އަންހެނުން ކުރާ މަސައްކަތްތަކާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތާއި އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންދޭ ރެހެންދި އެވޯޑު ޙާޞިލުކުރެއްވި ޝިމްލާ އަޙްމަދަކީ ނޫސްވެރިއެއްގެ އިތުރުން ދެކުނުގެ ހަތަރު އަތޮޅުގައި ނޫސްވެރިކަން ކުރިއެރުވުމާއި ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ހީވާގި، ހުނަރުވެރި ކަނބަލެކެވެ. މީގެ 11 ވަރަކަށް އަހަރު ކުރިން ޝިމްލާ ފެއްޓެވި މި މަސައްކަތުގައި އެންމެ ބޮޑު އިސްކަމެއްގެ ގޮތުގައި ކުރައްވަވާ މަސައްކަތަކީ ދެކުނުގެ 4 އަތޮޅުގެ ޒުވާނުން ނޫސްވެރިކަމުގެ ދާއިރާއަށް އަހުލުވެރިކޮށް އަމިއްލަ ރަށުގައި ތިބެގެން ތަމްރީނާއި ހުނަރު ހޯދައިދީ ދާއިރާގައި މަސައްކަތް ކުރާނެ ފުރުސަތު ހޯދައިދިނުމެވެ. މީގެ އިތުރުން ޝިމްލާ ފާހަގަކޮށްލެވެނީ މިންތީގެ ހަމަހަމަ ނޫސްވެރިކަމެއް ގާއިމުކުރުމަށް މަސައްކަތް ކުރާ އަންހެން ނޫސްވެރިއެއްގެ ގޮތުގައެވެ.
އައްޑޫގައި އެންމެ ފުރަތަމަ ފެށިގެންދިޔަ އޮންލައިން ނޫސް “އައްޑޫ އޮންލައިނަކީ” ނޫސްވެރިކަމުގެ މަސައްކަތް ފުޅާކޮށް އަމިއްލަ ނޫހެއް ވުޖޫދަށް ގެނައުމުގައި ޝިމްލާ އެޅުއްވެވި ފުރަތަމަ ފިޔަވަޅެވެ. އޭގެ ކުރިން ވާހަކަ ލިޔުންތެރިއެއްގެ ގޮތުގައްޔާއި ދިވެހި މުދައްރިސާއެއްގެ ގޮތުގައި ގިނަ ބަޔަކު ދަންނަ ޝިމްލާ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ އަމިއްލަ އޮންލައިން ނޫހެއް އުފެއްދެވި އަންހެން ބޭފުޅާއެވެ. އައްޑޫއޮންލައިން ގެ މަސްއޫލުވެރިޔަކީ ވެސް އަދި އެޑިޓަރަކީ ވެސް ޝިމްލާއެވެ. ނޫހުގެ މަސައްކަތަށް މިހާރު 10 އަހަރު ފުރިފައިވާއިރު ނޫހުގެ ނަން މިހާރު ވަނީ “އޭއޯ ނިއުސް” ގެ ނަމަށް ބަދަލުކޮށް އައްޑޫގެ އެކަނި މީޑިއާއެއްގެ ގޮތުގައި ފެށި މަސައްކަތް ދެކުނުގެ 4 އަތޮޅަށް ފުޅާކޮށްފައެވެ.
އަމިއްލަ ރަށުގެ މަދުރަސާތަކުން ތައުލީމު ހާސިލް ކުރެއްވެވި ޝިމްލާގެ ސްކޫލް ދައުރުގައި ވެސް އަދަބީ ހަރަކާތްތަކުން ފާހަގަކޮށްލެވެއެވެ. ވާހަކަ ދެއްކުމުގެ މުބާރާތްތަކުންނާއި ތަމްސީލު ލިޔުމުގެ މުބާރާތްތަކުން ޝިމްލާ ވަނީ ވަނަހޯއްދަވާފައެވެ. ސްކޫލްގައި ކިޔަވަމުން ދިޔަ ދުވަސްވަރު، 1994 ގައި ޝިމްލާ ލިޔުއްވެވި ވާހަކައެއް އޭރުގެ “އާފަތިސް” ނޫހުގައި ޝާއިއު ވެސް ކޮށްފައިވެއެވެ. ޝިމްލާގެ ނޫސްވެރިކަމުގެ މަސައްކަތުގެ ފެށުމަކީ އެއީއެވެ.
ސްކޫލް ދައުރު ނިންމުމަށްފަހު އަލްމަދުރަސަތުލް އިސްލާމިއްޔާގެ ދިވެހި މުދައްރިސާއެއްގެ ގޮތުގައި ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވަން ޝިމްލާ ފެއްޓެވިއެވެ. ޝިމްލާ ކުރެއްވެވި އެ މަސައްކަތް ހުއްޓަވާލެއްވެވީ 2017 ވަނަ އަހަރުގައެވެ. އޭރު ޝިމްލާ ހުންނެވީ އައްޑޫހައިސްކޫލުގެ މަތީ ސާނަވީގެ ދިވެހި މުދައްރިސާއެއްގެ ގޮތުގައެވެ. ސްކޫލުގައި ވަޒީފާ އަދާކުރައްވަވަމުން، 2010 ވަނަ އަހަރު ޝިމްލާ ފެއްޓެވި ނޫސްވެރިކަމުގެ މަސައްކަތް ކުރިއެރުވުމަށްޓަކައި ކުރިން އަދާކުރައްވަވަމުން ގެންދެވި ސްކޫލްގެ ވަޒީފާ ދޫކޮށްލެއްވެވީ ދެ މަސައްކަތް އެކުގައި ކުރައްވަވާތާ 6 އަހަރަށް ފަހުގައެވެ. މުދައްރިސާއެއްގެ ގޮތުގައި މަސައްކަތް ކުރެއްވެވި ދުވަސްވަރު ޝިމްލާ ވަނީ ދިވެހި ބަސް ކިޔަވައިދިނުމުގެ ޑިޕްލޮމާ ހައްދަވައި ދިވެހި ލެންގުއޭޖް އެންޑް ލިޓްރޭޗަރ އިން ޑިގްރީ ހައްދަވާފައެވެ.
އޭރު ނޫހުގެ މަސައްކަތް ކުރިއަށް ގެންދެވުމުގައި އެންމެ ބޮޑު ގޮންޖެހުމެއް ކަމުގައި ވެގެން ދިޔައީ އައްޑޫގައި މަސައްކަތް ކުރާނެ ނޫސްވެރިން ނެތުމުގެ މައްސަލައެވެ. ނޫސްވެރިން ތަމްރީނު ކުރުމުގެ މަސައްކަތް ފަށައި އަލަށް ތަމްރީނުވި ޒުވާނުން ގޮވައިގެން ދާއިރާގައި އަމަލީ މަސައްކަތް ކުރާނެ ފުރުސަތު ހޯއްދަވައި ދެއްވަވާ ގާބިލް ނޫސްވެރިންތަކެއް އައްޑޫން އުފެއްދުމަށް ޝިމްލާ ވަނީ ބުރަ މަސައްކަތް ތަކެއް ކުރައްވަވާފައެވެ. އައްޑޫގައި ހިންގި ނޫސްވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމު ތަކަކަށް ފަހު ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރޭގައި ޝިމްލާ ވަނީ ދެކުނުގެ 4 އަތޮޅަށް ދަތުރުކޮށް އެ އަތޮޅުގެ ތަކުގެ އެކި ރަށްރަށުގައި މި ފަދަ ތަމްރީނު ޕްރޮގްރާމުތައް ހިންގަވައި ގިނަ ޒުވާނުންތަކެއް މިދާއިރާއަށް ނެރެދީފައެވެ.
ނޫސްވެރިކަމުގެ މަސައްކަތް މުޅިން އަމިއްލަ އަށް ފެއްޓެވި އިރު ނޫހުގެ މަސްއޫލުވެރިޔާއިން ފެށިގެން އެޑިޓަރު އަދި ފޮޓޯ ޖާނަލިސްޓް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އަމިއްލައަށް ކުރައްވަވައި ނޫހުގެ ފުރަތަމަ ދުވަސްކޮޅު، އެކަނިމާއެކަނި މަސައްކަތް ކުރައްވަވާ ނޫސް މެދުކެނޑިގެން ދިޔަ ނުދީ ހިތްވަރާއެކު ކުރެއްވެވި މަސައްކަތް ކާމިޔާބެވެ. މިހާރު ޝިމްލާ ވަނީ ، ނޫހުގައި އެކި ދާއިރާތަކުން މަސައްކަތް ކުރާނެ ގާބިލް ޒުވާނުން އުފައްދަވާފައެވެ. މީގެ އިތުރުން ދެކުނުގެ އަތޮޅުގައި ތަމްރީނު ވި ޒުވާނުންނާއެކު އަމިއްލަ ރަށުގައި ތިބެގެން އެޒުވާނުންނަށް މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް ހޯދައިދީ އެންމެ ފުރަތަމަ ފަހަރަށް ދެކުނުގެ 4 އަތޮޅުން އަތޮޅުގެ އަމިއްލަ ބަހުރުވައި ޚަބަރު އޮންއެއާކޮށް އަމިއްލަ ރަށުގައި ތިބެގެން ޒުވާނުންނަށް ޓީވީ ޕްރެޒެންޓަރ ގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ޝިމްލާ ވަނީ ފަހިކޮށްދެއްވަވާފައެވެ.
މީގެ އިތުރުން މުޖުތަމައުގައި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން ހުނަރު ހުރި ގާބިލް ޒުވާނުންނަށް ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ޝިމްލާ ވަނީ، އެފަދަ ފަރާތްތަކަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ދާއިރާގައި އެކުއްޖަކަށް މަސައްކަތް ކުރެވޭނެ ރޮނގަކުން ކުރިއަށް ދިއުމަށް ފުރުސަތު ފަހިކޮށްދެއްވަވާފައެވެ.
އަންހެނަކު މިފަދަ މަސައްކަތެއްގައި ނިކުމެ އުޅޭ އިރު ދިމާވާނެ ހުރިހާ ގޮންޖެހުމަކާ ފިސާރި ކެރިގެން ކުރިމަތި ލެއްވެވި ޝިމްލާ ސިފަކުރައްވަވާ ގޮތުގައި ދިމާވާ ގޮންޖެހުން ތަކަކީ ކާމިޔާބަށް ހުޅުވޭ އިތުރު ދޮރުތަކެކެވެ. އެގޮތުން ނޫސް ހުއްޓުވުމަށްއެކިފަހަރުމަތިން މީހުން ކުރި މަސައްކަތް ތަކާއި ލިބިލެއްވެވި އިންޒާރު ތަކާއި ޝިމްލާއާއި ދެކޮޅަށް މީޑިއާ ކައުންސިލަށް ހުށަހެޅުއްވި މައްސަލަތަކަކީ މިދާއިރާގައި ހިތްވަރާއި ޖޯޝާއެކު މެދުނުކެނޑި ކުރިއަށް ދިއުމަށް ލިބުނު އިތުރު ބާރެއްކަމަށް ޝިމްލާ ވިދާޅުވިއެވެ.
2000 ވަނަ އަހަރުން ފެށިގެން ލިޔުންތެރިކަމުގެ ދާއިރާއިން ގައުމީ ފެންވަރުގެ ވަނަ ތައް ހޯއްދަވަމުންގެންދެވި ޝިމްލާއަށް ވަނީ 20 ވަނަ ގައުމީ ކުރުވާހަކަ މުބާރާތާއި ދިގުވާހަކަ މުބާރާތުން އެއްވަނަ ލިބިލައްވަވާފައެވެ. ހަމައެއާއެކު 21 ވަނަ ގައުމީ ކުރުވާހަކަ މުބާރާތުން 1 ވަނަ އާއި ދިގުވާހަކަ ލިޔުމުގެ މުބާރާތުން 2 ވަނަ ޝިމްލާ ވަނީ ހޯއްދަވާފައެވެ. މީގެ އިތުރުން ތަފާތު ގިނަ ފަހަރުތަކެއްގެ މަތިން ދިވެހިރާއްޖޭގެ އަޑުން ރަމަޟާން މަހު ފޮނުވާ ކުރުވާހަކަ މުބާރާތުން ވަނަ ހޯއްދަވާފައިވާ ޝިމްލާއަށް ލިޔުންތެރިކަމުގެ ދާއިރާއިން ލިބިލެއްވެވި އެންމެ ބޮޑު ކާމިޔާބީ އަކީ 2004 ވަނަ އަހަރު ރައީސުލް ޖުމުހޫރިއްޔާ ދެއްވެވި އިނާމެވެ. ސަރުކާރު ގަބޫލު ކުރައްވަވާ ފެންވަރަށް ކުޑަކުދިންގެ ވާހަކަ ލިޔާފަރާތްތަކަށް ދެއްވަވާ ގައުމީ އިނާމު ޝިމްލާ ވަނީ ހޯއްދަވާފައެވެ. މި ކާމިޔާބީ ތަކާއެކު “ފަތްތޫރަ” މަޖައްލާއަށް ވާހަކަ ލިޔުމުގެ ފުރުސަތު ޝިމްލާއަށް ލިބިލެއްވެވިއެވެ. އަދި އޭރު ނެރެމުންދިޔަ “ހުވާސް” “އުދަރެސް” އައްޑުވަސް” ފަދަ މަޖައްލާތަކަށް ވެސް ޝިމްލާ ވަނީ ވާހަކަ ލިޔުއްވަވާފައެވެ. މިއާއެކު ޓީވީއެމްގެ ޑްރާމާ ތަކަށް ވާހަކަ ލިޔުމަށް ލިބުނު ފުރުސަތުގައި ޝިމްލާވަނީ އެ މަސައްކަތް ވެސް ކުރައްވަވާފައެވެ.
އަމިއްލަ ނޫހެއް އުފައްދަވައިގެން އައްޑޫގައި ނޫސްވެރިކަމާއި ލިޔުންތެރިކަން ކުރިއެރުވުމަށް ޝިމްލާ ކުރެއްވެވި މަސައްކަތް ތަކުގެ އަގު ވަޒަން ކޮށް އައްޑޫސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާއި އައްޑޫސިޓީ ކައުންސިލުން ދެއްވެވި އައްޑޫ ކަނބައިދި އެވޯޑާއި ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ފާހަގަކުރެވޭފަދަ ޚިދުމަތްތަކެއް އައްޑޫސިޓީއަށް ކޮށްދެއްވަމުން ގެންދަވާތީ 2017 ވަނަ އަހަރު “އައްޑޫ އެވޯޑް” ވެސް ޝިމްލާއަށް ދެއްވަވާފައެވެ. މީގެ އިތުރުން 2018 ވަނަ އަހަރު “ވިމެން އިން މެނޭޖްމަންޓް” އިން ވަނީ މީޑިއާގައި ޝިމްލާ ކުރައްވަވާ މަސައްކަތް ފާހަގަކޮށް މީޑިއާގެ މެރިޓް އެވޯޑު ދެއްވަވާފައެވެ.
އަމިއްލަ ނޫހެއް ހިންގުމުގެ އިތުރުން ނޫސްވެރިން ބިނާ ކުރުމަށް ޝިމްލާ ކުރައްވަވާ މަސައްކަތްތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ އައްޑޫ ސްކޫލް މީޑިއާއެވެ. “އޭއޯ ނިއުސް” ގައި ސްކޫލް މީޑިއާއަށް ވަކި ޕޭޖެއް ތައާރަފް ކޮށް އައްޑޫގެ ސްކޫލްތަކުގެ މީޑިއާ ތަކުގައި މަސައްކަތް ކުރާ ދަރިވަރުންނަށް ކުދި ނޫސްވެރިންގެ ގޮތުގައި އަމަލީ މަސައްކަތް ކުރާނެ ޕްލެޓްފޯމެއް ޝިމްލާ ވަނީ އުފައްދަވާފައެވެ. އަދި ސްކޫލްތަކުގެ މީޑިއާތަކުގެ ދަރިވަރުންނަށް ކަމާ ގުޅޭ ފަންނީ އެހީތެރިކަން މުޅިން ހިލޭ ސާބަހަށް ފޯރުކޮށްދެއްވަވާ ސްކޫލް މީޑިއާ ކޭމްޕްގެ ނަމުގައި ކޭމްޕް ބާއްވަވައި ދަރިވަރުން ނޫސްވެރިކަމުގެ ދާއިރާއަށް އަހުލުވެރިކުރުމަށް ޝިމްލާ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ކޮވިޑް އާއި ގުޅިގެން މި ވަގުތު މި މަސައްކަތް މެދުކެނޑިފައިވީ ނަމަވެސް ހާލަތު ރަނގަޅުވުމާއެކު އަލުން މި މަސައްކަތް ފެށުމަށް ޝިމްލާ ވަނީ ވިސްނަވާފައެވެ.
އިޖުތިމާއީ މަސައްކަތް ތަކުގެ ތެރޭގައި ޝިމްލާ ފާހަގަ ކޮށްލެވެނީ އަމިއްލައަށް އިސްނަންގަވައިގެން މުޅިން ހިލޭ ސާބަހަށް މަސައްކަތް ކުރައްވަވާ ހީވާގި ކަނބަލެއްގެ ގޮތުގައެވެ. އެގޮތުން އައްޑޫ ވިމެންސް އެސޯސިއޭޝަނުގެ މީޑިއާ އޮފިސަރުގެ ގޮތުގައްޔާއި ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން ގެ ސައުތު ރީޖަނަލް ކޯޑިނޭޓާރ އަދި މީޑިއާއޮފިޝަލްގެ ގޮތުގައި ޝިމްލާ ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެވެ. މި މަގާމުގައި ހުންނަވައިގެން އައްޑޫ އަދި ފުވައްމުލަކުގެ ޒުވާނުންނަށް ނޫސްވެރިކަމުގެ ދާއިރާއާއި ގުޅޭ ރާއްޖޭން ބޭރުގެ ސްކޮލަރޝިޕްތައް ހޯއްދަވައި ދެއްވުމަށް ޝިމްލާވަނީ މަސައްކަތް ކުރައްވަވާފައެވެ.
ތަފާތު އެކި ޖަމިއްޔާތަކާއެކު ކުރެވުނު މަސައްކަތްތަކުގެ ތަޖުރިބާއާއެކު “ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް” (ސްކީމް) ގެ ނަމުގައި ޝިމްލާ ވަނީ އަމިއްލަ ޖަމިއްޔާއެއް އުފައްދަވާފައެވެ. މި ޖަމިއްޔާގެ ކޯ-ފައުންޑަރ އަދި ޖަމިއްޔާގެ ރައީސާއަކީ ވެސް ޝިމްލާއެވެ. ދެކުނުގެ 4 އަތޮޅު ހިމެނޭ ގޮތަށް އެކުލަވާލި މި ޖަމިއްޔާއިން މިހާރުވެސް ގެންދަނީ މުޖުތަމައު ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މީގެ އިތުރުން ޝިމްލާ އަކީ ދެކުނު އޭޝިއާގެ އަންހެން ނޫސްވެރިންނަށް އަމާޒުކޮށްގެން އުފައްދާފައިވާ ސައުތު އޭޝިއަން ވިމެން މީޑީއާ (ސްވަމް) ގައި ރާއްޖެ ތަމްސީލް ކުރައްވަވާ ސްވަމްގެ ރީޖަނަލް ކައުންސިލް މެމްބަރ އެކެވެ. އަދި ގްލޯބަލް މެގަޒިން އެއް ކަމަށްވާ “ވިމެން ޝައިން” ގެ ރާއްޖޭގެ ޗެޕްޓަރ ލީޑް އަކީ ވެސް ޝިމްލާއެވެ.
މި މަސައްކަތް ތަކުގެ އިތުރުން އަންހެނުންނަށް މީޑިއާގައި ދިމާވާ ގޮންޖެހުންތައް ނައްތާލައި ހަމަހަމަ މިނިވަން މީޑިއާއެއް ގާއިމު ކުރުމާ ގުޅޭ ގިނަ މަސައްކަތްތައް ވެސް ޝިމްލާ ގެންދަވަނީ ކުރައްވަވަމުންނެވެ. އެގޮތުން ނޫސްވެރިކަމުގެ ދާއިރާގައި ދެޖިންސްގެ ހަމަހަމަކަން ޤާއިމު ކުރުމަށް ހެދިފައިވާ މިންގަނޑުތަކާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ ޖެންޑަރ ސެންސިޓިވް ގައިޑްލައިން ފޮރ ވިމެން އިން މީޑިއާގެ ގައިޑް ލައިން ތައްޔާރުކުރުމަށް އަމަލީ ގޮތުން މަސައްކަތް ކުރެއްވުމާއި އެ މަސައްކަތާއި ގުޅޭ ގޮތުން ޔުނެސްކޯ އާއި އައްޑޫވިމެންސް އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ޓީއޯޓީ ފުރިހަމަ ކުރައްވަވާ ރާއްޖޭގައި އެމަސައްކަތް ކުރުމުގައި ޓްރެއިނަރެއްގެ ގޮތުގައި ޝިމްލާ ގެންދަވަނީ މަސައްކަތް ކުރައްވަވަމުންނެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވަވައި އަމިއްލަ ނޫހެއް އުފައްދަވައިގެން ނޫހުގެ ޒަރީއާއިން މުޖުތަމައު ހޭލުންތެރިކުރުމަށް މަސައްކަތް ކުރައްވަވައި އަދި ޒުވާން ނޫސްވެރިޖީލެއް އުފެއްދެވުމަށް މަސައްކަތް ކުރައްވަވަމުން ގެންދަވާ ޝިމްލާ މިހާރު ގެންދަވަނީ އަމިއްލަ ޖާނަލިޒަމް އިންސްޓިޓިއުޝަނެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަވަމުންނެވެ.
މިހުރިހާ މަސައްކަތެއްގެ ތެރެއިން މުޖުތަމަޢަށް ޝިމްލާ ދެއްވަވާ މެސެޖަކީ އެއްވެސް މަސައްކަތަކީ ވަކި ޖިންސަކަށް ކަނޑައެޅިފައިވާ މަސައްކަތެއް ނޫން ކަމަށާއި ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ތިމާ ބޭނުންވާ ލަނޑުދަނޑި ހާސިލް ކުރެވޭނެ ކަމަށެވެ. އަދި ކާމިޔާބީގެ ހުވަފެން ދެކެން ހުރުމުގެ ބަދަލުގައި މުޖުތައަށް ނިކުމެ އެހުވަފެން ސީދާ ކުރުމަށް ޢަމަލާއި ބަހުން މަސައްކަތް ކޮށް އެހެންމީހުން ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ތިމާ ކުރިއަށްދިއުމަށް ބޭނުންވާ އެންމެ މުހިއްމު އުންސުރުކަމެވެ!