English Edition
Dhivehi Edition

މާބަނޑު މީހުންނަށް ކޮވިޑުން ދިފާޢުވާ ވެކްސިން ދިނުމުގައި ހުރަހެއްނެތްކަމަށް އިނގިރޭސި ވިލާތުން ބުނެފިއެވެ. މާބަނޑު ދުވަސްވަރު ކޮވިޑް ޖެހުމުގެ ސަބަބުން ޙާލުބޮޑުވެ ދުނިޔެ ދޫކޮށްފައިވާ ޢާއިލާތަކާއި މިކަމަށް ކެމްޕޭން ކުރަމުންދާ އެތައް ބައެއްގެ އާދޭސް އަޑުއަހާ މިކަމަށް އިޖާބަ ދެމުން އިނގިރޭސިވިލާތުގެ ވެކްސިނާއި އިމިއުނިޒޭޝަނާއި ބެހޭ ޖޮއިންޓް ކޮމިޓީން ހުކުރު ދުވަހު ބުނީ މާބަނޑު އަންހެނުންނަށް ފައިޒާ ނުވަތަ މޮޑާނާ ޖެބް ޖެހުމުގައި އެއްވެސް ހުރަހެއްނެތްކަމަށެވެ.
ވެކްސިނާއި ގުޅޭ ގޮތުން މިހާތަނަށް ހޯދިފައިވަނީ މަދު މަޢުލޫމާތު ތަކެއް ކަމުން މާބަނޑު މީހުންނަށް ވެކްސިން ޖެހުމާއި ނުޖެހުމަށް ގޮތެއް ނުނިންމި ވަނިކޮށް އެމެރިކާގެ 90000 މާބަނޑު މީހުންނަށް ވެކްސިން ޖަހައިގެން ލިބުނު ތަޖްރިބާގެ އަލީގައި މާބަނޑު އަންހެނުންނަށް ކޮންމެ ދުވަސްވަރަކުވެސް ވެކްސިން ޖެހިދާނެ ކަމަށް ދިރާސާ ޓީމުން ވަނީ ލަފާދީފައެވެ. އަދި މިއީ ދެމައިންގެ ހަށިގަނޑުގައިވެސް ކޮވިޑުން ދިފާޢުވާ އެންޓި ބޮޑީ އުފެދި މައިމީހާގެ އިތުރުން ބަނޑުގައިވާ ކުޑަ ދަރިފުޅުގެ ސިއްޙަތަށްވެސް ހެޔޮ އަސަރެއް ކުރާނެ ކަމެއްކަމަށް އެޓީމުން ބުނެއެވެ.
ކޮންމެ އަހަރަކު 7 ލައްކައަށް ވުރެ ގިނަ އަންހެނުން ޔޫކޭގައި ބަލިވެއިންނައިރު މި ޚަބަރާއެކު މިފަރާތްތަކާއި އަދި އޭގެ އިތުރުންވެސް އެތައްހާސް ޢާއިލާއަކަށްވަނީ އުފާވެރިކަން ގެނެސްދީފައެވެ. މާބަނޑު އަންހެނުންނަށް ވެކްސިން ނުޖަހާ މިދިޔަ ދުވަސްތަކުގެ ތެރޭ ކޮވިޑް ޖެހިގެން ޙާލު ބޮޑުވެ ވިހެއުމުގެ ތެރޭ ނުވަތަ ވިހެއުމަށްފަހު ދުނިޔެ ދޫކޮށްފައިވާ މީހުންގެ ޢާއިލާތަކުން އެކަމުގައި އުފުލި ވޭނާއި ކުރި ހިތާމަތައް އިތުރު ބަޔަކު ދެންކުރަން ނުޖެހޭނެ ކަމަށް ޢާއިލާތަކުން ބުނަމުން ދެއެވެ.

އެމެރިކާގައި ކުރެވުނު ދިރާސާއިން މާބަނޑު މީހުންނަށް އެންމެ ރައްކާތެރި 2 ވެކްސިންގެ ގޮތުގައި ފާހަގަވީ ފައިޒަރ/ބަޔޮއެންޓެކާއި މޮޑާރނާ ވެކްސިނެވެ. އިނގިރޭސި ވިލާތުގައި އެންމެ ޢާއްމުކޮށް ޖަހަމުން އަންނަ އޮކްސްފޯޑް/އެސްޓްރާޒެނެކާ ޖެބް ޖެހުމަށް އެމެރިކާގައި އަދި ހުއްދަ ދީފައެއް ނުވެއެވެ.
ފައިޒަރ ވެކްސިނާއި މޮޑާނާ ވެކްސިނަކީ ކޮވިޑް-19 އިން، 95 އިން ސައްތަ ސަލާމަތްކޮށްދޭ ވެކްސިނަކަށްވާއިރު މިވެކްސިން ބޭނުންކުރާ ޢުމުރުން ދުވަސްވީ އެއްވެސް މީހަކު ޙާލުބޮޑުނުވެ ސައްތައިން ސައްތަ ރަނގަޅު ވެފައިވެއެވެ. ދާދި ފަހުންވަނީ މި ދެ ވެކްސިންގެ ފުރަތަމަ ޑޯޒުންވެސް ހަށިގަޑުގައި މަތީ ދަރަޖައަކަށް އެންޓި ބޮޑީސް އުފައްދައިދޭކަން ހޯދިފައެވެ.