English Edition
Dhivehi Edition

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިޚާބު އަންނަ މަހުގެ 29 ވަނަ ދުވަހު ބާއްވަން އެޕާޓީން ނިންމައިފިއެވެ.

އެމްޑީޕީ އިން ނެރުނު ޓައިމް ލައިންގައިވާ ގޮތުން އެޕާޓީން އަންނަ މަހުގެ 29 ވަނަ ދުވަހު ގައުމީ މަޖިލީހުގެ އިންތިޚާބު ބާއްވަން ނިންމާފައިވާ އިރު، މި އިންތިޚާބުގައި ވޯޓުލެވޭނީ ދާއިރާތަކުގައި ހިމެނޭ ޕާޓީގެ އާންމު މެންބަރުންނަށް އެކަންޏެވެ. އަދި މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށް ވެސް ވޯޓުލެވެނޭ ކަމަށެވެ

ދާއިރާތަކުގެ އިންތިޚާބު 2021ގެ ޓައިމްލައިންގައިވާ ގޮތުން މި މަހުގެ 18 ވަނަ ދުވަހު ވަނީ ދާއިރާތަކުގެ އިންތިޚާބު އިއުލާންކޮށްފައެވެ. އަދި މި މަހުގެ 24 ވަނަ ދުވަހު ދާއިރާތަކުގެ މަގާމްތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާނެއެވެ. އަދި އަދި އެދުވަހު ވޯޓުލެވޭ ފަރާތްތަކުގެ ލިސްޓް އާންމު ކުރުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ވެސް ހުޅުވާލާނެއެވެ.

މީގެ އިތުރުން މި މަހުގެ 28 ވަނަ ދުވަހު ވޯޓުލެވޭ ފަރާތްތަކުގެ ލިސްޓަށް ހުށަހަޅާ ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަވީރު 4:00ށް ހަމަވާނެއެވެ. އަންނަ މަހުގެ 5 ވަނަ ދުވަހު ފައިނަލް ވޯޓަރޒް ލިސްޓް އާންމު ކޮށް، 8 މެއިގައި ކެންޑިޑޭޓުން ވާދަ ކުރުމުގެ ފޯރމް ބަލައިގަތުމުގެ މުއްދަތު ހަމަވާނެއެވެ. މި ފޯމް ހުށަހަޅަން ޖެހޭނީ ތާއީދު ފޯރމް އާއެކު އެ ދުވަހުގެ ހަވީރު 4:00 އަށެވެ. އަދި 9 މެއިގައި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުޞަތު ހުޅުވާލައި 12 މެއިގައި ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމުގެ ފުރުޞަތު ބަންދުވާނެއެވެ.

އެމްޑީޕީން ބުނީ 12 މެއިގައި ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ކެންޑިޑޭޓް ނަންބަރާ އެކު އިއުލާން ކުރެވޭނެ ކަމަށާއި އިންތިޚާބު މިހާރު ތާވަލުކޮށްފައިވާ ގޮތަށް 29 މެއިގައި އޮންނާނެ ކަމަށެވެ.