English Edition
Dhivehi Edition
ގއ. ގެމަނަފުށީގައި ހުޅުވި އޭއޯ ނިއުސްގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

އޭއޯ ނިއުސް އާއި ސަދަން އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) ގެ އަތޮޅު ޗެޕްޓަރ ތައް ގުޅިގެން ދެކުނުގެ 4 އަތޮޅުގައި 115 ޒުވާނުން ނޫސްވެރިކަމުގެ ދާއިރާއިން ތަމްރީނުކޮށް ކޮންމެ އަތޮޅެއްގައި އޭއޯ ނިއުސްގެ ބިއުރޯއެއް ގާއިމުކޮށްފިއެވެ.

އޭއޯ ނިއުސްގެ 9 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން މިއަހަރުގެ އެޕްރީލް މަހުގައި ފެށި މި ޕްރޮގްރާމުގައި އައްޑޫސިޓީ، ފުވައްމުލައް ސިޓީ ، ގދ. ތިނަދޫ އާއި ގއ. ވިލިނގިލި އަދި ގއ.ގެމަނަފުށީގައި ތަމްރީނު ޕްރޮގްރާމުތައް ވަނީ ހިންގާފައެވެ. އެގޮތުން ކޮންމެ ސަރަހައްދެއްގައި ބޭސިކް ޖާނަލިޒަމް ކޯސް ހިންގައި ޒުވާނުން ތަމްރީނުކޮށް ކޮންމެ ކުލާހަކުން 1 ވަނަ ހޯދި ދަރިވަރަށް ވަނީ ރާއްޖެއިން ބޭރުގައި ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަށް ސްކޮލަރޝިޕް އެވޯޑް ހޯދައިދީފައެވެ.

މި ޕްރޮގްރާމުގެ މަގްސަދަކީ ދެކުނުގެ ޒުވާނުންގެ ތެރެއިން ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އަމިއްލަ ރަށުގައި ތިބެގެން އެ ފުރުސަތު ހޯދައިދީ އަމަލީ މައިދާނުގައި މަސައްކަތް ކުރާނެ ޕްލެޓްފޯމެއް ހޯދައިދިނުމެވެ. އަދި އެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރުމަށް ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތުވެސް ފަހި ކޮށްދިނުމެވެ. މިގޮތުން ކޯހުގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް ވަނީ އޭއޯ ނޫހުގައި އިންޓާންޝިޕްގައި މަސައްކަތް ކުރާނެ ފުރުސަތު ދީފައެވެ.

މި ތަމްރީން ޕްރޮގްރާމު ތައް ކުރިއަށް ގެންދިޔަ އިރު މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ ޕްރޮގްރާމުގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް އެއްކޮށް މީޑިއާ އެތިކްސް އާއި ގުޅޭ ސެޝަނެއް ނަންގަވާ ދެއްވަވާފައެވެ. މީގެ އިތުރުން ރިޒްނާ ޒަރީރު ވަނީ ފުވައްމުލައް އަދި އައްޑޫ ބެޗްގެ ދަރިވަރުންނަށް، ޕްރެޒެންޓިން އާއި ބެހޭ ސެޝަނެއް ވެސް ނަންގަވާ ދެއްވަވާފައެވެ. ކޯހުގައި މައިގަނޑު ގޮތެއްގައި ޚަބަރު ލިޔުމާއި ޚަބަރު ކިޔުމާއި އަދި ވީޑިއޯ އެޑިޓިން ކުރިއަށް ގެންގޮސްފައިވާއިރު މި ސެޝަންތައް ނަންގަވައި ދެއްވެވީ އޭއޯ ނިއުސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ޝިމްލާ އަޙްމަދެވެ.

ނޫސްވެރިން ތަމްރީނު ކުރުމުގެ މި ކޯސްތައް އަތޮޅުތަކުގައި ކުރިއަށް ގެންދިޔަ އިރު ގދ. އަތޮޅު ކައުންސިލާއި ތިނަދޫ ކައުންސިލް އަދި ގއ.އަތޮޅު ކައުންސިލާއި ގެމަނަފުށީ ކައުންސިލް ގެ އިތުރުން ވިލިނގިލީ ކައުންސިލުން ވަނީ ވަރަށް ފުރިހަމަ އެހީތެރިކަމަކާއި އެއްބާލުމެއް ދެއްވަވާފައެވެ. ހަމަ އެއާއެކު ސްކީމްގެ އަތޮޅު ޗެޕްޓަރ ތަކުން ވަނީ މި ޕްރޮގްރާމު ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ،