English Edition
Dhivehi Edition

އެމް.ޑީ.ޕީން ވީ ވައުދެއް ވެއްޖެއްޔާ އެމް.ޑީ.ޕީން އެ ވައުދު ފުއްދުމަށްޓަކައި ކެނޑިނޭޅި ހުރިހާ މެންބަރުން މަސައްކަތްކުރާނެ ކަމަށާއި އެމް.ޑީ.ޕީގެ ލީޑަރޝިޕުންވެސް އެ މަސައްކަތް ކުރައްވާނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ. އަދި އެކަން އަޅުގަނޑުމެންނަށް ހާމަކޮށް ފެންނަމުން ދާކަމަށްވެސް ސަންނަ ވަނީ ވިދާޅުވެފައެވެ.

ތިނަދޫ ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު ޢަބްދުﷲ ސަނީފް މިހެން ވިދާޅުވެފައިވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލަށް ބަހުސްކުރެއްވުމަށް 13 ޖޫން ގައި ބޭއްވުނު 2022 ވަނަ އަހަރުގެ 13 ވަނަ ޖަލްސާގައި މެންބަރަށް ލިބުނު ފުރުޞަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބިލާއި ބެހޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން މެންބަރު ސަނީފް ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުޑީޝަރީ އިޞްލާޙުކުރުމަށްޓަކައި ޙަޤީޤަތުގައި ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި އެއްވެސް ފަނޑިޔާރަކަށް މަޖިލީހުން ނުނިންމާ އެއްވެސް ކަހަލަ އިނާޔަތެއް ނުދެވޭނެކަން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ކަޅާއި ހުދުން ލިޔެފައި އޮންނާނެ ކަމަށާއި މި ލިޔުންތަކުގެ މައްޗަށް ބިނާކޮށް ނޫނިއްޔާ އެއްވެސް ފަނޑިޔާރަކަށް އިނާޔަތެއް ނުދެވޭނެކަމަށެވެ.

އެއީ ފުލެޓެއް ކަމުގައި ވިޔަސް، ކާރެއް ކަމުގައި ވިޔަސް، ސައިކަލެއް ކަމުގައި ވިޔަސް، ބައިސްކަލެއް ކަމުގައި ވިޔަސް، ފަޅުރަށެއް ކަމުގައި ވިޔަސް، މިއިން އެއްވެސް އެއްޗެއް ނުދެވޭ ނަމަވެސް ނިމިދިޔަ ދައުރުގެ ތެރޭގައި ފުލެޓުތައް ބަހައިލެވިގެން ދިޔައީ ކޮން ގާނޫނަކުން ކޮން ހައިސިއްޔަތަކުންތޯ މެންބަރު ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އެކަން ކޮށްފައި ތިބި މީހުންނާ ދޭތެރޭގައި ފިޔަވަޅުއެޅެންޖެހޭކަމަށް މެންބަރު ސަނީފް ވަނީ ފާހަގަކޮށްފައެވެ.

ފަނޑިޔާރުންނާ ދޭތެރޭގައި ފިޔަވަޅު އެޅިގެން ދިޔަ ނަމަވެސް، މި ފުލެޓުތައް އެ ބޭފުޅުންނަށް ދިން ފަރާތްތަކާމެދު ފިޔަވަޅުއަޅަން ޖެހޭ ކަމަށް ވިދާޅުވެ މެންބަރު ސަނީފް ވަނީ ދިވެހިރާއްޖޭގައި މިވަރަށް މައްސަލަތައް ތަޙުޤީޤުކޮށް ބެލިގެން ނޫނިއްޔާ، ކޮރަޕްޝަނާއި މި ކަންކަން ހުއްޓުވިގެން ނުދާނެކަން ފާހަގަކޮށްފައެވެ.