English Edition
Dhivehi Edition

ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަން ( ސީއެމްސީއޭ) ގެ މިއަހަރުގެ ޔޫތް ޑެލިގޭޝަން މިއަދު ޗައިނާއަށް ފުރައިފިއެވެ.

ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ސީއެމްސީއޭއިން ޗައިނާގެ ބެއިޖިން އަށް މިއަހަރު ފޮނުވި ޑެލިގޭޝަންގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 16 ދަރިވަރުންނާއި 2 އޮފިޝަލުން ހިމެނެއެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގައި މި ޑެލިގޭޝަން 8 ދުވަސް ހޭދަކުރާއިރު މިފަހަރުގެ ދަތުރުގެ ހުރިހާ ކަމެއް ޗައިނާގެ ފޮރިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ މިފަދަ ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމް ހިންގުމަށް ޚާއްޞަ ފައުންޑޭޝަނެއް ކަމުގައިވާ ސުންޗިންގލިން ފައުންޑޭޝަނާއެވެ.

މި ދަތުރުގައި ބެއިޖިންގެ ޚާއްޞަ ތަންތަން ދައްކާލުމުގެ ޓުއާއަކާއި ރާއްޖެއާއި ޗައިނާގެ ސަގާފަތް ދައްކުވައިދޭ އައިޓަމްތައް ހުށަހެޅުމުގެ އިތުރުން ޗައިނާގެ އާޓް އެންޑް ކްރާފްޓް މަސައްކަތްތައް ދަރިވަރުންނަށް ދައްކާލުމާއި އެފަދަ މަސައްކަތް އަމަލީގޮތުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދެވޭނެއެވެ. މީގެ އިތުރުން ބެއިޖިންގެ ހާބިން ގައި އޮންނަ ސްނޯވ ފެސްޓިވަލް ދައްކާލުމަށް ހާބިން އަށް ވެސް ދަރިވަރުން ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

2016 ވަނަ އަހަރުން ފެށިގެން ސީއެމްސީއޭއިން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން މިއީ ޗައިނާއަށް ދާ އެ އެސޯސިއޭޝަނުގެ 2 ވަނަ ޔޫތް ޑެލިގޭޝަނެވެ. މިދިޔަ އަހަރު ވެސް ރާއްޖޭގެ 3 ސަރަހައްދަކުން ހޮވާލެވުނު 12 ދަރިވަރުން ހިމެނޭ މިފަދަ ޑެލިގޭޝަނެއް ވަނީ ޗައިނާއަށް ފޮނުވާފައެވެ.

ސީއެމްސީއޭގެ ފައުންޑަރ މުޙައްމަދު ރަޝީދު ވިދާޅުވީ ފިނި މޫސުމާ ދިމާކޮށް ދަރިވަރުންގެ ޑެލިގޭޝަނެއް ޗައިނާއަށް ފޮނުވުމުގެ އެއް ބޭނުމަކީ ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތު ލިބިފައިނުވާ ދަރިވަރުންތަކަކަށް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މީހުންގެ ދިރިއުޅުން ހުންނަގޮތް ދަސްކޮށްދިނުމާއި ތަފާތު މޫސުމް ތަކުގައި މީހުންގެ ދިރިއުޅުމަށް އަންނަ ބަދަލު ގާތުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށެވެ. މިގޮތުން އަންނަ އަހަރު ރާއްޖޭގެ އިތުރު 50 ދަރިވަރުންނަށް މިފަދަ ފުރުސަތު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރަޝީދު ވިދާޅުވިއެވެ.

ޔޫތް ޑެލިގޭޝަނުގައި ބައިވެރިކުރާ ދަރިވަރުންނަކީ ސީއެމްސީއޭއިން ކަނޑައަޅުއްވާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިމެނޭ ދަރިވަރުންގެ މެދުގައި ބާއްވާ މަޒުމޫނު ލިޔުމުގެ މުބާރާތަކަށް ފަހު މުބާރާތުން އެންމެ މަތިން ހޯދާ ދަރިވަރުން ނެވެ. މި މުބާރާތުގައި ދަރިވަރުން މަޒުމޫނު ލިޔަން ޖެހެނީ ޗައިނާގެ ސަގާފަތާއި ބެހޭގޮތުން ދަރިވަރުންނަށް ލިބިފައިވާ މައުލޫމާތުގެ އެހީގައި ސީއެމްސީއޭއިން ދޭ މައުޟޫތަކެއްގެ މައްޗަށެވެ. އެގޮތުން މިފަހަރުގެ ޑެލިގޭޝަނުގައި ހިމަނާފައިވަނީ ޏ.ފުވައްމުލަކުގެ 6 ދަރިވަރުންނާއި ލ. އަތޮޅުގެ 6 ދަރިވަރުންގެ އިތުރުން ރ އަތޮޅުގެ 4 ދަރިވަރުންނެވެ. މި ދަރިވަރުން ހޮވާފައިވަނީ ސީއެމްސީއޭ އާއި އެ އަތޮޅެއްގެ ކައުންސިލް ގުޅިގެންނެވެ.

ސީއެމްސީއޭ އަކީ ރާއްޖެއާއި ޗައިނާއާއި ދެގައުމުގެ ސަގާފަތާއި ބަސް ދަސްކޮށް ކުރިއެރުވުމާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ މަގުޞަދުގައި އަމިއްލަ ފަރާތްތަކަކުން އިސްނަންގަވައިގެން ހިންގަވާ ޖަމިއްޔާއެކެވެ. 2015 ވަނަ އަހަރު ވުޖޫދަށް އައި މިޖަމިއްޔާގެ ފައުންޑަރ އަދި ޗެއަރމަން އަކީ މީގެ ކުރިން ރާއްޖޭއިން ޗައިނާއަށް ކަނޑައަޅުއްވަވާފައިވާ ސަފީރެއްގެ މަގާމު އަދާކުރެއްވެވި ބޭފުޅެއް ކަމުގައިވާ މުހައްމަދު ރަޝީދެވެ.

މި އެސޯސިއޭޝަނުގެ ފަރާތުން މިދިޔަ އަހަރު މިފަދަ ޔޫތް ޑެލިގޭޝަނެއް ޗައިނާއަށް ފޮނުވާފައިވާއިރު ކަލިނަރީ އެކްސްޗޭންޖް ޕްރޮގްރާމެއްވެސް ވަނީ ހިންގަވާފައެވެ. މީގެ އިތުރުން އެސޯސިއޭޝަނުގެ ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން 3 ދަރިވަރަކު ވަނީ ޗައިނާއަށް ކިޔަވަން ފޮނުވާފައެވެ. ހަމައެއާއެކު ރާއްޖޭގައި ތައިޗީ ކުރިއެރުވުމުގެ މަގްޞަދުގައި ތައިޗީ ޓްރެއިނަރުން ތަމްރީން ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއްވެސް ވަނީ މި ޑިސެމްބަރު މަހުގެ ކުރީކޮޅު ކުރިއަށް ގެންގޮސްފައެވެ.