ނޫސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަގުވަޒަންކޮށް “މީޑިއާ ވުމެން އޮފް ދަ ޔިއަރ” ގެ އެވޯޑު އޭއޯ ނިއުސް ގެ ސީއީއޯ ޝިމްލާ އަޙްމަދަށް ދެއްވައިފިއެވެ.
މި އެވޯޑު ޝިމްލާ އަށް ދެއްވާފައިވަނީ ވިމެން އިން މެނޭޖްމަންޓް (ވިމް) އިން ރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި ވިމް ގެ 4 ވަނަ ޕްރޮފެޝަނަލް އެވޯޑު ހަފްލާގައެވެ.
މިއީ ވިމްގެ މީޑިއާ އެވޯޑު ޝިމްލާއަށް ލިބިލެއްވެވި 2 ވަނަ ފަހަރެވެ. 2018 ވަނަ އަހަރު ވިމް އިން ވަނީ މީޑިއާ ކެޓަގަރީގެ މެރިޓް އެވޯޑް ޝިމްލާ އަށް ދެއްވަވާފައެވެ.
ދެކުނުގެ 4 އަތޮޅުގައި މީޑިއާ ކުރިއަރުވައި ޒުވާނުން ދާއިރާއަށް ނެރެދިނުމަށް ޝިމްލާ ކުރައްވަވާ މަސައްކަތާއި ގުޅިގެން، އަންހެނުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭ “ރެހެންދި އެވޯޑު” ވެސް ޝިމްލާ އަށް ވަނީ ލިބިލައްވަވާފައެވެ.
އަމިއްލަ ނޫހެއް އުފައްދަވައިގެން އައްޑޫގައި ނޫސްވެރިކަމާއި ލިޔުންތެރިކަން ކުރިއެރުވުމަށް ޝިމްލާ ކުރެއްވެވި މަސައްކަތް ތަކުގެ އަގު ވަޒަން ކޮށް އައްޑޫސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާއި އައްޑޫސިޓީ ކައުންސިލުން ދެއްވެވި އައްޑޫ ކަނބައިދި އެވޯޑާއި ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ފާހަގަކުރެވޭފަދަ ޚިދުމަތްތަކެއް އައްޑޫސިޓީއަށް ކޮށްދެއްވަމުން ގެންދަވާތީ 2017 ވަނަ އަހަރު “އައްޑޫ އެވޯޑް” ވެސް ޝިމްލާއަށް ދެއްވަވާފައެވެ.
ޝިމްލާ ވަނީ އޭއޯ ނިއުސްގެ ޓީމާއި އަދި އަމިއްލަ ރީޖަނަލް އެންޖީއޯއެއް ކަމަށްވާ ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން (ސްކީމް) އާއި ގުޅިގެން ކޮވިޑް 19 ގައި ދެކުނުގެ 4 އަތޮޅަށް ދަތުރުކޮށް 115 ޒުވާނުން ނޫސްވެރިކަމުގެ ދާއިރާއިން ތަމްރީނު ކޮށް އަމިއްލަ ރަށުގައި ތިބެގެން މަސައްކަތް ކުރާނެ ފުރުސަތު އެ ޒުވާނުންނަށް ހޯއްދަވައި ދެއްވަވާ، ދެކުނުގެ 4 އަތޮޅުގެ ބަހުރުވައިން ފުރަތަމަ ފަހަރަށް ޚަބަރު އޮން އެއާރ ކުރުމުގެ ފަޚުރު ހޯއްދަވާފައެވެ.
ސައުތުއޭޝިއަން ވިމެން އިން މީޑިއާގެ ރީޖަނަލް ކައުންސިލް މެމްބަރ ގެ ގޮތުގައި ރާއްޖެ ތަމްސީލް ކުރައްވަވަމުން ޝިމްލާ ގެންދަވާއިރު އިންޑިއާގެ ގްލޯބަލް މެގަޒިން އެއްކަމަށްވާ “ވިމެންޝަިއން” ގެ ޗެޕްޓަރ ލީޑް އަކީ ވެސް ޝިމްލާއެވެ.
ޝިމްލާގެ މަސްއޫލުވެރިކަމުގެ ދަށުގައި ހިންގަމުން އަންނަ “އޭއޯ ނިއުސް” ފާހަގަކޮށްލެވެނީ ނޫސްވެރިކަމުގެ ޒުވާން ޖީލެއް ރާއްޖޭގައި ބިނާކުރަމުން އަންނަ އަދި އަލަށް ދާއިރާއަށް ނިކުންނަން ބޭނުންވާ ޒުވާނުންނަށް ފުރުސަތު ފަހިކޮށްދޭ ނޫސްމީޑިއާއެއްގެ ގޮތުގައެވެ.