އިންޑިއާގައި ކުރިއަށްދާ “މިޝަން ޝާކްތީސެޓް” ގެ ދެ ވަނަ ބުރުގައި ސެޓެލައިޓް އުފެއްދުމުގެ އަމަލީ މަސައްކަތުގައި ބައިވެރިވުމަށް ދިވެހި ދަރިވަރަކު ހޮވިއްޖެއެވެ. އަންހެން ކުދިންނަށް ހާއްސަކޮށްގެން ހިންގާ މި އިންޓަނޭޝަނަލް މިޝަންގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބުނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ދަރިވަރު އާމިނަތު ނޯޔާ ސަމީހަށެވެ.
ވިމެން އިން މެނޭޖްމަންޓް (ވިމް) އިން ސޯޝަލް މީޑިއާގައި ބުނި ގޮތުގައި، އޭ ލެވެލްގައި ތައުލީމު ހާސިލުކުރަމުން އަންނަ ނޯޔާ އަކީ އެންމެ ފަހުގެ އޯ ލެވެލް އިމްތިހާނުގައި ރާއްޖެއިން އެއްވަނަ ހޯދާފައިވާ ދަރިވަރެކެވެ. ނޯޔާ އަކީ ސައިންސާއި ކޮމްޕިއުޓާ ޓެކްނޮލޮޖީގެ ދާއިރާއަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ ކުއްޖެކެވެ.
މި ހަރަކާތް ކުރިއަށްދާނީ މި މަހުގެ 23 އިން 31 ގެ ނިޔަލަށެވެ. މިޝަންގެ ފުރަތަމަ ބުރުގައި ސްޕޭސް އިންޖިނިއަރިންގެ ދާއިރާތައް އޮންލައިންކޮށް ކިޔަވައިދީފައިވާއިރު، ދެވަނަ ބުރުގައި އިންޑިއާއަށް ގޮސް ސެޓެލައިޓް ޑިޒައިންކޮށް ބިނާކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދާނެއެވެ.
މި މަޝްރޫއުގެ ތެރެއިން 108 ގައުމަކުން 12,000 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވާނެކަމަށް ވިމް އިން ބުނެއެވެ. މި ހަރަކާތުގެ ދަށުން ތައްޔާރުކުރާ ސެޓެލައިޓް މި އަހަރުގެ އޮކްޓޫބަރު 11 ގައި އިފުތިތާހުކުރުމަށް ހަމަޖެހިފައިވާއިރު، އަންނަ އަހަރު ހަނދުގެ އޯބިޓަށް ފޮނުވާ ކިއުބްސެޓް ހެދުމުގައިވެސް މި ބައިވެރިން ހިއްސާވާނެއެވެ.