English Edition
Dhivehi Edition
ފިތުރު ޒަކާތް ބަލައިގަތުން

ފިތުރު ޒަކާތް މިއަދުން ފެށިގެން ބަލައިގަންނަން ފަށާފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފިއެވެ.

ޒަކާތު ހައުސް އިން ހާމަކުރި ގޮތުގައި، ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. ކޮންމެ އަހަރަކުވެސް އާންމުކޮށް އަމަލުކުރާ އުސޫލުގެ ދަށުން، މިއަހަރު ވެސް ގިނަ ޕްލެޓްފޯމްތަކެއް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކޭނެއެވެ. އެގޮތުން ދިރާގު، އުރީދޫ، ބީއެމްއެލް، އިސްލާމިކް ބޭންކް، ފަހިޕޭ، އަވަސް އެޕް އަދި ބަނޑޭރި ޕޭ މެދުވެރިކޮށް ފަސޭހަކަމާއެކު ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ފަހިކޮށްދީފައެވެ.

އޮންލައިންކޮށް ޒަކާތް ދައްކަން ދަތިވާ ފަރާތްތަކަށް ހާއްސަކޮށްގެން އިސްލާމީ މަރުކަޒަށް ހާޒިރުވެގެން ޒަކާތް ދެއްކުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުން ފެށިގެން ހުޅުވާލާނެއެވެ. އިސްލާމީ މަރުކަޒުން ޒަކާތް ބަލައިގަންނާނީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 10:00 އިން މެންދުރުފަހު 1:00 އަށެވެ. އަދި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުން ޒަކާތް ދައްކާނީ އެ ރަށެއްގެ ރަށު ކައުންސިލަށެވެ.

ޒަކާތުގެ މިންވަރު ކަނޑައަޅާފައިވަނީ އެ ބަޔަކު އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތުން 2.4 ކިލޯގެ އަގަށެވެ. އެގޮތުން އާދައިގެ ހަނޑުލަށް 12 ރުފިޔާ، ތައިލެންޑް ހުދު ހަނޑުލަށް 53 ރުފިޔާ، ރަތް ހަނޑުލަށް 96 ރުފިޔާ، އަދި ބާސްމަތީ ހަނޑުލުގެ އެކި ބާވަތްތަކުން 77 ރުފިޔާއާއި 136 ރުފިޔާއާ ދެމެދުގެ އަދަދުތަކެއް ވަނީ ކަނޑައަޅާފައެވެ. ފުށުން ޒަކާތް ދައްކާނަމަ އާދައިގެ ފުށަށް 10 ރުފިޔާ އަދި އާޓާ ފުށަށް 75 ރުފިޔާ ދައްކަންޖެހެއެވެ.

ޒަކާތު ހައުސް އިން ފާހަގަކުރި ގޮތުގައި، މިދިޔަ އަހަރަކީ ރާއްޖޭގައި ރެކޯޑު މިންވަރަކަށް ފިތުރު ޒަކާތް ލިބުނު އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު ޖުމުލަ 13.2 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައިވެއެވެ.