ބުރާސްފަތި ދުވަހުން ފެށިގެން ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދާއި، މުސްލިމުންގެ މުގައްދަސް ދެ ސަރަހައްދު ކަމުގައިވާ މައްކާ އަދި މަދީނާ ލޮކްޑައުން ކުރަން ނިންމައިފިއެވެ.
މިއީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒުގެ އޯޑަރަށް އެޅި ފިޔަވަޅުތަކެއް ކަމަށް ސައުދީ ޕްރެސް އެޖެންސީން ވަނީ ރިޕޯޓްކޮށްފައެވެ.
ސައުދީގެ އެންމެ މުހިންމު ތިން ސިޓީ ލޮކްޑައުންކޮށްފައިވާކަން ހާމަކޮށް ސައުދީ ރަސްގެފާނު ސަލްމާން ވަނީ މިއަދު ހާއްސަ ގަރާރެއް ނެރުއްވާފައެވެ.
މި ގަރާރުގައި މައްކާ، މަދީނާ އަދި ރިޔާދުވެސް ލޮކްޑަައުން ކޮށްފައިވަނީ މުއްދަތެއް ނެތް ގޮތަށް ކަމަށް ވަނީ ބުނެފައެވެ. އަދި މި ތިން ސިޓީގައި ކާފިއު އިއުލާނުކޮށްފައިވާ ވަގުތުތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.
ސައުދިއަރަބިއްޔާގައި ކާފިއުގެ ވަގުތަކީ ރޭގަނޑު 7:00 ފެށިގެން ހެނދުނު 6:00 ހަމައަށް ކަމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް މައްކާ، މަދީނާ އަދި ރިޔާދުގައި ކާފިއު ހިންގާނީ ހަވީރު 15:00 ފެށިގެން ހެނދުނު 6:00 ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ސްކޫލްތަކާއި އޮފީސްތަކާއި މީހުން އެއްވާ ހުރިހާ ތަންތަނެއް ވަނީ ބަންދުކޮށްފައެވެ. މާޗް މަހުގެ ކުރީކޮޅުން ފެށިގެން މޯލްތަކާއި ޕާކު ތައް ވެސް ވަނީ ބަންދުކޮށްފައެވެ.
ސައުދި އަރަބިއާގައި އަންގާރަދުވަހުގެ ނިޔަލަށް ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދަކީ 767 ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.