English Edition
Dhivehi Edition

މިއަދު އަޅުގަނޑު މިލިޔަނީ ރަމްޝާން މަހުގެ ރޯދަ ވީއްލާގަޑިއަށް ފުވައްމުލަކުގައި، ވަރަށް މަޝްހޫރު ޒަމާންވީ ރަހައެއް ކަމަށްވާ، ކުޅިބަތްޕެން (ގަރޮބައްފެން) ކައްކާގޮތެވެ.

ކުޅިބަތްޕެން (ގަރޮބައްފެނަކީ)، ރާއްޖޭގެ އެކި ހިސާބު ތަކުގައި އެކި ގޮތްގޮތަށް ކައްކައި އުޅޭ އެއްޗެކެވެ. ފުވައްމުލަކު މީހުން އާންމުގޮތެއްގައި، ކުޅިބަތްޕެން (ގަރޮބައްފެން) ކައްކައި އުޅެނީ ރަމަޟާން މަހުގެ ރޯދަ ވީއްލާ ގަޑިގައި ކައިއުޅޭ ހިތީގެ ބަދަލުގައެވެ. ފުވައްމުލަކުގެ ބައެއް ގޭގޭގައި، މިހާރުވެސް ރޯދަ ވީއްލާ ގަޑިއަށް ކައްކައި އުޅެނީ ހިއްޗެވެ.

އެންމެ ފުރަތަމަ ހިތި ކައްކައި އުޅުނީ ބަނބުކޭލުން ނެވެ. ނަމަވެސް ހިތި ކެއްކުމުގެ ވައްޓަފާޅިއަށްވެސް ބަދަލުތަކެއް އައިސް މިހާރު އާންމުގޮތެއްގައި ހިތި ކައްކައި އުޅެނީ އަލަދަރިއާއި، އަލުވި އަދި މާޅޮސްކެޔޮ އަޅައިގެންނެވެ. ހިއްޗަކީ ރިހަ ފާޑަށް ކައްކާފައި ހުންނަ ސޫޕު ކަހަލަ އެއްޗެކެވެ. އަދި މިއީ އަނގަޔަށް މީރު ކެއުމެކެވެ. ރަށުގެ އެކި ހިސާބު ތަކުގެ މީހުން ރޯދަ ވީއްލާގަޑިއަށް ހިތި އަދި ކުޅިބަތްޕެން ކެއްކުމުގައިވެސް ތަފާތު ގޮތްތަކެއް ގެންގުޅެއެވެ. ޒަމާނާއި އެކު މިތަކެތި ކެއްކުން މަދުވެފައިވީ ނަމަވެސް ފުވައްމުލަކުގެ ފުނާޑު، މިސްކިތްމަގު، އަދި ދޫނޑިގަމުގައި އަދިވެސް ރޯދަ ވީއްލާ ގަޑިއަށް ހިތި ނުވަތަ ކުޅިބަތްޕެން (ގަރޮބައްފެން) އާންމުކޮށް ކައްކައި އުޅެއެވެ.

މި ރެސިޕީއަކީ އަޅުގަނޑުގެ މަންމަ ކުޅިބަތްޕެން(ގަރޮބައްފެން) ކައްކާ ގޮތުގެ ރެސިޕީއެވެ. މަންމަގެ ކުޅިބަތްޕެން(ގަރޮބައްފެން) އަކީ މިހާތަނަށް އޭގެ ރަހަބެލި އެންމެންގެ ވެސް ތަޢުރީފު ލިބިފައިވާ އެއްޗެކެވެ. އެންމެންވެސް ބުނެފައިވަނީ ވަރަށް ރަހަ މީރު ކަމަށެވެ. ތިބޭފުޅުންވެސް މި ރެސިޕީ އަޖުމަ ބައްލަވައި ލައްވާށެވެ.

ބޭނުންވާ ތަކެތި: (15 ވަރަކަށް މީހުންނަށް ކެވޭ މިންވަރަށް)

  • 6 ފިޔާ (އާދައިގެ ސައިޒުގެ)
  • 6 އަރި ލޮނުމެދު
  • ރޯ އިނގުރު 2(އިންޗި ހުންނަވަރުގެ)
  • 3 ރޯމިރުސް/ގިތެޔޮ މިރުސް
  • ރާނބާފަތް ( ރަހަލާ ވަރަށް)
  • ހިނކަދިފަތް
  • 3 ބިލަމަގު
  • 1 ޖޯޑު ބާސްމަތީ ރައިސް ( އަވީލައިފައި)
  • 3 ކާށީގެ ހުނި ( ބޮޑު ކާށިނަމަ)
  • 3 ޖޯޑު ހުންނަވަރަށް މުރަނގަފަތް
  • 3 އަރި ރޯމަސް ( އާދައިގެ ވަރެއްގެ)، މަހުގެ ބަނޑުތެރޭގެ ސާމާނުތައް،(ދޮންބިސް،ކިރު،މޭ،ބަނޑައިދޫވެސް އާންމުގޮތެއްގައި ފުވައްމުލަކު މީހުން ބޭނުން ކުރާނެ).
  • 3 ސައި ސަމުސާ ރީނދޫ
  • 1 ސައި ސަމުސާ އަސޭމިރުސް ( މުގުރާފައި)
  • 2 ސައި ސަމުސާ،ފޮނިތޮށި ކާފޫރުތޮޅި(މުގުރާފައި)
  • 2 ސައިސަމުސާ، ދިރި ( މުގުރާފައި)
  • ރަހަލާ ވަރަށް ލޮނު

ކައްކާނެގޮތް:

އެންމެ ފުރަތަމަ، މަސްކޮށާލާނީއެވެ. މިއަށް މަސްކޮށަންވާނީ ރިހަކައްކަން ކޮށާ މިންވަރަށްވުރެ ކުދިކޮންނެވެ. އެއަށްފަހު ހުނިގޭނުމަށްފަހު ކިރު ފެލާލާނީއެވެ. ކިރު ފެލާނީ ބޯކިރާއި ފެންކިރު ވަކިންނެވެ. ފުރަތަމަ ނަގަންވާނީ ބޯކިރެވެ. އާދައިގެ ވަރެއްގެ ބޮޑު ބޯތަށްޓެއްގެ ބޯކިރު ނަގަންވާނެއެވެ. މީގެ ރަހަ މީރުކުރުމަށްޓަކައި ބޯކިރު ގިނައިން ބޭނުންވާނެއެވެ. އެއަށްފަހު ފިޔާ،މިރުސް،ކުދިކޮށް ކޮށައިލާނީއެވެ. އޭގެފަހުން އިނގުރު، ލޮނުމެދު ގާނާލާނީއެވެ. ދެން އެއަށްފަހު ކޮށާފައި ހުރި، ފިޔާ އަދި މިރުހުން ބަޔަކާއި ދިރި،ފޮނިތޮށި،ކާފޫރުތޮޅި އަދި ލޮނުމެދު،އިނގުރު ޕޭސްޓުން ބައެއް ނަގާފައި ބޯކިރުތަށްޓަށް އަޅައި މަތިޖަހާލާށެވެ. ރާނބާފަތް،2 އިންޗި ހުންނަވަރަށް ކުދިކޮށްލާށެވެ. އަދި ބިލަމަގުވެސް ކުދިކޮށް ކޮށައިލާށެވެ.

އެއަށްފަހު އަވީލައިފައި ހުރި ހަނޑޫ ދޮވެލުމަށްފަހު ކައްކަން ބޭނުންކުރާނޭ ތެއްޔަށް ހަނޑޫކޮޅު އަޅައިލާށެވެ. ދެން އޭގެތެތެރެއަށް، ކޮށާފައި ހުރި ފިޔާ އަދި މިރުހުން،ބޯކިރަށް ނަގާފައި ބާކީ ހުރި ބަޔާއި، ބިލަމަގު، ރާނބާފަތް،ހިނކަދިފަތް،ރީނދޫ، ގާނާފައި ހުރި ލޮނުމެދު،އިނގުރުން ބޯކިރަށް ނަގާފައިބާކީހުރި ބައި، މުރަނގަފަތް،ހަނޑޫކޮޅުގެ މައްޗަށް ތެއްޔަށް އަޅައިލާށެވެ. ދެން ކުރިން ނަގައިފައި ހުރި ފެންކިރު އޭގެ ތެރެއަށް އަޅައިލާށެވެ. އަދި ލޮނު އެޅުމަށްފަހު އުނދުން ޖައްސައި ކައްކަން ފަށާށެވެ. ރަގަޅަށް ކެކިގަތީމައި، ކުދިކޮށް ކޮށައިފައިހުރި ރޯމަސް ރަގަޅަށް ދޮވެލުމަށްފަހު،އަޅައިލާށެވެ. ކެކެމުންދާއިރު އުނދުޅިއަކުން ރަގަޅަށް ހަލަމުންދާށެވެ.އެހެންނޫނީ ހަނޑޫކޮޅު ވަރަށް ފަސޭހައިން ތެލީގެ ފުލުގައި ހިފާނެއެވެ.އަދި ރަހަ އޭރުން ވަރަށް ނުބައިވެދާނެއެވެ. ހުރިހާ އެއްޗެއް ރަގަޅަށް ކެކި، ހަނޑޫކޮޅު އެއްކޮށް މަޑުވީމައި،ބޯކިރުތަށި އަޅައިލާށެވެ. ހަނޑޫކޮޅު ރަގަޅަށް މަޑުވީމާ ބަތްފުއްހެން ފެންނާކަށް ނުހުންނާނެއެވެ. އޭރުން ހުންނާނީ ސޫޕު ހުންނަކަހަލަ ގޮތަކަށް އޮލަކޮށެވެ. މާބޮޑަށް ފެންކޮށް ނުވަތަ އޮލަކޮށް ހުރެގެން މީރެއްނުވާނެއެވެ. ވީމާ އުނދުނުން ބޭލުމުގެ ކުރިން އަދި ރަގަޅަށް ދިޔަގަނޑު ހެޔޮވަރު ކުރަންވާނެއެވެ.ދެން ހުރިހާ އެއްޗެއް އެއްކޮށްލާފައި އިރުކޮޅަކު ކައްކައިލާށެވެ. ( ކައްކަންވާނީ ގިނި މަޑުކޮންނެވެ). އާންމުގޮތެއްގައި މިހާވަރަށް ކައްކަން ބައިގަޑިއެއްހާ އިރުވާނެއެވެ.

މިއީ އަނގަޔަށް މީރު ސިއްޙަތަށް ފައިދާހުރި ކެއުމެކެވެ.

ޓެގު