އޭއޯ ނިއުސްގެ 10 ވަނަ އަހަރީ ދުވަސް އޮންލައިން ޕްލެޓްފޯމެއްގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
އަހަރީ ދުވަހާ ގުޅުވައިގެން އެކިއެކި މުއައްސަސާތަކުން ފޮނުވި ތަހުނިޔާގެ ވީޑިއޯ މެސެޖްތައް އިއްޔެ އޭއޯނިއުސްގެ ފޭސްބުކް ޕޭޖްގައި ވަނީ އަޕްލޯޑްކޮށްފައެވެ. މި ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލާއި އެކިއެކި މުއައްސަސާ ތަކުގެ އިސްވެރިންނާއި ނޫހުގެ ސްޓާފުންނާއި ނޫހުގެ ސްޕޮންސަރުންގެ މެސެޖްތައް ޕޭޖަށް ވަނީ އަޕްލޯޑުކޮށްފައެވެ.
ދުވަހާ ގުޅޭ ގޮތުން އޭއޯގެ ފައުންޑަރ އަދި ސީއީއޯ ޝިމްލާ އަޙްމަދު ގެ މެސެޖްގައި ވިދާޅުވީ ނޫހުގެ ކާމިޔާބު ދިހަ އަހަރުގެ ވާހަކަ ހިއްސާ ކުރާ މި ވަގުތު އެންމެ އުފަލާއެކު ފާހަގަކޮށްލާ ހިތްވަނީ ދެކުނުގެ 4 އަތޮޅުގެ ބަސް ދިރުވައި އާލާކުރުމަށް އޭއޯ އިން ކުރަމުންދާ މަސައްކަތުގެ ވާހަކަކަމަށެވެ.
“2020 ވަނަ އަހަރުގެ އެޕްރީލް މަހުގެ 20 ވަނަ ދުވަހު އަޅުގަނޑުމެން ވަނީ ތާރީޚުގައި އެންމެ ފުރަތަމަ ފަހަރަށް އައްޑޫބަހުން ޚަބަރެއް އޮން އެއާކޮށްފައި. އަދި ހަފްތާއަކު އެއްފަހަރު އައްޑޫގެ ޚަބަރު އައްޑޫބަހުން ގެނެސްދިނުމުގެ މަސައްކަތް ފަށާފައި. ހަމަ މިއާއެކު 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ފުވައްމުލަކު ބަހުރުވައިން ޚަބަރު އޮންއެއާކޮށް ހަފްތާ ޚަބަރު އެ ރަށުގެ ބަހުންވެސް ކިޔަން ފަށާފައި. އަދި އޮކްޓޯބަރު މަހު ގދ. ތިނަދޫގައި ހިންގި ނޫސްވެރިން ތަމްރީނު ކުރާ ކޯހަށް ފަހު ކޯހުގެ ބައިވެރިންނާއެކު އޮކްޓާބަރު މަހުގެ 23 ވަނަ ދުވަހު، ފުރަތަމަ ފަހަރަށް ހުވަދޫ ބަހުން ޚަބަރެއް އޮންއެއާ ކުރުމުގެ ފަޚުރުވެސް ހޯދީ އޭއޯ ޓީމުން. އެއަށް ފަހު ނޮވެމްބަރު މަހު ގއ. ގައި 45 ބައިވެރިންނާއެކު ހިންގި ކާމިޔާބު ޕްރޮގްރާމަކަށް ފަހު އެއަތޮޅުގެ ބަހުރުވައިން ވެސް އަޅުގަނޑުމެން މިވަނީ ޚަބަރު ގެނެސްދޭން ފަށާފައި. މިތާރީޚީ މަސައްކަތުގައި އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދެއްވެވި އެންމެހާ ފަރާތްތަކަށް ޙައްގު ޝުކުރު ދަންނަވަން.” ސީއީއޯ ވިދާޅުވިއެވެ.
އޭއޯ އިން މިހާ ހިސާބަށް 500 އަށް ވުރެ ގިނަ ޒުވާނުން ނޫސްވެރިކަމުގެ ދާއިރާއަށް ނެރެދީ ނޫސްވެރިކަމުގެ ޖީލެއް ބިނާކޮށް ނޫސްވެރިކަން ކުރިއަރުވައި، ކާމިޔާބު ނޫސްވެރިކަމެއް ކުރުމަށް މަސައްކަތް ކުރަމުން އަންނަ އިރު ނޫހުގެ ނަން އައްޑޫއޮންލައިނުން “އޭއޯ ނިއުސް” ގެ ނަމަށް ބަދަލުކޮށް ނޫސް މިވަނީ ދެކުނުގެ މީޑިއާ އަކަށް ބަދަލުކޮށްފައެވެ.
އޭއޯ ނިއުސް އަކީ 2011 ވަނަ އަހަރުގެ އެޕްރީލް މަހުގެ 20 ވަނަ ދުވަހު ރަސްމީކޮށް ރަޖިސްޓްރީވެގެން އައްޑޫއޮންލައިންގެ ނަމުގައި އައްޑޫގައި ނެރެން ފެށި އައްޑޫގެ ފުރަތަމަ އޮންލައިން ނޫހެވެ.