ރޭގަނޑު ނުވަތަ ރޯދަ ވީއްލައިގެން ކާއެއްޗެތީގެ ހަކަތަ ހުސްވުމުން، ރޯދަޔަށް ހުންނަ ވަގުތު، ހަށިގަނޑުން ބޭނުން ކުރާނީ، ހަށިގަނޑުގައި ރައްކާކުރެވިފައި ހުންނަ ސަރުބީ އާއި ކާބޯހައިޑްރޭޓްސްއެވެ. މިބައިތައް ނަގަނީ ލިވަރުން(ފުރަމޭ) ނާއި މަސްތަކުންނެވެ. ހަށިގަނޑުގައި ފެން ނުހިފެހެއްޓޭތީ، ކުޑަކަމު ދިއުމުގެ ތެރޭގައި ކިޑްނީ އިން ވީހާވެސް ވަރަކަށް ހަށިގަނޑުން ބޭރުވާ ފެން މަދުކޮށް، ފެން ރައްކާކުރެވޭތޯ މަސައްކަތްކުރާނެއެވެ. ކުޑަކަމު ދިއުމުންނާއި އަދި ދާހިއްލުމުންނާއި ނޭވާލުމުން ހަށިގަނޑުން އަބަދުވެސް ފެން ބޭރުވާނެއެވެ.
މޫސުމީ (ހޫނުވުމުން ދާހިއްލުންފަދަ) ތަފާތު ތަކާއި ގުޅިގެން ރޯދަޔަށް ހުންނަ ފުރަތަމަ ދުވަސްކޮޅު ހަށިގަނޑުން ފެން މަދުވުމުން ވާ އުނދަގޫތަށް ، ބޮލުގައި ރިހުމާއި، ވަރުބަލިކަމާއި ކަންކަމަށް ސަމާލުކަންދީ ވިސްނަން އުނދަގޫވުމަކީ ވަރަށް އާއްމުކޮށް ދިމާވާ ކަމަކެވެ. ނަމަވެސް، ސިއްހީ ދިރާސާތަކުން ދައްކަނީ، ރޯދަ ވީއްލުމަށް ފަހު، ހަށިގަނޑަށް ބޭނުންވާވަރަށް ފެން ބޯނަމަ، މިއީ ރޯދަވެރިޔާއަށް ގެއްލުންވާ ކަމެއް ނޫންކަމެވެ. އެހެންނަމަވެސް، ނުތެދުވެވޭވަރަށް ބޯއަނބުރައި، ހެޔަށް ގޮތްވާހެން ހީވާނަމަ، ވަގުތުން ފެން (މިހާލަތުގައި އެންމެ ރަނގަޅީ ލޮނު/ހަކުރު އެކުލެވޭ ލޮނުޕެކެޓުން ހަދާފެން) ބޯން ފަށަންވާނެއެވެ. އަނބުރައިގަނެގެން ޚަބަރު ހުސްވެއްޖެނަމަ، ކައިރީގައި ތިބޭބަޔަކު، ބަލިމީހާގެ ދެފައި ބޮލަށް ވުރެ އުސްކޮށް ބާއްވާ، ހޭއެރުމުން ފެންދޭން ފަށަންވާނެއެވެ.
އާއްމުކޮށް ދުވާލު ކޮފީއާއި ސައި ބޯ މީހުންނަން ރޯދަހިފަން ފަށާދުވަސްކޮޅު ހަށިގަނޑުން ކެފެއިން މަދުވުމުން ބޮލުގައި ރިއްސުމާއި ވަރުބަލިކަން އިހްސާސްކުރެވެއެވެ. ނަމަވެސް، ރޯދަމަސް ކުރިއަށްދާވަރަކަށް ހަށިގަނޑު މިކަމަށް ހޭނެއެވެ.
ރޯދަ ވީއްލުމުން ހަށިގަނޑު ޑީހައިޑްރޭޓް(ހަށިގަނޑުން ފެންމަދުވުން)ވެ، ކާނާއިން ހަކަތަނަގަންފަށާނެއެވެ. އެތައް އިރެއް ވަންދެން ނުކައިހުރެފަ، ކާން ނުވަތަ ފެން ބޯންވާނީ ލަސްލަހުން ބަލައިގެންނެވެ. އަދި ދިޔާއެއްޗަކުން ރޯދަވީއްލުމަކީ ރަނގަޅުކަމެކެވެ.
ރޯދަ ވީއްލުމަށްފަހު ގިނައިން ދިޔާތަކެއްޗާއި ފެން އެކުލެވޭ ކާނާގެ ބާވަތްތައް، މޭވާ، ތަރުކާރީ، ޔޯގަޓް، ސޫޕް އަދި ސްޓޫފަދަ ތަކެތި ކެއުމަކީ ހަށިގަނޑަށް މަދުވިފެން އަނބުރާ ލިއްބައިދީ، އަނެއް ދުވަހު ރޯދަޔަށް ހުންނަން ފަސޭހަވާނޭކަމެކެވެ. ހަށިގަނޑުގައި ލޮނުގެ ނިސްބަތް މަތިވުމުން ގިނައިން ފެން ބޮވާނެއެވެ. އެހެންކަމުން، ކެއުމުގައި ލޮނު ހިމެނޭވަރު ބަލައިގެން ވީހާވެސް ބޮޑަކަށް ލޮނު ކޮންޓްރޯލްކުރުމަކީ ރަނގަޅުކަމަކެވެ. ހާރަކީ އަނެއްދުވަހަށް ހަށިގަނޑަށް ހަކަތަ ލިއްބައިދޭނޭ ކެއުމަކަށް ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ރޯދަ ވީއްލާގަޑިއަކީ، އެންމެން އެއް ވަގުތެއްގައި ރޯދައިގެ ނިމުން ފާހަކުރާ އުފާވެރި އަދި ހުރިހާ އާއިލާއެއްގަ ވެސް ވަރަށް ޚާއްސަ ގަޑިއަކަށް ވުމުން، މިގަޑީގަވެސް ކެއުމަށް ބަލައިގެން އުޅުން ވަރަށް މުހިއްމެވެ. ތެލުލި އެއްޗެއްސާއި، ކްރީމްގެ ބާވަތްތަކާއި ފޮނިކާތަކެތި މިގަޑީގައި ކެވޭނަމަ، ރޯދަމަސް ނިމޭއިރު ބަރުދަން އިތުރުވުން ވަރަށް ގާތްވާނެއެވެ. ދުވާލުގެ ވަގުތުތަކުގައި ނުކައި ތހިބޭތީ، ކެއުމާއި ދޭތެރޭ ވިސްނައި، ކެއުމުގެ ވައްޓަފާޅި ބަދަލުކުރަން ރޯދަމަހަކީ ވަރަށް ރަނގަޅުމަހަކަށް ވެދާނެއެވެ.
ރޯދަ ހިފުމުން ސިއްހަތަށް ފައިދާކުރޭތަ؟
ރޯދައިގެ ދިގުމިނާއި ރޯދަމަހުގެ ކެއުމުގައި އާއްމުކޮށް ބޭނުންކުރާ ބާވަތްތައް ދުނިޔޭގެ އެކި ހިސާބުގައި ތަފާތުވާތީ، ރޯދައިގެ ސަބަބުން ކުރާފައިދާ އެންމެނަށް އެއްގޮތެއް ނޫނެވެ. އެހެންނަމަވެސް، ބަރުދަން ލުއިވުމަކީ ވަރަށްގިނަ މީހުންނަށް، ޚާއްސަކޮށް ފަލަ މީހުނަށް، ރޯދައިގެ ސަބަބުން ލިބޭ ރަނގަޅު ސިއްހީ ނަތީޖާއެކެވެ. ރޯދަ ހިފުމުން ލޭގައި ހުންނަ ކޮލެސްޓްރޯގެ ނިސްބަތާއި ޓްރައިގްލިސެރައިޑްގެ ނިސްބަތް ދަށްވާކަމަށް ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުން، ދިފާއީނިޒާމަށް ރަނގަޅު ބަދަލުތަކެއް އަންނަކަން ވަނީ ފާހަގަކުރެވިފައެވެ.
ރޯދަ ވީއްލާ ގަޑި – ކާން އެންމެ ރަނގަޅީ ކޯއްޗެއް؟
ބުއިން: ފެން، ކިރު، މޭވާ ޖޫސް ނުވަތަ ސްމޫތީސް – ފެނުގެ ސަބަބުން ހަށިގަނޑަށް ހަކުރު ނުވަތަ ކެލެރީއެއް އިތުރެއް ނުވާނެއެވެ. ކިރާއި މޭވާ ހިމެނޭ ބާވަތްތަކުގައި ގުދުރަތީ ހަކުރާއި ހަށިގަނޑަށް ފައިދާކުރާ އެހެން ބައިތައް ހިމެނެއެވެ. އިތުރަށް ހަކުރުއަޅައިގެން ހަދާ ބުއިންތައް ވީހާވެސް މަދުކުރެވޭތޯ ބަލާށެވެ.
ކަދުރު: އިތުރު ރަސޫލާގެ ޒަމާނުން ފެށިގެންވެސް ކަދުރަކީ ރޯދަވީއްލަން އަބަދުވެސް ބޭނުންކުރަމުންއަންނަ ވަރަށް ފައިދާހުރި މޭވާއެކެވެ. ކަދުރުގައި ގުދުރަތީ ހަކުރާއި، ޕޮޓޭސިއަމް، ކޮޕާ އަދި މެންގަނީޒް އާއި ފައިބާހިމެނެއެވެ. ކަދުރުގެ އިތުރުންވެސް، ހިކި އެޕްރިކޮޓާއި ފިގް (ތީން)، ހިކި މޭބިސްކަދުރު ނުވަތަ ޕްރުން ފަދަ ގިނައިން ފައިބަރުހުންނަ އެއްޗަކުން ރޯދަވީއްލުން ރަނގަޅެވެ.
މޭވާ: މޭވާއަކީ ބައެއް މުސްލިމް ގައުމުތަކުގައި ވަރައް އާއްމު ރޯދަވީއްލުމެއް. މޭވާއިން ހަށިގަނޑަށް އެގަޑީގައި ބޭނުންވާނެ ވަރަށްގިނަ މާއްދާތައް ލިއްބައިދޭނެއެވެ. މިގޮތުން، މޭވާގައި ގިނަ އަދަދަކަށް ފެނާއި، ގުދުރަތީ ހަކުރާއި، ވިޓަމިން، މިނެރަލްސް އަދި ހަކަތަލިބިދެނިވި މާއްދާތައް އެކުލެވެއެވެ.
ސޫޕް: މީގެ ތެރޭގައި އަޅުގަނޑުމެން ރޯދަމަހު ގިނަ ގޭގޭގަ ތައްޔާރުކުރާ ހިތި އަދި ބަތްޕެންވެސް ހިމެނޭ. ސޫޕަކީ ތަފާތު ގިނަގޮތްގޮތަށް ގިނަ ބާވަތްތައް ބޭނުންކޮށްގެން ތައްޔާރުކުރެވިދާނެ ކެއުމެއް/ބުއިމެކެވެ.
ރޯދަވީއްލުމަށްފަހު ކާ ކެއުމަކީ ގިނަފަހަރު ކޮންމެ އާއިލާއެއް ނުވަތަ ގެއެއްގައި ޒަމާނުއްސުރެ ވަރަށް އެގެއަކަށް ޚާއްސަގޮތަކަށް ކުރަމުން އަންނަ ކަމެއް. މިގޮތުން ކޮންމެ ކަހަލަ ކެއުމެއް ކޭ ކަމުގައި ވިޔަސް، ތެލުލި އެއްޗެއްސާއި ހަކުރުގެ ބާވަތްތައް މަދުކުރަން ވިސްނުމަކީ ރަނގަޅުކަމަކެވެ. ލުއިގޮތަކަށް ރޯދަވީއްލުމަށްފަހު، ނަމާދުކޮށްގެން ކޮންމެވެސް ވަރަކަށް ކަސްރަތުކުރުން ކެއުމުގެ ކުރިއަށް ލުމަކީ ބުއްދިވެރިކަމަކަށް ވާނެއެވެ.
ހާރުކެއުން: ހާރުކެއުމުގައިވެސް، ފެންގިނައިން އެކުލެވޭ ކެއުމުގެ ބާވަތްތައް ހިމެނުން މުހިއްމެވެ. ހޯލްގްރެއިން އާއި ސްޓާޗް ހިމެނޭބާވަތްތައް ބެލެންސްކޮށް ހިމަނަން ސަމާލުކަން ދޭންވާނެއެވެ.
އޯޓްސް: އޯޓްސްއަކީ މިހާރު އާއްމުކޮށް ހުރިހާރަށަކުންވެސް ފަސޭހަކަމާއިއެކު ލިބެންހުންނަ، ހަށިގަނޑަށް ފައިދާހުރި ގޮވާމެކެވެ. އޯޓްސް ބޭނުންކޮށްގެން ޕޮރިޖް ހެދިދާނެއެވެ. މިއީ ފޮނިކޮށްވެސް ލޮނު/ކުޅިކޮށްވެސް ތައްޔާރުކުރެވިދާނެ އެއްޗެކެވެ. އަދި މީގެ ތެރެއަށް އެމީހަކަށް މީރު ހިކިމޭވާއެއްވެސް އެޅިދާނެއެވެ.
ބްރެކްފާސްޓް ސީރިއަލް: ކޯންފްލޭކްސް، ބްރޭން، ގްރެނޯލާ ނުވަތަ މުއެސްލީވެސް ބޭނުންކުރެވިދާނެއެވެ.
ބަތް: މާ ލޮނުގަދަ ނުވަތަ ކުޅިނުވާކަހަލަ ރެސިޕީއަކަށް ބަތް ތައްޔާރުކުރުން.
ޔޯގަޓް: ޔޯގަޓަކީ ހަށިގަނޑަށްފައިދާހުންނަ ވަރަށްގިނަ މާއްދާތައް އެކުލެވޭ ގިނަމީހުންނަށް މީރު އެއްޗެއްކަމަކު މާލެ ފިޔަވާ ރާއްޖޭގެ އެހެން މަދު ރަށަކުން މެނުވީ ‘ދިރޭ’ ޔޯގަޓް ނުލިބެއެވެ.
ޕާން: އާދައިގެ/ހުދު ޕާނުގެ ބަދަލުގައި ހޯލްގްރެއިން ނުވަތަ މަލްޓިގްރެއިން ލިބޭނަމަ އެ ބާވަތްތައް ބޭނުން ކުރުން މުހިއްމު.
މައުލޫމާތުނެގީ: ނިއުޓްރިޝަން.އޯގް.ޔޫކޭ
www.nutrition.org.uk