English Edition
Dhivehi Edition

ޙުރުމަތްތެރިވެގެންވާ ދެ މިސްކިތްކަމަށްވާ ކަޢުބަތުﷲ ގެފުޅާއި މަސްޖިދުއްނަބަވީގައި މީރުވަސް ދުއްވުމަށް ރޯދަމަހުގެ ކޮންމެ ދުވަހަކު 10 ފަހަރު ދުންއަޅާކަމަށް ސަޢުދީ ޕްރެސް އޭޖެންސީއިން ހާމަކޮށްފިއެވެ.

ކަޢުބާގެ އުރަކޮޅާއި ގެފުޅުގެ ހުރިހާ ތަނެއްގައި މީރުވަސް ދުއްވުމަކީ ރަމަޟާން މަސްފަދަ ޚާއްސަ މުނާސަބާތަކާއި ހުކުރު ދުވަހާއި ޙައްޖުގެ އަޅުކަމުގެ ދުވަސްވަރު ޢާއްމުކޮށް ކޮށްއުޅޭ ކަމެކެވެ. މިއީ މި ދެ މިސްކިތަށް އިޙްތިރާމް ކުރުމާއެކު ޢުމްރާގެ އަޅުކަމަށް މިސްކިތަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްހަމަ ޖެހުން ހޯދައިދިނުމުގެ މަޤްސަދުގައި ކުރަމުން އަންނަ ކަމެކެވެ.

މީރު ވަހެއް ހުންނަ މަޝްހޫރު މޮޅު އަތަރުގެ ބާވަތެއްކަމަށްވާ އޫދުގެ 60 ކިލޯ، ކޮންމެ ދުވަހަކު ގެފުޅުގައި ބޭނުންކުރެވެއެވެ. ދީނީ އަޅުކަންތަކުގައި ޝާމިލްވާއިރު ރީތި ސާފު ފޭރާމެއްލުމަށާއި ހުވަނދު ފަދަ މީރުވަސްދުވާ އަތަރެއް ލުމުގެ އިތުރަށް އަޅުކަމުގައި ބޭނުންކުރާ މުސައްލައާއި އެހެނިހެން ސާމާނުވެސް ސާފުތާހިރުކޮށް މީރުވަސް ދުއްވުމަކީ އިސްލާމްދީން ނުހަނު ބޮޑަށް ބާރުއަޅާ ކަމެކެވެ.