English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ކޮމިއުނިޓީ ފަންޑުގެ އެހީގައި ގދ ހޯނޑެއްދޫގެ ކްލަބެއްކަމަށްވާ ހޯނޑެއްދޫ ސްޕޯޓްސްއިން އެރަށުގެ އުތުރުކޮޅުގައި “ދިގެމައްކޮޑާ ނޭޗަރ ޕާކް” ގެނަމުގައި ޕާކެއް ތަރައްގީކޮށް 95 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

ހޯނޑެއްދޫ ސްޕޯޓްސް ގެ ފަރާތުން ބީ.އެމް.އެލް ގެ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު” އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ދަށުން ހޯނޑެއްދޫގެ އުތުރުކޮޅުގައި ހެދިފައިވާ ހޮރައިޒަން ފެންގަނޑަށް ޒިޔާރަތްކުރާ މީހުންނާއި އަދި މަޑަވެލި ހޯނޑެއްދޫ ދެރަށުގެ ރައްޔިތުންނަށް ވަގުތު ހޭދަކޮށްލަން ހިތްފަސޭހަ ނޭޗަރ ޕާކެއް ގާއިމްކޮށްފައިވެއެވެ. މި ނޭޗަރ ޕާކުގައި ޕްލެޓްފޯމް ވޯކްވޭއަކާއި ޕްލެޓްފޯމްގެ އިތުރުން މޭޒާއި ބެންޗު ހިމެނޭގޮތަށް ބާބަކިއު އޭރިއާއެއް ހިމެނޭނެއެވެ.
މިމަސައްކަތުގެ ބާކީ އޮތް 5 އިންސައްތަ މަސައްކަތް މި ރޯދަމަހު ކުރާނެ ކަމަށް ހޯނޑެއްދޫ ސްޕޯޓްސްގެ ޗެއަރޕާސަން މަހްދޫން އާދަމް ވިދާޅުވިއެވެ. ” އަޅުގަނުދުމެން މިބަލަނީ ބާކީހުރި މަސައްކަތްތައް އަވަހަށް ނިންމާލެވޭތޯ. މިމަހުގެ 25 ވަނަ ދުވަހު ޕާކް ރަސްމީކޮށް ހުޅުވަން ކުރެވޭ ފިނިޝިންގެ މަސައްކަތް. ދެން ކުލައާއި ދަވާދު ލުމާއި، ތަން ސާފްކުރުމުގެ ކަންކަން ބާކީ ހުރީ” މަހްދޫން އިތުރަށް ވިދާޅުވިއެވެ. އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ތަޢާރަފްކުރި އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެދަށުން ހޯޑެއްދޫ ސްޕޯޓްއިން ހުށަހެޅި ޕްރޮޕޯސަލް “ދިގެމައްކޮޑާ ނޭޗަރ ޕާކް” މި ޕްރޮޕޯސަލައަށް ހޯނޑެއްދޫއަށް (ބީ.އެމް.އެލް) އިން ހަދިޔާކުރި ޕާކެކެވެ.