English Edition
Dhivehi Edition

ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަނުން (ސީއެމްސީއޭ) 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެކުލަވާލި ޔޫތު ޑެލިގޭޝަންގެ ޗައިނާ ދަތުރު ވަރަށް ކާމިޔާބު ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

ޑިސެމްބަރު މަހުގެ 21 އިން ޖެނުއަރީ 1 ވަނަ ދުވަހަށް ޗައިނާގެ ބެއިޖިން އާއި ހާބިން އަށް ކުރި މި ދަތުރުގައި 18 ބައިވެރިން ވަނީ ހިމަނާފައެވެ. އެއީ 16 ދަރިވަރުންނާއި 2 އޮފިޝަލުންނެވެ.

ޗައިނާއާއި ރާއްޖޭއާއި ދެމެދުގައި އޮންނަ ގުޅުން ވަރުގަދަކުރުމާއި ޗައިނާގެ ބަހާއި ސަގާފަތް ދަރިވަރުންނަށް ދަސްކޮށްދިނުމުގެ އިތުރުން ފިނި މޫސުމުގެ ތަޖުރިބާ ދަރިވަރުންނަށް ހޯދައިދިނުމަށް ކޮންމެ އަހަރަކު ވެސް ޑިސެމްބަރު މަހު ސީއެމްސީއޭއިން މިފަދަ ދަތުރު އިންތިޒާމު ކުރެއެވެ. މިގޮތުން 2017 ވަނަ އަހަރުގެ ދަތުރަކީ ސީއެމްސީއޭގެ 2 ވަނަ ޔޫތު ކަލްޗަރަލް އެކްސްޗޭންޖު ޕްރޮގްރާމެވެ. ސީއެމްސީއޭއިން ބުނީ ފުރަތަމަ ފަހަރާ އަޅާ ބަލާއިރު މިފަހަރުގެ ޕްރޮގްރާމު ވަރަށް ކާމިޔާބު ކަމަށާއި ބޭނުންވާ މަގުޞަދު ވަރަށް ފުރިހަމައަށް ހާސިލްވި ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީއިން މިފަހަރުގެ ދަތުރުގެ ހުރިހާ އިންތިޒާމެއް ހަވާލުކޮށްފައިވަނީ މިފަދަ ޑެލިގޭޝަންތަކަށް ޚާއްޞަކޮށްގެން ޕްރޮގްރާމުތައް ހިންގަމުންދާ ސުންޗިންލިންގ ފައުންޑޭޝަނާއެވެ. ފައުންޑޭޝަނުން ވަނީ ދަތުރުގެ ހުރިހާ ކަމެއް ވަރަށް ފުރިހަމަ އަށް ރާވައި ދަރިވަރުންނަށް ބޭނުންވާނެ މުހިއްމު މައުލޫމާތު ހޯދޭފަދަ ގިނަ ކަންކަން ޕްރޮގްރާމުގައި ހިމަނާފައެވެ. އެގޮތުން ޗައިނާގެ ތާރީޚާއި ސަގާފަތާއި އަދި މަސައްކަތްތެރިކަން ދަައްކުވައިދޭ ތަފާތު ގިނަ ހަރަކާތްްތަކެއްގައި ދަރިވަރުން ބައިވެރިކޮށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ވަނީ ހޯދައިދީފައެވެ.

މީގެ އިތުރުން ޗައިނާގެ ސްކޫލަކަށް ޒިޔާރަތް ކޮށް އެސްކޫލުގެ ދަރިވަރުންނާއެކު ކެލިގްރަފީ ކްލާހެއްގައި ބައިވެރިވުމުގެ ފުރުސަތުވެސް ހޯދައިދީފައެވެ.

ދަތުރުގައި ބައިވެރިވި ދަރިވަރުންނަށް ފިނި މޫސުމުގެ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ހާބިން އަށް ޚާއްޞަ ދަތުރެއްވެސް ވަނީ ކޮށްފައެވެ. އެގޮތުން ދަތުރުގެ ބައިވެރިންނަށް ފިނިން ސަލާމަތް ކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ސުންޗިންގލިން ފައުންޑޭޝަނުން ވަނީ ފޯރުކޮށްދީފައެވެ. ޑެލިގޭޝަންގެ ބައިވެރިން ހާބިންގައި ހޭދަކުރި 2 ދުވަހުގެ އެތަނުގެ ފިނިހޫނުމިން ހުރީ 22- ޑިގްރީ ސެލްސިއަސް ގައެވެ. އެދުވަސްވަރަކީ އިންޓަނޭޝަނަލް އައިސް ފެސްޓިވަލަށް ތައްޔާރުވަމުން ދިޔަ ދުވަސްވަރު ކަމަށް ވުމާއެކު ހާބިންގެ އައިސްފެސްޓިވަލަށް ގޮސް އެތަންތަން ބަލާލުމުގެ ފުރުސަތުވެސް ދަރިވަރުންނަށް ވަނީ ހޯދައިދީފައެވެ. މީގެ އިތުރުން ހާބިންގެ ސްނޯ ފެސްޓިވަލާއި ފިނި މޫސުމުގެ ސަބަބުން ގަނޑުވެފައިވާ ކޯރުތަކުގެ މަތީގައި ހިނގާލުމަށް ވެސް ދަރިވަރުން ވަނީ ގެންގޮސްފައެވެ.

“އެންމެ މަޖާކަމަކަށް ވީ ހާބިންގެ އެހާފިނި ތަނެއްގައި އައިސްކްރީމް ބޯން ދިނީމަ. ހީވަނީ ޓޮބްލަރޫން ޗޮކްލެޓެއް ކަނީހެން. އައިސްކްރީމެއް ހެން ހީވެސް ނުވޭ” ދަތުރުގެ ބައިވެރިވި ދަރިވަރަކު އޭނާގެ ތަޖުރިބާ ކިޔައިދިނެވެ.

“އަޅުގަނޑު ދުވަހަކުވެސް އަޑުނާހަން ގަނޑުފެނުން އިމާރާތް ހަދާފައި އެ ދިއްލާފައި ބަހައްޓާވާހަކަ. ކާޓޫންތަކުން ފެނޭ އެކަމަކު އެއީ ހަގީގަތަކަށް ވެދާނެ ކަމެއްކަމަކަށް ހީނުކުރަން. އެކަމަކު މިދަތުރުގައި އެތަންތަން އަމިއްލަ ލޮލުން ބަލާފައި މިއައީ. ރާއްޖޭގައި ވެސް މަދުވާނެ މި ފުރުސަތު ލިބިފައި ތިބި މީހުން. އަޅުގަނޑުމެން ހަމަ ވަރަށް ނަސީބުގަދަ. ސީއެމްސީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވޭ” އެހެން ބައިވެރިއަކު ކިޔައިދިނެވެ.

އެހެން ކުއްޖަކު ބުނީ ބެއިޖިން އަށް އައުމާ ހަމައިން އެންމެ ހައިރާންވި ކަމަކަށްވީ އޮޅިގެން ވިޔަސް އެހެން ކުއްޖެއްގެ ގައިގައި އަތްލެވޭއިރަށް ކަރަންޓް ޝޮކެއް އަންނަހެން ހީވާތީއެވެ. އަދި ބައެއްފަހަރު ދަނގަޑު އެއްޗެއްގައި އަތްލެވުނަސް އެހެންވާ ކަމަށެވެ. އެހެންވެ އެތަނުން މީހަކާ ސުވާލުކޮށްލުމުން އެއީ ޓެމްޕަރޭޗަރ ގެ ސަބަބުން ވާ ކަމެއް ކަމަށް ބުނިކަމަށެވެ.

“ވަރަށް ގިނަ އާ ކަންތައްތައް ދަސްވެއްޖެ. ގިނަ ތަޖުރިބާތަކެއް ކުރެވުނު ދަތުރެއް މިއީ. ” އެކުއްޖާ ބުންޏެވެ.

ދަތުރުގައި ޗައިނާގެ ބޮޑުފާރަށް ވެސް އަރަން ފުރުސަތު ލިބުނު.ފާރަށް އެރި ދުވަހު ވަރަށް ވަރުބަލިވި. އެކަމަކު ވެސް “ބޭނުންވީ ހަމަ އެންމެ މައްޗަށް ދާން. އެތަނުގައި ހުރެ ފޮޓޯ ނަގާލެވުނީމާ ވަރަށް އުފާވި. ދުނިޔޭގެ 7 ވޮންޑާސް އިން އެއް ވޮންޑާސް އަކަށް މިއާދެވުނީ”

ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރާއި އެމްބަސީގެ ބޭފުޅުން ވަނީ ދަތުރުގެ ހުރިހާ ބައިވެރިންނާ ބައްދަލުކޮށްފައެވެ. އިންޑިއަން ފުޑްހިމެނޭ ޚާއްޞަ ކެއުމަކާއެކު ބެއިޖިންގެ ރެސްޓޯރެންޓެއްގައި ބޭއްވެވި މި ބައްދަލުވުމުގައި އެމްބެސެޑަރ ވިދާޅުވީ މިފަދަ ޕްރޮގްރާމުތައް ސީއެމްސީއޭއިން ޒުވާނުންނަށް ޚާއްޞަކޮށްގެން ހިންގަވާކަމީ ވަރަށް އުފާކުރައްވަވާ ކަމެއް ކަމަށެވެ. އަދި ޗައިނާއިން ރާއްޖޭގެ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހުރިކަމަށާއި ދާދި ފަހުން ރައީސުލް ޖުމުހޫރިއްޔާ ޗައިނާއަށް ކުރެއްވެވި ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެ މިފަދަ ފުރުސަތުތައް ފަސޭހައިން ޒުވާނުންނަށް ލިބޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ.

ސީއެމްސީއޭގެ ޔޫތު ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމަށް ކުދިން ހޮވަނީ ކޮންމެ އަހަރަކު ސީއެމްސީއޭއިން ކަނޑައަޅުއްވާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިމެނޭ ދަރިވަރުންގެ މެދުގައި ބާއްވާ މަޒުމޫނު ލިޔުމުގެ މުބާރާތަކަށް ފަހު މުބާރާތުން އެންމެ މަތިން ހޯދާ ދަރިވަރުން ނެވެ. މި މުބާރާތުގައި ދަރިވަރުން މަޒުމޫނު ލިޔަން ޖެހެނީ ޗައިނާގެ ސަގާފަތާއި ބެހޭގޮތުން ދަރިވަރުންނަށް ލިބިފައިވާ މައުލޫމާތުގެ އެހީގައި ސީއެމްސީއޭއިން ދޭ މައުޟޫތަކެއްގެ މައްޗަށެވެ. އެގޮތުން މިފަހަރުގެ ޑެލިގޭޝަނުގައި ހިމަނާފައިވަނީ ޏ.ފުވައްމުލަކުގެ 6 ދަރިވަރުންނާއި ލ. އަތޮޅުގެ 6 ދަރިވަރުންގެ އިތުރުން ރ އަތޮޅުގެ 4 ދަރިވަރުންނެވެ. މި ދަރިވަރުން ހޮވާފައިވަނީ ސީއެމްސީއޭ އާއި އެ އަތޮޅެއްގެ ކައުންސިލް ގުޅިގެންނެވެ.

ސީއެމްސީއޭ އަކީ ރާއްޖެއާއި ޗައިނާއާއި ދެގައުމުގެ ސަގާފަތާއި ބަސް ދަސްކޮށް ކުރިއެރުވުމާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ މަގުޞަދުގައި އަމިއްލަ ފަރާތްތަކަކުން އިސްނަންގަވައިގެން ހިންގަވާ ޖަމިއްޔާއެކެވެ.