އިނގިރޭސި އެފްއޭކަޕް ސެމީ ފައިނަލްގައި ރޭ ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީ ބަލިކޮށް ޗެލްސީން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. މި މެޗުން ޗެލްސީ މޮޅުވީ 1-0 އިންނެވެ.
މިއާއެކު ސިޓީން މި ފަހަރުގެ ސީޒަނުގައި ހަތަރު މުބާރާތް ކާމިޔާބުކުރުމަށް ދެކެމުންއައި ހުވަފެންތަކަށް ވަނީ ނިމުން އައިސްފައެވެ.
މިއީ ޗެލްސީން އެފްއޭކަޕްގެ ފައިނަލަށް ދަތުރުކުރި 15 ވަނަ ފަހަރެވެ. ޗެލްސީ އަށް ވުރެ ގިނައިން އެފްއޭކަޕްގެ ފައިނަލްގައި ކުޅެފައިވަނީ އާސެނަލް (21) އާއި މެންޗެސްޓާ ޔުނައިޓެޑް (20) އެވެ. މީގެއިތުރުން މިއީ މި މުބާރާތުގެ ސެމީ ފައިނަލުން ސިޓީ ޖެހިޖެހިގެން ކެޓި ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ސެމީގައި ސިޓީ ކަޓުވާލީ ޗެމްޕިއަންކަން ހޯދި އާސެނަލް އެވެ.
ސިޓީން ރޭގެ މެޗަށް ނިކުތީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ބޮރޫޝިއާ ޑޯޓްމަންޑްގެ ދަނޑުގައި 2-1 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ 55 ވަނަ މިނެޓުގައި ޗެލްސީ އަށް ކާމިޔާބުކޮށްދިނީ މޮރޮކޯގެ ވިންގާ ހަކީމް ޒިޔެޗް އެވެ. މިއީ ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ ތަނަވަސްކުރި ފުރުޞަތަކުން ޒިޔެޗް ކާމިޔާބުކުރި ގޯލެކެވެ. މިއީ މި ފަހަރުގެ ސީޒަނުގައި ޗެލްސީ އަށް ޒިޔެޗް ޖަހައިދިން ފަސްވަނަ ގޯލެވެ. މީގެތެރެއިން ހަތަރު ލަނޑުޖަހާފައިވަނީ ކަޕް މެޗުތަކުގައެވެ. އަދި އޭގެތެރެއިން ތިން ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ވާނާ އެވެ.
ރޭގެ މެޗުގެ ކުރީކޮޅު ސިޓީ އަށް ލީޑްނަގައިދިނުމަށް ބްރެޒިލްގެ ފޯވާޑް ގެބްރިއެލް ޖެސޫސް އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލަގާ މަތަކުރިއިރު ފަހު ހާފުގައި ސިޓީ އަށް ލިބުނު އެންމެ ރަނގަޅު ދެ ފުރުޞަތުގައި ސްޕެއިނުގެ މިޑްފީލްޑަރު ރޮޑްރީ ފޮނުވާލި ދެ ހަމަލާގެ ހުރަހަކަށްވީ ވެސް ކެޕާ އެވެ. މި މެޗުގައި ސިޓީ އަށް އިތުރު މައްސަލަތައް ކުރިމަތިވީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުރީކޮޅު ބެލްޖިއަމްގެ ތަރި ކެވިން ޑިބްރޭނާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަން ޖެހުމުންނެވެ.
ޗެލްސީން ރޭގެ މެޗުގެ އިތުރުވަގުތުގައި ވެސް ގޯލެއް ކާމިޔާބުކުރި އެވެ. އެމެރިކާގެ ހުނަރުވެރި ކުޅުންތެރިޔާ ކްރިސްޓިއަން ޕުލިސިޗް މި ބޯޅަ ފޮނުވާލިއިރު އޮފްސައިޑް މަގާމެއްގައި ހުރިކަމަށް ނިންމާ ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ.
ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދައްކަމުން އަންނަ ޗެލްސީ އަށް ދެން އޮތީ ލީގުގައި އަންނަ އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ބްރައިޓަން ހޯވް އެންޑް އެލްބިއަންއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ އެއް ދުވަސް ފަހުން ސިޓީ ނިކުންނާނީ ރަށުން ބޭރުގައި އެސްޓަން ވިލާއާ ދެކޮޅަށެވެ. އޭގެފަހުން އެ ޓީމަށް އޮތީ އަންނަ އާދީއްތަ ދުވަހު ކަރަބާއޯ ކަޕް ފައިނަލްގައި ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅޭ މެޗެވެ.
މި މުބާރާތުގެ ފައިނަލްގައި ޗެލްސީއާ ދެކޮޅަށް ނިކުންނާނީ މިރޭ ކުޅެވޭ ސެމީގެ ފަހު މެޗުގައި ލެސްޓާ ސިޓީ އާއި ސައުތެމްޓަން ކުރެން މޮޅުވާ ޓީމަކާ އެވެ.