English Edition
Dhivehi Edition
ފުވައްމުލައް ސިޓީގައި މީހަކު ވެކްސިން ޖަހަނީ: ފޮޓޯ ފުވައްމުލައް ހޮސްޕިޓަލް

ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތު ފުރިހަމަވާ މީހުންނަށް ފައިޒަރ ވެކްސިން ޖަހައިދެމުންދާއިރު، ރަށްރަށުގައި ތިބި، ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ މީހުން އެރަށެއްގެ ހެލްތް ސެންޓަރ ނުވަތަ ހޮސްޕިޓަލް މެދުވެރިކޮށް ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިވަގުތު ވެކްސިންގެ އިތުރު ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައިވަނީ ފައިޒަރ ވެކްސިން ކަމަށާއި، އިތުރު ވެކްސިން ޑޯޒް ޖަހާނީ ކޮވިޑް-19 ގެ އެއްވެސް ވެކްސިނެއްގެ 2 ވަނަ ޑޯޒް ޖެހިފަހުން 6 މަސް ދުވަސް ފުރިހަމަވެފައިވާ މީހުންނަށް ކަމަށެވެ.

ކޮވިޑް-19 ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ މީހުންނާއި، ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނާއި، ސިއްހީ ޚިދުމަތްތެރިންނަށް އިތުރު ވެކްސިން ޑޯޒްއެއް ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން ވަނީ ލަފާދީފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ކޮވިޑް-19 ވެކްސިންގެ އިތުރު ޑޯޒް ޖެހުމަށް ހަމަޖެހިފައިވާ މީހުންނަކީ ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްޙީ ޚިދުމަތްތެރިންނާއި، 60 އަހަރުންމަތީގެ މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުން ކަމަށެވެ. މީގެ ތެރޭގައި ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި، އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުންކުރާ މީހުން ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 348،662ށް އަރައިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.