English Edition
Dhivehi Edition
ހައްޖުގެ އަޅުކަންކުރަން ގޮސް ތިބި ބައެއްގެ ޓެންޓުތައް

ރާއްޖެއިން މިއަހަރު ހައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ދިވެހި ހައްޖުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށާއި، މާދަމާ އެ މީހުން މިނާއަށް ދަތުރު ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ހައްޖުވެރިންގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން މިނިސްޓަރު ވިދާޅުވީ، މައްކާގައި ތިބި ހުރިހާ ދިވެހިންގެ ސިއްހަތު ވެސް ރަނގަޅު ކަމަށާއި، އަޅުކަމުގެ ކަންކަން ފުރިހަމަކުރުމަށް އެ މީހުން ތިބީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. އަދި ހުރިހާ ހައްޖުވެރިންނަށް މަބްރޫރު ހައްޖެއް މިންވަރުކުރެއްވުން އެދި އޭނާ ވަނީ ދުއާކޮށްފައެވެ.

ހައްޖުގެ އެންމެ މުހިންމު ރުކުންތައް އަދާކުރުމަށްޓަކައި މިނާ އާއި އަރަފާތަށް ދިއުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މިހާރު ވަނީ ނިންމާފައެވެ. ޝަހީމް ފާހަގަކުރެއްވި ގޮތުގައި، މިނާ އާއި އަރަފާތުގައި ހައްޖުވެރިންނަށް ބޭނުންވާނެ ފެނާއި ކާބޯތަކެތީގެ އިންތިޒާމުތަކުގެ އިތުރުން، ދަތުރުފަތުރުގެ ކަންކަން ވެސް ހައްޖު ކޯޕަރޭޝަނުން ވަނީ ވަރަށް ފުރިހަމައަށް އިންތިޒާމުކޮށްފައެވެ. ހައްޖުވެރިންނަށް އެއްވެސް ދަތިކަމެއް ނެތި އަޅުކަން ފުރިހަމަކުރެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 1،000 މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައިވެއެވެ. މިއީ ސައުދީ ސަރުކާރުން ރާއްޖެއަށް ދިން ރަސްމީ ކޯޓާގެ އަދަދެވެ. މީގެ ކުރީ އަހަރުތަކުގައި އަމިއްލަ ޖަމާއަތްތަކަށް ހައްޖު ކޯޓާގެ ބައެއް ދޫކުރި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމުމާއެކު މިއަހަރު ރާއްޖެއިން ލިބުނު ހުރިހާ ކޯޓާއެއް ދޫކޮށްފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. މީގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވި ފަގީރުންގެ ދަފްތަރުގައި ހިމެނޭ 50 މީހުން ވެސް ހިމެނެއެވެ. ހައްޖު މިޝަންގެ ބެލުމުގެ ދަށުން މި ހުރިހާ ދިވެހިންގެ ކަންކަން ވެސް ވަރަށް ގާތުން އަންނަނީ ބަލަމުންނެވެ.