. ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރާ ޤައުމުތަކުގައި ދައުލަތް ތަމްސީލު ކުރާ ފަރާތެއްގެ ގޮތުގައި ރައީސަކު ނުވަތަ ރަސްކަލަކު ހުރެއެވެ. އެހެން ނަމަވެސް، މި މަގާމަކީ ހަމައެކަނި ރަމްޒީ މަގާމެކެވެ. އެއީ ސިޔާސީ ނުފޫޒެއް އަދި ބާރެއް ހިންގޭނެ ފަރާތެއް ނޫނެވެ. ބަރުލަމާނީ ނިޒާމުގައި ސަރުކާރުގެ ހުރިހާކަމެއް ހިންގާނީ ދައުލަތުގެ ވެރިޔާ (ރައީސް ނުވަތަ ރަސްގެފާނު) ދެއްވާފައިވާ ބާރުތަކުގެ ތެރެއިން ބޮޑުވަޒީރެވެ. ބަރުލަމާނީ ނިޒާމެއްގައި ހަގީގީ ވެރިކަން ހިންގުމުގެ ބާރު ނުވަތަ (މުތްލަޤް ބާރު) އޮންނާނީ ބޮޑުވަޒީރު އަތުގައެވެ. ސަރުކާރުގެ އެންމެ އިސް ތަރުޖަމާނާއި ކެބިނެޓްގެ އެންމެ އިސް ވެރިޔާއާއި އަދި މަޖްލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ޕާޓީގެ ވެރިޔަކީވެސް ބޮޑު ވަޒީރެވެ. އެހެން ކަމުން ބޮޑުވަޒީރު ކަމެއް ނިންމެވުމުން އެއޮންނަ ހަމަތަކެއްގެ މަތިން އެކަން އިޢުލާން ކުރާނީ ދައުލަތުގެ ވެރިޔާއެވެ. މިސާލަކަށް ގައުމަކާއި ދެކޮޅަށް ހަނގުރާމަ ކުރަން ނިންމާނީ ބޮޑު ވަޒީރެވެ. ނަމަވެސް ދައުލަތުގެ ފަރާތުން އެ ނިންމުން އިޢުލާނު ކުރާނީ ރަސްގެފާނު ނުވަތަ ރައީސެވެ. މި ނިޒާމު އެންމެ ފުރިހަމައަށް ގާއިމްވެފައިވާ ޤައުމަކީ އިނގިރޭސިވިލާތް ކަމަށް ޤާނޫނީ މާހިރުން ވިދާޅުވެއެވެ. އިނގިރޭސިވިލާތުގެ އިތުރުން ވެސް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކާމިޔާބު ކަމާއި އެކު ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރަމުން ދެއެވެ.