އިންތިހާބުގެ ނަތީޖާ އާއި އެކު މާލެ ރައްޔިތުންގެ އަޑު އިއްވައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ނޫސްވެރިންނާއި ބައްދަލު ކޮށް ދެއްކި ވާހަކައިގައި ހާމަކޮށްފިއެވެ.
ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވީ މާލޭ ސިޓީގެ ކައުންސިލް ގޮނޑި ތައް ގެއްލުމުގައި މާލެ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަމަށް ފާހަގަ ކުރެވޭ ކަމަށެވެ. އޭގެ ތެރޭގައި މާލޭގެ ބޯހިޔާވަހިކަމުގެ ކަންތައް ހިމެނޭ ކަމަށެވެ. އެއީ ހައްލު ހޯދައިދޭންޖެހޭ ކަމެއް ކަމަށް ފާހަގަ ކުރެވޭ ކަމަށެވެ.
މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން މާލޭގެ ރައްޔިތުންނަށް އެޅި ރެސްޓްރިކްޝަން ތަކުގެ ތެރޭގައި ދިމާވި ދަތި ތައްވެސް މާލޭ ރައްޔިތުންގެ ކަންބޮޑުވުން ތަކުގައި ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ކެފޭ، ރެސްޓޯރަންޓްތައް ބަންދުކުރަން ޖެހުމާއި ކުދި ވިޔަފާރިތައް ބަންދުކުރަން ޖެހުމުން ހާއްސަކޮށް މާލޭ ރައްޔިތުންނަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާކަމަށް ވެއެވެ. ސަރުކާރުން ކޮވިޑް-19 އާއި ގުޅިގެން އެޅި ރެސްޓްރިކްޝަން ތަކާކީ މުޅި ރާއްޖޭ އާއި މުޅި ޤައުމުގެ ރައްޔިތުންނަށް އެންމެ ފައިދާ ވާނެ ގޮތަށް އެޅި ރެސްޓްރިކްޝަން ތަކެއް ކަމަށެވެ. ނަމަވެސް އެކަމުގެ އިކޮނޮމިކް އިމްޕެކްޓް ރައްޔިތުންނަށް ކުރިވަރު މާލޭ ސިޓީގެ ކައުންސިލް ވޯޓުން ފެނިގެން ގޮއްސި ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ކޮރަޕްޝަނާއި އެމް.އެމް.ޕީ.އާރް.ސީ ގެ މައްސަލަ ތަހުޤީޤު ކުރަން ނަގާ ނެގުމާއި މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމުގައި ލަސްތަކެއް ހުރުން ހިމެނޭ ކަމުގައި ރާއީސް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވި ގޮތުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ވޯޓަރސް ބޭސް އާއި އެހެން ވޯޓަރސް ބޭސް ގައި ތަފާތުތަކެއް ހުރެއެވެ. އެމް.ޑީ.ޕީ ގެ މެމްބަރުންނަކީ އުސޫލުތަކަކާއި ހަމަތަކެއް ޤަބޫލް ކުރައްވާ ބައެއް ކަމަށެވެ. އެމް.ޑީ.ޕީ ވޯޓަރސް ބޭސް ބޭނުންވީ ކަންތައްތަކެއް ރަނގަޅު ކުރަން ކަމަށެވެ. ވައްކަމާއި ކޮރަޕްޝަން އާއި އިދިކޮޅު ކަމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. ނެގުނު ލޯކަލް ކައުންސިލް އިންތިޚާބުގެ މާލެ ސިޓީ ނަތީޖާ އަކީ މިކަންކަންތައްތައް މިހާރަށްވުރެ ރަނގަޅު ކުރަން ދިން މެސެޖެއް ކަމަށެވެ.
މާލޭގައި އެމް.ޑީ.ޕީ ގެ ގޮނޑިތަކެއް ގެއްލިފައިވީ ކަމުގައިވިއަސް، މެޖޯރިޓީ މިއަދުވެސް ތަމްސީލު ކުރަނީ ސަރުކާރު ކަމަށާއި ރައްޔިތުން މަޖިލީހުގެ %75 ވެސް ވަނީ ރައްޔިތުން ސަރުކާރަށް ދީފައި ކަމަށެވެ. ސުވާލުގެ ޖަވާބު ނިންމާލަމުން ރައީސް ވިދާޅުވީ މަޖިލީޙުގެ ބޮޑު މެޖޯރިޓީ އާއި ސަރުކާރާއި އެކު އޮވެ މާލޭގެ އިންތިހާބަށް ބޮޑު ބަދަލެއް އައީ ކީއްވެތޯ ސަރުކާރުން ދެނެގަނެ ކަންކަން ހައްލުކުރާނެ ކަމުގައެވެ.