English Edition
Dhivehi Edition
"ކޯވިޑް-19 ދިފާޢު" ކެމްޕޭން ރަސްމީގޮތުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒަށް ނަންބަރު ދޫކުރާނީ ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ފުރަމާލެ ސަރަޙައްދުގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒަށް ޓޯކެން ދޫކުރާނީ ދެ ދަންފަޅިއަކަށް ކަމަށާއި، މިގޮތުން އޮންލައިންކޮށް ޓޯކެން ދޫކުރާނީ 09:00 ގައާއި 12:00 ގައި ކަމަށެވެ. އަދި މިހާރު ކޮވިޝީލްޑް ދެވަނަ ޑޯޒް ޖެހުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ 01 ފެބުރުވަރީ 2021 އާއި 15 މާރިޗު 2021 އާ ދެމެދު މި ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި ފަރާތްތަކަށް ކަމަށްވެސް އެޗްޕީއޭ އިން ހާމަކުރެއެވެ.

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން 2 ވަނަ ޑޯޒް ނުޖެހިތިބި ފަރާތްތަކަށް އެޕޮއިންޓްމަންޓް
ދީގެން ވެކްސިން ޖަހަން ފަށާފައި ވަނީ އިއްޔެއެވެ. އެޗްޕީއޭ އިން ވަނީ ވެކްސިން ޖަހަންދާއިރު، އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމަކާއި ވެކްސިން ކާރޑް ގެންދިއުމަށާއި، ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން ދެއްކޭނެ ހެދުމެއް ލައިގެން ދިއުމަށާއި، ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށާއި، ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުމަށް ހަނދާންކޮށްދީފައެވެ.

އަދި ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުމަށްވެސް އެޗްޕީއޭ އިން ވަނީ އަންގައިފައެވެ.