English Edition
Dhivehi Edition

މިއަހަރުގެ ފިތުރު ޒަކާތް މިއަދުން ފެށިގެން ބަލައިގަންނަން ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

1442 ވަނަ އަހަރުގެ ފިޠުރު ޒަކާތް މިރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ބަލައިގަންނާނެ ކަމަށް އިސްލާމިކް އެފެއަރޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެމިނިސްޓްރީން ހާމަ ކުރެއްވި ގޮތުގައި މިއަހަރު މާލެ ފިޔަވާ އެހެން ސިޓީތަކުގައި ސިޓީ ކައުންސިލުން ފިތުރު ޒަކާތް ބަލައިގަންނަ ގޮތަށް ހަމަޖައްސާފައިވާއިރު އަތޮޅުތަކާއި ރަށްރަށުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ އެރަށެއްގެ ކައުންސިލުންނެވެ.

މިއަހަރު މާލޭގައި ޒަކާތް ބަލައިގަންނަމުންދަނީ އޮންލައިންކޮށެވެ. މިދިޔަ އަހަރެކޭވެސް އެއްފަދައިން އޮންލައިންކޮށް ޒަކާތް ދެއްކެވުމަށް ދިރާގު ކަސްޓަމަރުން ދިރާގުގެ ވެބްސައިޓާއި، ދިރާގު ޕޭ އަދި އެސްއެމްއެސް ބޭނުން ކުރެއްވުމާއި އަދި އުރީދޫ ކަސްޓަމަރުން އެމްފައިސާ އާއި އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނޭ އިންތިޒާމް ހަމަޖެހިފައިވާއިރު ބޭންކް އޮފް މޯލްޑިވްސް އިންވެސް ވަނީ ޒަކާތުގެ ފައިސާ ދެއްކޭނެ ލިންކެއް ވެބްސައިޓުގައި ހިމަނާފައެވެ.

މީގެ އިތުރުން އެމްއައިބީ ފައިސާ ނެޓް އާއި މާލެ އާއި ހުޅުމާލޭ ބްރާންޗު ކައުންޓަރުނާއި، ފަހިޕޭ އެޕްލިކޭޝަން މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ނަގަނީ އެ ރަށެއްގައި ބަނޑު ކެއުމެއްގެ ގޮތުގައި އާންމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯގެ ގޮވާމަށް ވާ އަގެވެ.