English Edition
Dhivehi Edition

ކުޑަކުދިންތަކެއް ސަކަރާތް ޖަހާ އަޑަށް ނީލް ބަލާލިއެވެ. އެވަގުތު ފިނި އިހުސާސެއް ކުރެވުނެވެ. ކުޑަކުދިން ކުޅެންތިބި ސަރަހައްދުގައި ހުރި އުދޯއްޔެއްގައި ޝެރިން އޮތްވާ ފެނުމުންނެވެ. ޝެރިންގެ ފަން ދިގު އިސްތަށިގަނޑު ބިންމަތީ ވެލިތަކާ ކުޅެމުން ގެންދިޔައެވެ.

“ހާދަ ފުން ޚިޔާލެއްގައި”

ޝެރިން ދިޔައީ ސިއްސައިގެންނެވެ. ބަލާލިއިރު އޭނަޔާ ވަރަށް ކައިރީގައި ނުވެސް ދަންނަ ފިރިހެނުން ކުއްޖަކު އިނެވެ. ޝެރިން ދުރަށް ޖެހިލިއެވެ.

“އަހަރެން މީ އަރާކާ އެއްޗެއް ނޫނޭ ޝެރިން ބިރުން ފިލާކަށް.”

“ކިހިނެއް އަހަރެންގެ ނަންއެގުނީ؟” ޝެރިން ހުރީ ހައިރާންވެފައެވެ.

“ހޯދާ މީހަކަށް ނަންވެސް އެގިދާނެ. އަހަންނަށް ކިޔަނީ ނީލް.” ނީލް ސަލާން ކުރަން އަތްދިގުކުރުމުން ޝެރިން ލަދުންހުރެ އެއަތުގައި ހިފިއެވެ. އެވަގުތު ނީލްގެ ހިތް ބާރަށް ތެޅިގަތެވެ.

“އިރުކޮޅަކު ވާހަކަ ދައްކާލަން މަޑޫކޮށްލެވިދާނެތަ؟” ޝެރިން ދާން ހިގައިގަތުމުން ނީލް ބުނެލިއެވެ.

“މިވަގުތު އަޅުގަނޑު ގޮސްލަނީ. މަންމައަށް ބޭސްދޭ ގަޑި އެޖެހެނީ. ދެން އެހެން ދުވަހަކުން ބައްދަލުކުރާނީދޯ.”

ހަށިގަނޑާއި އެއްގޮތަށް ފުރިހަމަ ރީތި އަޑެކެވެ. ޝެރިން ގޮސް ގެއްލެންދެން ނީލް އިނީ ބަލަހައްޓައިގެންނެވެ.

ޝެރިން ގެޔަށް ދިޔަ އިރު އޭނަގެ މަންމަ ހުރީ އޭނަ ލަސްވެގެން މަގުމައްޗަށް ނުކުމެއެވެ.

“މަންމާ! ކީއްކުރަން މަގުމައްޗަށް ނުކުމެ ތިހިރީ.”

“ދަރިފުޅު ލަސްވެގެން.”

“މަންމަ ބޭސްކާ ގަޑި އެޖެހެނީ. ހިގާ އެއްޗެއް ކާންދޯ.”

ޝެރިން އޭނަ މަންމައަށް ބެސްދީފަ އައިސް އޭނަގެ ވީރާނާ ވެފައިވާ ކޮޓަރީގައި ހުރި އެނދެއްގައި އޮށޯތެވެ. އެހެން އޮވެ ދިރިއުޅުމާމެދު ވިސްނަމުންދިޔައެވެ. ޝެރިން ވަޒީފާއަށް ގޮސް ލިބޭ ލާރިކޮޅު މަދުވުމުން މަންމައަށް ބެސްފަރުވާކޮށްފަ ގިނަފަހަރު ބޭނުންވާ އެހެނިހެން އެއްޗެހި ހޯދަން ފައިސާ ނުހުރެއެވެ.

ޝެރިންއަކީ އެހެންކުދިންނާއި ވަރަށް ތަފާތު ކުއްޖެކެވެ. ވަޒީފާ އަދާކުރަނީ ރަށުގެ ކޯޓުގައެވެ. އެކުގައޮ އުޅޭ ކުދިންނާވެސް ވާހަކަދައްކަނީ މަދުފަހަރަކުއެވެ.

ޝެރިން އޭނަގެ މަންމަގެ ބޭސް ހުސްވެގެން މަންމަ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދިޔަފަހަރަކު ޑޮކްޓަރު ވަނީ އޭނަގެ މަންމަ ހިތުގެ އޮޕަރޭޝަނެއް ކުރަންޖެހޭކަމަށެވެ. އަދި ވީހާވެސް އަވަހަށް މި އޮޕަރޭޝަން ނުކޮށްފިނަމަ އޭނާގެ މަންމަގެ ފުރާނައަށް ނުރައްކާކަމަށް ޑޮކްޓަރުވަނީ ބުނެފައެވެ. މިކަމާ ޝެރިން ވަރަށް ދެރަވިއެވެ. އަބަދު އެކަމާއި މެދު ވިސްނައެވެ. މަންމަ ނޫނީ ގާތްތިމާގެ މީހަކުވެސް އެކަކުވެސް ޝެރިންގެ ނެތެވެ.މަންމައަށް ކަމެއްވެއްޖިއްޔާ ޝެރިން މުޅިން އެކަނިވެދާނެއެވެ. ޝެރިން ހުންނަނީ ހަދާނެގޮތް ހުސްވެފައެވެ. މިވާހަކަތައް ދައްކާނެ ރަހުމަތްތެރިއަކުވެސް ނެތެވެ

އޮފީސްގަޑި ނިންމާފައި މިއަދު ޝެރިން ގެޔަކަށް ނުދެއެވެ. ޝެރިން ގޮސްއިނީ އަތިރިމަތީގައި އެލުވާފަހުރި އެއްކަލަ ޖޯލީގައެވެ. އެހެން އިދެ މަންމައާއި ދޭތެރޭ ވިސްނާފަ ރޮމުން ގިސްލަމުން ގެންދިޔައެވެ. މެންދުރުގެ ހޫނުގަދަ ވަގުތެއް ކަމުން މުޅި އެސަރަހައްދުގަވެސް މީހަކު ނޫޅެއެވެ. އެހެންނަމަވެސް އެދިލަ ހޫނުގެ އެއްވެސް އަސަރެއް ޝެރިންއަށް ނުކުރާކަހަލައެވެ. އަޑުން އަޑުނަގާ ރޮމުންގެންދިޔައެވެ.

މިމަންޒަރު ބަލަހައްޓައިގެން ދުރުގައި ހުންނަން ނީލްގެ ހިތަށް ކެތެއް ނުކުރެވުނެވެ.

“ކީއްވެތަ ތިރޮނީ. މީހަކު އެއްޗެކެ ބުނީތަ؟” ނީލް ސުވާލުކުރަމުން ގެނދިޔައެވެ. އެކަމަކު ޝެރިން ޖަވާބެއް ނުދިނެވެ. ހަމަ ރޮނީއެވެ.

“ޝެރިން! އާދޭސްކޮށްފަ ބުނަން. ވެގެން އުޅޭގޮތެއް އަހަންނަށް ކިޔައިދީބަލަ. އަހަރެންމީ ޝެރިންގެ ގާތް ރަހުމަތްތެރިއެއް ކަމަށް ބަލާފަ ތިހިތުގަ ހުރި ހުރިހާ އެއްޗެއް އަހަންނަށް ކިޔައިދީފާނަންތަ؟” ނީލް ދެކަކޫ މައްޗަށް ތިރިވެ ޝެރިންގެ ދެކަކުލުގައި އަތްއަޅައިގެން ވާހަކަ ދައްކަމުން ގެންދިޔައެވެ. ނީލް ޝެރިންގެ ކަރުނަތައް ފޮހެދިނެވެ.

“ޝެރިން. އާދޭސްކޮށްފަ މިއަހަނީ. ދެންބުނެބަ! ކިހިނެއްވީތަ ތިވަރަށް ތިރޮނީ. ދެން ހުއްޓާލާ.”

ޝެރިން ކަރުނުން ފުރިގެންވާ ދެލޮލުން ނީލްއަށް ބަލާލިއެވެ. ނީލްވެސް އިނީ ރޮވޭގޮތްވެފައެވެ.

މިއިން ދުވަހަކުވެސް އެއްވެސް މީހަކު ޝެރިން ކައިރިން ތިރޮނީ ކީއްވެހޭ އަހާވެސް ނުލައެވެ. ކިތަންމެ ދުވަހަކުވެސް ކިތަންމެ ބަޔަކަށް ޝެރިން ރޯންއިންދާ ފެންނާނެއެވެ. އެކަމަކު މިނުދަންނަ މީހާ ޝެރިންއަށް މިވަރަށް އަޅާލަނީ ކީއްވެގެންބާއެވެ.. ޝެރިންއާ އޭނައާއި އޮތީ ކޮންގުޅުމެއްބާއެވެ. ޝެރިންގެ ހިތުގައި އެއްފަހަރާ އެތަކެއް ސުވާލެއް އުފެދުނެވެ.

“ޝެރިން.” ނީލް ޝެރިންގެ ކަރުނަތައް ފޮހެލަމުން އަނެއްކާވެސް އަހާލިއެވެ.

“ކިހިނެއްވީތަ. ކިޔާދީބަ.” ނީލް އާދޭސްކުރަމުންދިޔައިރުވެސް ޝެރިން އިނީ ނީލްގެ މޫނަށް ބަލަހައްޓައިގެންނެވެ. އަދިވެސް ޝެރިންއަށް ގިސްލެވެނީއެވެ.

“އަހަރެންގެ މަންމަ……” މިހެންބުނެ އަނެއްކާވެސް ރޮވުނީއެވެ.

“ކިހިނެއްވީ މަންމައަށް.”

“ޑޮކްޓަރު ބުނީ އޮޕަރޭޝަން ނުކުރިއްޔާ ތިންމަސްފަހުން މަންމަ މަރުވެދާނޭ! އަހަރެންގެ ހަމައެކަނި ހުރިމީހަކީ މަންމަ.މަންމައަށް ކަމެއްވެއްޖިއްޔާ އަހަރެން…!” ޝެރިން މޫނުގައި އަތްއަޅައިގެން އިދެ ރޮމުން ވާހަކަދެއްކިއެވެ.

“އަހަރެން އެހީއެއް ވެދެންތަ؟” ނީލް ބޭނުންވީ ޝެރިންއަށް އެހީތެރިވެދިނުމަށެވެ.

“ނޫން ނޫން. އަހަރެން އެއްވެސް މީހެއްގެ އެހީތެރިކަމެއް ބޭނުމެއްނޫން. ޝުކުރިއްޔާ. އަހަރެން ލާރި ހޯދާނަން. މަންމައަށް ފަރުވާ ކުރާނަން.”

” ޝެރިން ހާދަ ހިތްވަރުގަދައޭ. އިރާދަކުރެއްވިއްޔާ މާތްﷲ ޝެރިންއަށް ކާމިޔާބުދެއްވާނެ.” ނީލް ޝެރިންގެ އަތުގައި ހިފަމުން ބުނެލިއެވެ.

ނީލްއާއި ޝެރިން އިރުކޮޅަކު ވާހަކަދައްކަން ތިބެފަ ދެކުދިން ގެޔަށް ދާން ހިގައިގަތެވެ. ނީލް ހުރީ ވަރަށް އުފާވެފައެވެ. ޝެރިން ހަމައަކަށް އަޅުވާލެވުނީމައެވެ ޝެރިންއާއި އެކު ވަގުތުކޮޅެއް ހެދަކުރެވުނީތީއެވެ. ޝެރިންގެ އެކުވެރިއެއްގެ މަގާމަށް އާދެވުނީތީއެވެ.

ކޮންމެ ދުވަހަކުވެސް އޮފީސް ނިންމާފަ ނުކުންނަ ގަޑިއަށް ނީލް، ޝެރިން ބަލާ ސައިކަލުގައި ގޮސްހުރެއެވެ. ގެއަށްދާ މަގުމަތީގައި ދެކުދިން ވާހަކަ ދެކެވި ދެކުދިންނަކީ ވަރަށް ގާތް ދެއެކުވެރިންނަށްވިއެވެ.

އާދައިގެ މަތިން އޮފީސް ނިންމާފަ ގެޔަށްދިޔަ މަގުމަތީގައި ޝެރިން ނީލްއާ ވަރަށް ގިނަ ވާހަކަ ދެއްކިއެވެ.

“ނީލްއަށް އެގޭތަ. އަންނަ މަހު އަހަރެން މިއުޅެނީ ޗުއްޓީ ނަގަން.”

“އެއީ ކީއްވެ ޗުއްޓީ ނަގަނީ.” ނީލް އަހާލިއެވެ.

“މަންމަ އޮޕަރޭޝަން ކުރަން އިންޑިއާ އަށް ދާން.” ޝެރިން ހުރީ އުފާވެއެވެ.

“އޮސްޓްރޭލިއާއަށް ދާންވީނުން. އަހަރެން މަންމަ ކައިރިއަށް. އޭރުން އަހަންނަށްވެސް ދެވިދާނެ.” ނީލް ބޭނުންވީ ޝެރިންއާ އެކީ ދާށެވެ.

“އަހަރެމެންނަކީ ނީލްހާ ތަނަވަސް ބައެއްނޫން. ކިރިޔާ ދަތުރަށްވާ ވަރަށް އަހަންނަށް ސޭވްކުރެވުނީ.”

“އޯކޭއޭ. އަހަރެންވެސް މިހިރީނުން. ކޮންކަމަކާ ޝެރިން ހާސްވަނީ.” ނީލް ބޭނުމީ ކޮންމެ ގޮތެއް ހަދާފަވެސް ޝެރިންއަށް އެހީވާށެވެ.

“ނޫން. އަހަރެންގެ މަންމައަށް ފަރުވާކުރާނީ އަހަރެން މަސައްކަތުން ހޯދާ ފައިސާއިން. އެއްވެސް މީހެއްގެ އެހީއެއް އަހަރެން ބޭނުމެއް ނޫން.” ޝެރިންއަކީ ވަރަށް ވަރުގަދަ އަޒުމެއް ގެންގުޅޭ ކުއްޖެއްކަން ނީލްއަށް އެގެއެވެ. އެހެންކަމުން ނީލް ބަލިގަބޫލުކުރިއެވެ.

“ނީލް! އަހަރެމެން އޮފީސްކުދިން މާދަން ދަތުރުދާން މިއުޅެނީ. އަހަންނަށް ކަމެއްކޮށްދީފާނަންތަ.؟” ޝެރިން އަހާލިއެވެ.

“އަވަހަށް ވިދާޅުވޭ” ނީލްހުރީ އެކަހަލަ ފުރުސަތަކަށް ބަލަބަލާއެވެ. އޭނަގެ ފަރާތުން ޝެރިންއަށް އެހީއެއް ދެވޭނެ ދުވަހަކަށް އިންތިޒާރުގައެވެ.

(ނުނިމޭ)