English Edition
Dhivehi Edition
ލަންކާ ރެޑް އެލާޓުގައި: ފޮޓޯ ޒިންހުއާން
ސްރީ ލަންކާގެ ފަރުބަދަމަތީގެ ރީތި ސަރަހައްދެއް ކަމަށްވާ ނުވަރަ އެލިޔާއަށް ޗުއްޓީއަކަށް ދިޔަ ދިވެހި އާއިލާއެއްގެ ހަބަރެއް ނުވެގެން، އެ އާއިލާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ. ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނި ގޮތުގައި، މިކަން އެމްބަސީއަށް ރިޕޯޓުކޮށްފައިވުމާ ގުޅިގެން، އެ އާއިލާ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ގެއްލިގެން ރިޕޯޓުކޮށްފައިވާ އާއިލާގައި ހިމެނެނީ ދިވެހި ފިރިހެނަކާއި، ކުޑަ ކުއްޖެއްގެ އިތުރުން ސްރީ ލަންކާގެ އަންހެނެކެވެ. މި ހާދިސާ ހިނގާފައި މިވަނީ ލަންކާއަށް “ދިޓްވާ” ނަމަކަށް ކިޔާ ބާރުގަދަ ތޫފާނެއް އަރައި، މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. މި ތޫފާނުގެ ސަބަބުން މިހާތަނަށް 47 މީހަކު މަރުވެ、 21 މީހަކު ވަނީ ގެއްލިފަ އެވެ. އަދި ލަންކާގެ 17 ޑިސްޓްރިކްޓަކަށް ވިއްސާރައިގެ އަސަރު ވަނީ ކޮށްފަ އެވެ.

ދިވެހި އެމްބަސީން ބުނީ、 މިފަދަ ނާޒުކު ދަނޑިވަޅެއްގައި ލަންކާގައި ދިރިއުޅޭ ނުވަތަ ދަތުރުކުރާ ދިވެހިންގެ ތެރެއިން އެއްވެސް ފަރާތަކަށް އެހީތެރިކަމެއް ބޭނުންވެއްޖެނަމަ، އެމްބަސީގެ ހޮޓްލައިން ނަންބަރު ކަމަށްވާ 94761886666+ އަށް ގުޅުމަށް އެދޭ ކަމަށެވެ. އަދި ގެއްލުނު އާއިލާ އާއި ގުޅޭ އިތުރު މައުލޫމާތެއް ލިބުނުހާ އަވަހަކަށް ހިއްސާކުރާނެ ކަމަށް ވެސް އެމްބަސީން ބުންޏެވެ.

</article>