English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ ހުޅުދޫގައި އަމިއްލަ ފަރާތަކުން ބިނާކުރާ ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފިއެވެ.

އިއްޔެ ހުޅުދޫގައި ބޭއްވި މި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ މި މިސްކިތް ބިނާކުރައްވާ، ހުޅުދޫ، ޕާމްގްރޯވ ޑރ. ޢަލީ މުޒްނީ އާއި، އައްޑޫ ސިޓީ މޭޔަރ ޢަބްދުالله‎ ޞާދިޤާއި، އިންތިޚާބީ މޭޔަރ ޢަލީ ނިޒާރު އަދި ޑރ. ޢަލީ މުޒްނީގެ ޢާއިލާގެ ބޭފުޅުންނެވެ.

ހުޅުދޫގައި ޒަމާނީ ފެންވަރުގެ އެކަށީގެންވާ ބޮޑު މިސްކިތެއް ޢިމާރާތްކުރުމަށް ޝަޢުޤުވެރިކަން ފާޅުކުރައްވާފައިވާ ޑރ. ޢަލީ މުޒްނީ އަށް އެކަމަށްޓަކައި ބިމެއް ދޫކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމީ އައްޑޫ ސިޓީ ކައުންސިލްގެ 3 ވަނަ ދައުރުގެ 166 ވަނަ ރަސްމީ ޖަލްސާގައެވެ. ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މިސްކިތް ބިނާކުރުމަށްޓަކައި ބިން ދޫކުރުމަށް ފާސްކޮށްފައިވާއިރު، އެ ދުވަހުގެ ޖަލްސާގައި ހުޅުދޫ ދާއިރާގެ ކައުންސިލަރ އިބްރާހީމް ޝުކުރީ ވިދާޅުވީ ހުޅުދޫގައި މިފަދަ މިސްކިތެއް ބިނާކުރުމަށް އަމިއްލަ ފަރާތުން ހުށަހެޅުއްވިކަމީ ހުޅުދޫގެ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ނިޢުމަތެއް ކަމުގައެވެ.

އައްޑޫ ސިޓީ ހުޅުދޫގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް ޤާއިމުކުރުމަށް ބިން ދޫކޮށްފައިވަނީ ހުޅުދޫ މާފިށި ސަރަޙައްދުންނެވެ. އެ ސަރަހައްދުން މިސްކިތެއް ޢިމާރާތް ކުރުމަށް ދޫކޮށްފައިވަނީ 10،000 އަކަފޫޓުގެ ބިމެކެވެ. ހުޅުދޫގައި ޢިމާރާތް ކުރާ ޒަމާނީ ފެންވަރުގެ މި މިސްކިތަކީ ދެ ފަންގިފިލާގެ މިސްކިތެކެވެ. މި މިސްކިތުގައި ކުލާސްރޫމުތަކާއި ލައިބްރަރީއެއްގެ އިތުރުން އަންހެން ބޭކަނބަލުން ނަމާދުކުރުމަށް ޚާއްޞަ ސަރަޙައްދެއް ހިމެނެއެވެ،

1 ކޮމެންޓް
މުޙައްމަދު ފަހުމީ
އޭޕްރީލް 15, 2021
ޢަލީ މުޒުނީ އަށް ހެއު ރަޙުމަތް ލައްވާށި.