މުސްލިމުންގެ ގިބުލަ، މާތްވެގެންވާ ކައުބަތުﷲ ގެފުޅު އާންމުންނަށް ނުވަދެވޭ ގޮތަށް މިއަދު ބަންދުކޮށްފި އެވެ.
ސައުދީ ސަރުކާރުން މައްކާގެ ޙަރަމްފުޅު މިއަދު ބަންދުކޮށްފައި މިވަނީ މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް، ކޮވިޑް-19 އާއި ގުޅިގެންނެވެ. ގައިންގަޔަށް އަރާ މި ވައިރަސް ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރި އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، މި ވައިރަސް ސައުދީންވެސް ވަނީ ފެނިފައެވެ. އެގޮތުން މި ވައިރަސް ޖެހުނު ފަސް މީހަކު މިހާތަނަށް ސައުދީން ފެނިފައިވެއެވެ.
މިއަދު ކައުބާ ބަންދުކޮށްފައި ވަނީ ވައިރަހާއި ގުޅިގެން ސާފުކުރުމަށެވެ. ނަމަވެސް މިކަހަލަ ގޮތަކަށް ކައުބާ ފަހުގެ ތާރީޚެއްގައި ބަންދުކޮށް ސާފުކޮށްފައި ނުވެއެވެ. މިއަދު މެންދުރު ފަހު ކައުބާ ހިމެނޭ ސަރަހައްދު ބަންދުކޮށް އެ ސަރައްދުގައި ޠަވާފުކުރަން ތިބި އެންމެން ސިފައިން ވަނީ އެ ސަރަހައްދުން ނެރެފައެވެ. އަދި ކައުބާއަށް ނުވަދެވޭގޮތަށް ދޮރުތައް ކައިރީ ސިފައިން ދަނީ ފޯރިމަރަމުންނެވެ.
ސައުދީ އަރަބިއްޔާގެ ދާޚިލީ ވުޒާރާއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ ސައުދީ ރައްޔިތުންނާއި ސައުދީގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންނަށް މިދުވަސްވަރު އުމްރާގެ އަޅުކަން އަދާ ނުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން މިދުވަސްވަރު މައްކާގެ ހަރަމްފުޅަށާއި މަދީނާގެ ހަރަމްފުޅަށް ޒިޔާރަތް ކުރުން ވެސް ސައުދީ އިން ވަނީ މަނާކޮށްފަ އެވެ.