އަޅުގަނޑުމެންނަކީ ބަހުސް އަކަށް ފިލާނެ ބައެއް ނޫންކަމަށް އެމް. ޑީ. ޕީ. އެތެރޭގެ އިންތިހާބެއް ކަމަށްވާ ޗެއަރޕާސަން މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓް އިމްތިޔާޒު ފަޙުމީގެ ސްޕޯކްސް ޕާރސަން މުޙައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
އޭއޯ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވައްޑެ ވިދާޅުވީ ރާއްޖެ ޓީވީއިން ބާއްވަން ހަމަޖެހިފައިވާ ބަހުސްގައި ބައިވެރިވުމަށް ރޭގެ ވަގުތެއްގައި ރާއްޖެޓީވީ އިން ގުޅުއްވާ ކެންޑިޑޭޓަށް މިރޭ ބަހުސްގައި ބައިވެރިވެވޭނެ ތޯ އައްސަވާފއިވާ ކަމަށެވެ. ކެންޑިޑޭޓް އިމްތިޔާޒް ފަޙުމީ ވަރަށް ބުރަކޮށް ކެމްޕެއިން ދަތުރުތަކުގައި ހއ، އަދި ހދ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރައްވަމުން ދާތީ މިރޭ ބަހުސް ބާއްވާނަމަ ބައިވެރިވުމުގައި ދަތިތަކެއް ހުރި ވާހަކަ ޙިއްސާ ކުރައްވާފައިވާ ކަމަށެވެ. އަދި ބަހުސްގައި ބައިވެރިވެވޭނެ ދުވަސް ހިއްޞާ ކުރައްވާފައިވާނެ ކަމަށެވެ.
އިތުރަށް މަޢުލޫމާތު ދެއްވަމުން ސްޕޯކްސް ޕާރސަން މުޙައްމަދު ވަހީދު ވިދާޅުވީ އިންތިހާބުތަކުގައި ބަހުސް ބާއްވާ ފަރާތްތަކުން ބަހުސް ބާއްވަނީ ކެންޑިޑޭޓުންނާއި ވާހަކަ ދައްކައިގެން ކަމަށެވެ. އެގޮތުން ބަހުސް ބާއްވާނެ ތާރީހާއި ގަަޑި މަޝްވަރާ ކުރާ ކަމަށެވެ.
ރާއްޖެޓީވީ އާއިއެކު ބަހުސްއާއި ބެހޭ ގޮތުން މުޢާމަލާތް ކުރެވިފައިވާއިރު ރާއްޖެޓީވީގެ ބަހަކާއި ނުލާ ވާދަވެރި ކެންޑިޑޭޓްގެ ކެމްޕެއިން މެނޭޖަރގެ ބަހަކަށް ހަޤީޤަތާއި ހިލާފު ވާހަކަތައް އޮންލައިން މީޑީއާ ސުރުޚީތަކަށް އެރުމަކީ ރައްޔިތުންނަށް ހަޤީޤަތް އޮޅުވާލަން ކުރެވޭ ކަމެއްކަމަށާއި ނަމަވެސް ޗެއަރޕާސަން އިންތިޙާބުގައި ވާދަކުރާ ކެންޑިޑޭޓް އިމްތިޔާޒު ފަޙުމީއަކީ ބަހުސް އަކަށް ފިލާނެ ފަދަ ފިނޑި ބޭފުޅެއް ނޫންކަން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް. ޑީ. ޕީ.) ހުރިހާ މެމްބަރުންނަށްވެސް އެނގޭނެ ކަމީ އެކަމަކާމެދު ޝައްކެއް ކުރަން ޖާގައެއް އޮތްކަމެއް ވެސް ނޫންކަމަށް ވައްޑެ ވިދާޅުވިއެވެ.
ވާދަވެރިކަން ބޮޑު އިންތިހާބެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް. ޑީ. ޕީ.) އެތެރޭގެ އިންތިހާބެއް ކަމަށްވާ ޗެއަރޕާސަން ކަމުގެ އިންތިޙާބު ބާއްވަން ހަމަޖެހިފައި ވަނީ 14 މެއި 2022 ގައެވެ.