ސްޕެނިޝް ކަޕްގެ ފައިނަލްގައި ރޭ އެތުލެޓިކް ބިލްބާއޯ ކޮޅަށް ދެވަނަ ހާފުގެ 12 މިނެޓުގެ ތެރޭގައި ވައްދާލި ހަތަރު ލަނޑާއެކު ބާސެލޯނާ އިން އެ މުބާރާތުގެ ޗެމްޕިއަންކަން 31 ވަނަ ފަހަރަށް ހޯދައިފިއެވެ.
މިއީ ބާސެލޯނާގެ މިހާރުގެ ކޯޗު ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން އެ ޓީމު އުފުލާލި ފުރަތަމަ ތަށްޓެވެ. މީގެއިތުރުން، މިއީ ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި ސްޕެނިޝް ކަޕްގެ ފައިނަލްގައި ބިލްބާއޯ ބަލިވި ދެވަނަ ފަހަރެވެ. ކޮވިޑް-19 އާ ގުޅިގެން ފަސްކުރެވުނު މިދިޔަ ސީޒަންގެ ސްޕެނިޝް ކަޕް ފައިނަލް މެޗު މި އޭޕްރީލް މަހުގެ ތިން ވަަނަ ދުވަހު ކުޅެވިގެންދިޔައިރު އެ މެޗުގައި ބިލްބާއޯ ބަލިކޮށް ރެއާލް ސޮސިއެޑާޑުން ވަނީ އެ މުބާރާތުގެ ތަށި ކާމިޔާބުކޮށްފައެވެ.
ސެވިއްޔާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ދެ ޓީމެއް ލަނޑެއްނުޖެހި ނިންމާލިއިރު މި ހާފުގައި ބާސެލޯނާގެ އެޓޭކްތައް ނާކާމިޔާބުކޮށްލުމުގައި ބިލްބާއޯގެ ކުޅުންތެރިން ވަނީ ބުރަ މަސައްކަތްތަކެއްކޮށް އެކަން ކާމިޔާބުކޮށްފައެވެ. އެކަމަކު، ބިލްބާއޯ އަށް ބާސެލޯނާގެ ހަމަލާތައް ހުއްޓުވުނީ ދެވަނަ ހާފުގެ ކުރީކޮޅާ ހަމައަށެވެ.
ބާސެލޯނާ އިން މި މެޗުގައި ލީޑްނެގީ 60 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ހުނަރުވެރި މިޑްފީލްޑަރު ފްރެންކީ ޑި ޔޯން ތަނަވަސްކުރި ފުރުޞަތަކުން އެންޓޮއިން ގްރީޒްމަން އެވެ. އޭގެ ތިން މިނެޓުފަހުން، ޑި ޔޯން ވަނީ ސްޕެއިނުގެ އިތުބާރު ފުލްބެކް ޖޯޑީ އަލްބާ ދިން ބޯޅައަކުން ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.
ބާސެލޯނާ އިން ރޭގެ މެޗުގައި ޖެހި ތިންވަނަ ލަނޑު، 68 ވަނަ މިނެޓުގައި ޑި ޔޯން ދިން ބޯޅައަކުން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކޮށްދިންއިރު އޭގެ ހަތަރު މިނެޓުފަހުން މެސީ ވަނީ އިތުރު ލަނޑެއްޖަހައި ބާސެލޯނާ އަށް ބޮޑު މޮޅަކާއެކު ސްޕެނިޝް ކަޕްގެ ތަށި ޔަގީންކޮށްދީފައެވެ.
އޭގެފަހުން، މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ބާސެލޯނާ އިން ގޯލެއް ކާމިޔާބުކުރިނަމަވެސް ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެ ބޯޅަ ފޮނުވާލިއިރު ގްރީޒްމަން އޮފްސައިޑް މަގާމެއްގައި ހުރި ކަމަށް ނިންމައި ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ.
ބާސެލޯނާ އަށް ދެން އޮތީ ލީގުގައި އަންނަ ހުކުރު ދުވަހު އަމިއްލަ ދަނޑުގައި ގެޓަފޭއާ ދެކޮޅަށް ކުޅޭ މެޗެވެ. މިވަގުތު ތާވަލްގެ ތިންވަނައިގައި ބާސެލޯނާ އޮތްއިރު، އެންމެ ކުރީގައި އުޅޭ އެތުލެޓިކޯ މެޑްރިޑާ އެ ޓީމާ ދެމެދު ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.