English Edition
Dhivehi Edition

ޓޮޓެންހަމް ހޮޓްސްޕާ އަށް އިރުޝާދު ދެމުންއައި ޕޯޗުގަލްގެ ކޯޗު ހޯސޭ މޮރީނިއޯ 17 މަހަށް ފަހު އެ މަގާމުން ވަކިކޮށްފިއެވެ.

ކްލަބަކާ ހަވާލުނުވެ އަހަރެއްހާ ދުވަހު ހުރުމަށް ފަހު މޮރީނިއޯ ޓޮޓެންހަމްގެ ކޯޗުކަމާ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުވީ އޭރުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ މަގާމުން ދުރުކުރުމަށްފަހުގައެވެ.

މިއަދު ޓޮޓެންހަމުން މޮރީނިއޯ ވަކިކުރިއިރު މި ސީޒަނުގެ ނިޔަލަށް އެ ޓީމަށް އިރުޝާދު ދޭނީ އެ ކްލަބުގެ އެކަޑެމީގެ ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ ރަޔާން މޭސަން އެވެ.

މޮރީނިއޯ، މިދިޔަ ސީޒަން މެދުތެރެއިން ޓޮޓެންހަމާ ހަވާލުވެ ލީގުގެ 14 ވަނައިގައި އޮތް ޓޮޓެންހަމް ހަވަނަ އަށް ގެންގޮސްދީ ޔޫރަޕާ ލީގަށް ކޮލިފައިކޮށްދިނެވެ. މި ސީޒަނުގައި ޓޮޓެންހަމުން ރަނގަޅަށް ފެށި ނަމަވެސް ފަހުން ފޯމު ގެއްލި އެ ޓީމު މިހާރު ވަނީ ލީގުގެ ހަތްވަނަ އަށް ވެއްޓިފައެވެ. މިއާއެކު ގަދަ ހަތަރެއްގެ ރޭހުގައި ވެސް އެ ޓީމަށް އަމިއްލަ ބާރު ގެއްލިފައިވާއިރު ޔުއެފާ ޔުރޮޕާ ލީގުގައި ވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ.

މީގެކުރީން، މޮރިނިއޯގެ އިރުޝާދުގެ ދަށުން ކުޅުނު ޓީމުތައް ކަމަށްވާ ޕޯޗުގަލްގެ އެފްސީ ޕޯޓޯގެ އިތުރުން އިންޓަ މިލާން އާއެކު ޔޫރަޕްގެ ކްލަބު ފުޓްބޯޅައިގައި އެންމެ ޝަރަފުވެރި މުބާރާތް ކަމަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާއިރު މެންޗެސްޓާ ޔުނައިޓެޑާއެކު ވަނީ ޔުރޮޕާ ލީގު ވެސް އުފުލާލައިފައެވެ. އަދި ޗެލްސީގައި ހޭދަކުރީ ދުވަސްވަރު ޕްރިމިއާ ލީގު ތިން ފަހަރު ހޯދާފައިވާއިރު ރެއާލް މެޑްރިޑާއެކު ސްޕެނިޝް ލީގު އެއް ފަހަރު ކާމިޔާބުކޮށްފައިވެއެވެ. އަދި ފަހަކަށް އައިސް އޭނާގެ ކޯޗިން ކެރިއަރުގައި އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ އިންޓަ އާއެކު އިޓާލިއަން ސެރިއޭގެ ޗެމްޕިއަންކަން ވެސް ދެ ފަހަރު ހޯދާފައިވެއެވެ.

މިއީ މޮރީނިއޯގެ ކޯޗިން ކެރިއަރުގައި ލީގުގެ ނަތީޖާތަކަށް ބަލާއިރު އެންމެ ދަށް ސީޒަނެވެ. މި ފަހަރު ލީގުގައި ޓޮޓެންހަމް މިހާތަނަށް ވަނީ 10 މެޗުން ބަލިވެފަ އެވެ. މީގެއިތުރުން، މޮރީިނިއޯ އެންމެ ފަހުން ކޯޗުކޮށްދިން އިނގިރޭސި ދެ ޓީމު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީން ވެސް އޭނާ ވަކިކުރީ ލީގުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ސީޒަންގެ މެދުތެެރެއިންނެވެ.

ޓޮޓެންހަމަށް ދެން އެންމެ އަވަހަށް އޮތީ އަންނަ އާދިއްތަ ދުވަހު ވެމްބްލީ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ ލީގު ކަޕްގެ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.