English Edition
Dhivehi Edition

ރަމަޟާނަމަހަކީ ބަރަކާތުން ފުރިގެންވާ އަޅުކަމާއި ތަޤުވާގެ މައްސަރެކެވެ. ހާއްސަކޮށް ދިވެހިންގެ ޒަމާންވީ އާދަކާދަތައް ރަމަޟާންމަހުގައި ފެނިގެންދާނެއެވެ. ދިވެހިންނަކީ ފަރުޟު ފަސްނަމާދާއި، ސުންނަތް ނަމާދުތަކާއި، ސުންނަތްކަން ގަދަވެގެންވާ ތަރާވީޙް ނަމާދު ކުރުމާއި، ކީރިތި ޤުރުއާން ކިޔެވުން ފަދަ ގިނަ އަޅުކަންތަކަށް ނަމޫނާ ދައްކަމުން އަންނަ ބަޔެކެވެ.

މި ދެންނެވި އަޅުކަމުގެ އިތުރުން ލިބޭ ހުސްވަގުތުތަކުގައި ދޭދޭ ފަރުދުންގެ މެދުގައި އޮންނަ އުޚުއްވަތްތެރިކަމުގެ ގުޅުން ވަރުގަދަކޮށް ހިތްހަމަ ޖައްސާލުމަށްޓަކައި ރޯދަމަހަށް ހާއްސަ ކޮށް ކުޅެއުޅޭ ކުޅިވަރުތަކެއްވެސް ދިވެހިންގެ ތެރޭގައި އާއްމުވެފައިވެއެވެ. އޭގެތެރޭގައި ތާސްކުޅުމާއި ރާޒުވާކުޅުމަކީ ޒުވާނުންގެ އިތުރުން މުސްކުޅިންނާއި ކުޑަކުދިންވެސް ވަރަށް ފޯރިހުންނަ ކުޅިވަރެކެވެ. އެއާއެކު ޒަމާނުއްސުރެ ރޯދަމަހަށް ޚާއްސަވެގެން އޮށްވަޅު ކުޅުން، ފަސްއޮށް ، ތިންމުގޯލި ، ތިންހަމަ އާއި ވަގުފުލުސް ފަދަ ކުޅިވަރުތައް ކުޅެއުޅެއެވެ.

ރޯދަމަހަކީ ގިނަވަގުތުތަކަކަށް ނުކައި ނުބޮއެ ތިބެން ޖެހޭ މަހަކަށްވުމުން ރޯދަވީއްލާ ވަގުތު މީރު އެއްޗެއް ތައްޔާރު ކުރުމަކީ ގޭގެއަންހެން ވެރިން ޚާއްސަ ސަމާލުކަމެއްދޭ ކަމެކެވެ. ދުވަހުގެ ހުރިހާ ވަގުތެއްގައިހެން އެދުވަހަށް ތައްޔާރުކޮށްލާނެ މީރުކެއުމެއްގެ ރެސިޕީއެއް އަތުޖެހޭތޯ އެތަންމިތަން ހާވާނެއެވެ. މިޒަމާނުގައި ރެސިޕީއެއް ހޯދާލުމަކީ ދެން މާބޮޑު ކަމަކަށް ނުވާތީ އިންޓަނެޓްގެ ޒަރީޢާއިން މިކަމުގެ އެހީ ގިނަ ބަޔަކު ހޯދައެވެ. ބަދިގޭގޭ މަސައްކަތުން އަވަދިވެގެން އާއިލާ އެއްކޮށް ނުވަތަ ބައިބަޔަށް ފިނިބުރު ޖަހާލަން ނުކުތުމަކީވެސް ދިވެހިންގެ އާދަކާދައިގެ ތެރެއަށް ވަދެ ހަރުލާފައިވާ އާދައެެކެވެ. އިރުއޮއްސުމުން ރޯދަވީއްލައިގެން އަރާމްކޮށްލުމުގެ ވަގުތު ކޮޅަކަށްފަހު އަނެއްކާވެސް ރޭއަޅުކަން ކުރުމާއި، ރޯދަ މަހުގެ ބަރަކާތްތެރިކަން ހާސިލު ކުރުމަށްޓަކައި އިސްލާމް ދީނުގައި އަންގަވާފައިވާ ރިވެތި އުސޫލުތަކަށް ތަބާވުމަކީ ދިވެހިންގެ ކިބައިގައި އަށަގެންފައިވާ ރީތި އާދައެކެވެ. އެގޮތުން އުޅޭ އުޅުމުގައާއި، ކުރާ މުއާމަލާތްތަކުގައާއި، ކެއިންބުއިމާއި ދިރިއުޅުމުގެ އެކި ކަންކަމުގައި ވެސް އިސްލާމީ ރިވެތި އުސޫލުތަކުގެ ބިންގާ މަތީގައި ޤާއިމުވެ ތިބެއެވެ.

މިހުރިހާ ކަމަކާއެކު މަދުން ނަމަވެސް ދިވެހިންގެ ތެރޭގައި ބައެއް ނޭދެވޭ ކަންތައްތައްވެސް ދައުރުވަމުންދެއެވެ. އެގޮތުން އެންމެ ގިނައިން ފެނިގެންދާ އެއް ސިފައަކީ އިސްރާފްކުރުމެވެ. ރޯދަ މަހުގެ ދުވަސްތަކުގައި ގިނަ ބާވަތްތަކުގެ ކާތަކެތި ތައްޔާރު ކުރުމަކީ އަޅުގަނޑުމެންގެ ތެރޭގައި ވެސް އޮންނަ އާދައެކެވެ. އެގޮތުން ހުސްނުކުރެވި އުކާލަންޖެހޭ ވަރަށް ގިނަ ގޭގޭގައި ކާތަކެތި ތައްޔާރު ކުރެއެވެ. ނަމަވެސް އިސްރާފް ކުރުމަކީ ދީނުގައި މަނާ ކުރައްވާފައިވާ ކަމަކަށްވީއިރު، ރޯދައިގެ ދަރުމަ އެންމެ ފުރިހަމައަށް ހާސިލު ކުރުމަށްޓަކައި މިކަމުން ދުރުހެލިވެ ތިބެ ސަދަގާތް އިތުރު ކުރެވޭތޯ މިމަހު ގަދައަޅާ މަސައްކަތް ކުރުން ބުއްދިވެރިއެވެ.