English Edition
Dhivehi Edition

ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) އިން ސްޕޮންސަރ ކޮށްގެން ، ޗައިނާގެ ޔަންގްޒޫ ޕޮލިޓެކް ކޮލެޖް (ވައިޕީސީ) ގެ ސްކޮލަރޝިޕް ލިބުނު ދަރިވަރުން ރޭ ޗައިނާއަށް ފުރައިފިއެވެ.

ވައިޕީސީގެ ސީއެމްސީއޭ ގެ ފުރަތަމަ ސްކޮލަރ ޝިޕްގައި ޗައިނާގައި ކިޔެވުމުގެ ފުރުސަތު އެ އެސޯސިއޭޝަނުން ހޯއްދަވައި ދެއްވާފައިވަނީ އައްޑޫ ސިޓީގެ 3 ދަރިވަރަކަށެވެ. މީގެ ތެރެއިން 2 ސްކޮލަރ ޝިޕަކީ ސީއެމްސީއޭއިން އައްޑޫވިމެންސް އެސޯސިއޭޝަނަށް ދެއްވެވި 2 ފުރުސަތުގެ ތެރެއިން އެ އެސޯސިއޭޝަނުން ނޮމިނޭޓް ކުރި 2 ދަރިވަރުންނެވެ. އެއީ ސ.ހިތަދޫ ސީޑަމް ތަބައްސުމް މުޙައްމަދާއި ސ.މަރަދޫ މަހިނޫރު މިފްޒާލް ޙުސެއިން ޝަފީގެވެ. 3 ވަނަ ސްކޮލަރޝިޕް އަކީ ސީއެމްސީން އޭއޯ ނިއުސް އަށް ދެއްވި ފުރުސަތެކެވެ. އޭއޯ ނިއުސް އިން މި ފުރުސަތު ދީފައިވަނީ ނޫހުގެ ވެބްމާސްޓަރ ގެ ގޮތުގައި 6 އަހަރުވަންދެން މަސައްކަތް ކޮށްފައިވާ ސްޓާފެއް ކަމަށްވާ ސ.ހުޅުދޫ ގިލްވިލް ޕާކް އަޙްމަދު އިމްރާނަށެވެ.

އިންފޮމޭޝަން ޓެކޮނޮލޮޖީ އަދި ޖާނަލިޒަމްގެ ކޯސްތަކުގައި ވައިޕީސީގައި މި ދަރިވަަރުން 3 އަހަރު ހޭދަކުރާއިރު އެންމެ ފުރަތަމަ އަހަރު ހޭދަކުރާާނީ ޗައިނީޒް ބަސް ކިޔެވުމުގައެވެ.

ޗައިނާ މޯލްޑިވްސް އެސޯސިއޭޝަންއާއި ޗައިނާގެ ޔަންގްޒޫ ޕޮލިޓެކް ކޮލެޖާއެކު މިދިޔަ މަހުގައި ވަނީ ކަލްޗަރަލް އެކްސްޗޭންޖް ސްކޮލަރޝިޕް ޕްރޮގްރާމުގެ އެމްއޯޔޫގައި ސޮއިވެސް ކޮށްފައެވެ. ސީއެމްސީއޭގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ މި އެމްއޯޔޫގެ ދަށުން އެންމެ ފުރަތަމަ ސްކޮލަރޝިޕް ލިބުނު ކެންޑިޑޭޓުންނަކީ އައްޑޫގެ ދަރިވަރުންނަށް ވުން އެއީ ވަރަށް ބޮޑަށް ފާހަގަކުރައްވަވާ ކަމެއް ކަމަށެވެ.

ސީއެމްސީއޭ އާއި އައްޑޫވިމެންސް އެސޯސިއޭޝަން ގުޅިގެން މީގެ ކުރިންވެސް ވަނީ އައްޑޫހައިސްކޫލުގެ 3 ދަރިވަރަކަށާއި ރާއްޖޭގެ އުތުރުގެ ސަރަހައްދެއްގެ ސްކޫލެއްގެ 3 ދަރިވަރުން ހިމެނޭ ކަލްޗަރަލް އެކްސްޗޭންގް ޕްރޮގްރާމެއްގެ ދަށުން ޗައިނާގައި އެއްހަފްތާގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމުގެ ހުރިހާ ޚަރަދެއް ސީއެމްސީއޭއިން ހަމަޖައްސަވައި ދެއްވެވި އިރު މިފަދަ ގިނަ ފުރުސަތުތައް ރާއްޖޭގެ ކިޔަވާކުދިންނަށް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވަވަމުން ގެންދަވާކަމަށް އެ އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ރަޝީދު ވަނީ ވިދާޅުވެފައެވެ.