English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ރޯދަވީއްލުމަށް ފަހު ކާން ވަރަށް މީރު ފޮނިއެއްޗެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ސްޓްރޯބެރީ ވެނީލާ ސްޕޮންޖް ކޭކް” ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

6 ކުކުޅު ބިސް

1 ޖޯޑު ހަކުރު

1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

1 ޖޯޑު ފުށް

2 މޭޒުމަތީ ސަމުސާ ބަޓަރު (ވިރުވާފައި)

ސްޓްރޯބެރީ ޖޭމް

ވެނީލާ ގްލޭޒް ތައްޔާރުކުރުމަށް:

1 ޖޯޑު އައިސިންގ ޝުގާ

1/2 ސައިސަމުސާ ވެނީލާ އެސެންސް

ކުޑަ ކިރުފޮދެއް

ތައްޔާރުކުރާނެގޮތް:

އަވަން 325 ޑިގްރީ އަށް ހޫނުކޮށްލާށެވެ. 9 އިންޗި ޓްރޭއެއްގައި ބޭކިންގ ޕޭޕާ އަޅާފައި ބަހައްޓާށެވެ.

ހަކުރާއި ބިސް އަދި ވެނީލާ އެސެންސް އަޅާފައި ހޭންޑް މިކްސަރަކުން 10 މިނެޓް ވަންދެން ފޮނުގަނޑެއް ހެން ހުންނަ ވަރަށް ގިރާލާށެވެ. ދެން މަޑުމަޑުން ފުށް އެއްކުރަމުން ގެންދާށެވެ. ގިރާފައި ހުރި ސްޕޮންޖްކޭކް ކޭކް މިކްސް އިން 1 ޖޯޑުވަރު ފުށްނަގާށެވެ. މީގެ ތެރެއަށް ވިރުވާފައި ހުރި ބަޓަރ އަޅާފައި އަނެއްކާ ދެންހުރި ކޭކް މިކްސް ގެ ތެރެއަށް އަޅާލާށެވެ. ދެން މަޑުމަޑުން ރަބަރު ދޭފަތަކުން ކޭކް މިކްސް އެއްކުރަމުން ދާށެވެ. ރަނގަޅަށް އެއްވެލީމާ ޓްރޭއަށް އަޅާފައި އަވަނަށް ލާފައި 45 މިނެޓް ވަންދެން ފިހެލާށެވެ.ކޭކް ފިހެވުމުން ހިހޫކޮށްފައި ހަމަ ހަމައަށް ދެބައި ކޮށްލާށެވެ.

ވެނީލާ ގްލޭޒް ތައްޔާރު ކުރުމަށް އައިސިންޝުގާ އާއި ވެނީލާ އެސެންސް އަދި ކިރު އަޅާފައި އޮލަކޮށް ހުންނަ ވަރަށް އެއްކޮށްލާށެވެ. މާބޮޑަށް ހަރުނަމަ އިތުރަށް ކިރުފޮދެއް އަޅާލެވިދާނެއެވެ.

ކޭކްގެ އެއްލޭޔާ ނަގާފައި އޭގައި ޖޭމު ހޭކުމަށްފަހު އަނެއް ލޭޔާ އަޅާށެވެ. ދެން އެންމެ މައްޗަށް ތައްޔާރުކުރި ގްލޭޒް އަޅާލުމަށްފަހު ސްޓްރޯބެރީއިން ގާނިޝްކޮށްލާފައި ސަރވްކުރާށެވެ.