English Edition
Dhivehi Edition
ފޮޓޯ: ވޮއިސް

ސޯޝަލް ސެންޓަރުން ކޮވިޑް ސާމްޕަލް ނަގާ ގަޑިތަކަށް ގެނައި ބަދަލާއެކު ބޮޑު ކިޔޫއެއް ދަމާލައިފިއެވެ.

ސޯޝަލް ސެންޓަރުގައި ހުންނަ ސާމްޕަލް ސެންޓަރު މިރެ އާއި މާދަމާ ހުޅުވާފައި ހުންނާނީ ރޭގަނޑު 7:30 އިން 9:30 އަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ މާލެ ސަރަހައްދުގައި ކޮވިޑު ކޭސްތައް އިތުރުވާން ފެށުމުންނެވެ.

އެ ސަރަހައްދަށް އެއްވެ ތިބި މީހުން ބުނީ އެޗްޕީއޭ ގެ މި ކުއްލި ނިންމުމަކީ ވަރަށް ދެރަ ނިންމުމެއް ކަމަށާއި ކުއްލިއަކަށް ނިންމާ މިފަދަ ނިންމުމުގެ ސަބަބުން ރައްޔިތުންނަށް ދެރަ، ނިކަމެތިކަން ލިބޭނޭ ކަމަށެވެ.

“އަމުދުން މިއީ ގިނަ ބަޔަކު އަތޮޅުތަކުން މާލެ އައިސް ތިބި ވަގުތަކަށްވާ އިރު، މިހެން ކުއްލިއަކަށް ނިންމީމަ އޭގ ދެރަ އެ ލިބެނީ ނިކަމެތި ރައްޔިތުންނަށް. ކޮންމެވެސް ވަރަކަށް ރައްޔިތުންނަށް ބަލާލަންވާނެ ދޯ މިގޮތަކަށް ނިންމާއިރު.” ހިތްހަމަ ނުޖެހިފައި ހުރި މީހަކު ބުންޏެވެ.

މާލެ، ހުޅުމާލެ، ވިލިމާލޭ ގައި ހަފްތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ 5 އިންސައްތަ އަށްވުރެ މަތިވެފައިވާތީ މާދަމާ އިން ފެށިގެން މާލެ ސަރަޙައްދުން ދަތުރުކުރުމުގައި ޕީސީއާރް ޓެސްޓް ހަދަންޖެހޭ ގޮތަށް އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.

އެ ނިންމުމާއި ގުޅިގެން، ކޮވިޑް ޓެސްޓް ހެދުމަށް ސާމްޕަލް ނެގުމަށް ސޯޝަލްސެންޓަރު ހިމެނޭ ސަރަހައްދުގައި މިހާރުވަނީ އެތައް ސަތޭކަ ބަޔަކު ކިއޫ ހަދާފައެވެ. ސޯޝަލް ސެންޓަރުގެ ރަސްފަންނާއި ވީފަޅިން ފެށިގެން ހިރިޔާ ސްކޫލާހަމައަށް އެ ކިއޫ ވަނީ ދަމާލާފައެވެ.

ކޮވިޑާއި ގުޅިގެން މިއަދު އެޗްޕީއޭއިން މާލެ ސަރަޙައްދުން ދަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަރާތެއްވާނަމަ، 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމާއި ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ޕީސީއާރ ޓެސްޓު ހަދައި ނަތީޖާ ނެގެޓިވްވުމުން ހިމެނެއެވެ. އެކަމަކު މިފަދަ މީހުންނާއެކު ދަތުރުކުރަންޖެހޭ ވެކްސިން ނުޖެހޭ ޢުމުރުގެ ކުޑަކުދިން އިސްތިސްނާކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަރާތެއްވާނަމަ ދަތުރުކުރުމުގެ 72 ގަޑިއިރުނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރުމަށް ވެސް ވަނީ އަންގާފައެވެ. އަދި މާލެ ސަރަޙައްދުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ” ކޮވިޑްސޭފް” ޕޯޓަލްއިން ނެގެޓިވް ނަތީޖާ ދެއްކުމަށްފަހު ދަތުރުކުރުމަށް އަންގާފައިވެއެވެ.

މީގެ އިތުރުން ކަރަންޓީނުވުމަށް ދަތުރުކުރާ ފަރާތްތަކުން ހާލުބެލުން ޕޯޓަލް އިން ހުއްދަ ހޯދައިގެން ދަތުރުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.