English Edition
Dhivehi Edition
ފޮޓޯ: ގދ. ހޯނޑެއްދޫ ކައުންސިލްގެ އިދާރަ

ގދ. ހޯނޑެއްދޫ ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިޚާބުވި މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ބޭއްވުނީ ގދ. ހޯނޑެއްދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މިއަދު ހެނދުނު 9.00 އޮތް މިރަސްމިއްޔާތުގައި އަލަށް ހޮވުނު ކައުންސިލްގެ ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސއްކަތްކުރާ ކޮމެޓީ އިފްތިތާހުކޮށް، އިޤްރާރްވުން ކުރިޔަށް ގެންދެވުނެވެ. ކައުންސިލްގެ ރައީސާއި ކައުންސިލް މެމްބަރުންގެ ހުވާލައިދެއްވީ ގދ. ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްފާޟިލް މަސްޢޫދު މުޙައްމަދުއެވެ.

ފޮޓޯ: ގދ. ހޯނޑެއްދޫ ކައުންސިލްގެ އިދާރާ

ކަރަންޓީނުގައި ހުންނެވުމާއެކު މި ރަސްމިއްޔާތުގައި ހޯނޑެއްދޫ ކައުންސިލްގެ އިންތިޚާބީ ރައީސް ޙުސައިން ވާރިޝް ހުވާކުރެއްވީ “ގޫގަލް މީޓް” މެދުވެރިކޮށް އޮންލައިންކޮށެވެ. އެހެންކަމުން ކައުންސިލްގެ ނާއިބް ރައީސް ހޮވޭނީ ކައުންސިލްގެ ރައީސްގެ ކަރަންޓީންގެ މުއްދަތުނިމި، ބައިވެރިވާ ފުރަތަމަ ޖަލްސާގައެވެ. ސަބަބަކީ ކައުންސިލްގެ ނާއިބުރައީސް ހޮވަންޖެހެނީ ކައުންސިލްގެ ރައީސް އަދި މެމްބަރުންގެ ސިއްރު ވޯޓަކުން ކަމުގައިވާތީއެވެ.

އެމް.ޑީ.ޕީ ގެ ފަސްމެމްބަރުން ހިމެނޭގޮތަށް ހޮވުނު މިކައުންސިލްގެ ރައީސަކީ ހުސައިން ވާރީޝްއެވެ. ފިރިހެން މެމްބަރުންގެ ގޮތުގައި ހޮވުނީ އަބްދުﷲއަރީޝް އަދި އަޙްމަދު ޝިހާމްއެވެ. އަންހެން މެމްބަރުންގެ ގޮތުގައި ހޮވުނީ މަރްޔަމް ޙަސަންދީދީ އަދި ޖުވައިރިއްޔާ އަޙްމަދު އެވެ. މި ފަސް ބޭފުޅުންނަކީވެެސް އަލަށް އިންތިޚާބީ މަޤާމަކަށް ހޮވުނު ފަސްބޭފުޅުންނެވެ.