English Edition
Dhivehi Edition
ލަންކާގައި ދިވެއްސަކު ހިންގަމުން ދިޔަ ބްރޮޑްކާސްޓިން ސެންޓަރެއް ރޭޑްކުރުން

ސްރީލަންކާގެ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި އޮންނަ ހައި-ސެކިއުރިޓީ ޒޯނެއްގައި ގަވާއިދާ ހިލާފަށް ޓީވީ އަދި ރޭޑިއޯ ބްރޯޑްކާސްޓް ކުރާ ސެންޓަރެއް ހިންގަމުން ދިޔަ މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ. ލަންކާ ފުލުހުންގެ މައުލޫމާތުތަކަށް ބަލާއިރު، މި މަހުގެ 19 ވަނަ ދުވަހު ހިންގި ހާއްސަ ރޭޑެއްގައި ހައްޔަރުކޮށްފައިވަނީ ކަޅުބޯވިލާ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 55 އަހަރުގެ ދިވެއްސެކެވެ. މި ހާދިސާގައި އެ ގައުމުގެ ރައްޔިތަކު ވެސް ވަނީ ފުލުހުންގެ ބަންދަށް ގެންގޮސްފައެވެ.

މި އޮޕަރޭޝަން ހިންގަމުން ދިޔައީ ޓްރެވަލް ކުންފުންޏެއްގެ ނަމުގައި ކަމަށް ފުލުހުންގެ ފުރަތަމަ ތަހުގީގުން ވަނީ އެނގިފައެވެ. ސެޓެލައިޓް މެދުވެރިކޮށް ޓީވީ ޗެނަލްތައް ޑައުންލޯޑް ކުރުމަށްފަހު، ލަންކާގެ އަމިއްލަ ޓެލެކޮމިއުނިކޭޝަން ކުންފުންޏެއްގެ ޑާޓާ ހިދުމަތް ބޭނުންކޮށްގެން، އެ ގައުމުގެ އެކި ހިސާބުތަކަށާއި ބޭރު ގައުމުތަކުގެ ކަސްޓަމަރުންނަށް މި ޗެނަލްތައް ގަވާއިދާ ހިލާފަށް ދިޔައީ ފޯރުކޮށްދެމުންނެވެ. މި ރޭޑް ކުރިއަށް ގެންގޮސްފައިވަނީ މައުންޓް ލެވީނިއާގެ ކްރައިމް އިންވެސްޓިގޭޝަން ބިއުރޯއާއި އެ ގައުމުގެ ޓެލެކޮމިއުނިކޭޝަން އۆތޯރިޓީ ގުޅިގެން ލިބުނު ސިއްރު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށްގެންނެވެ.

މި ސެންޓަރުން ފުލުހުން ވަނީ ގާތްގަނޑަކަށް 50 މިލިއަން ރުޕީސްގެ އަގުހުރި ބްރޯޑްކާސްޓް ކުރާ ސާމާނުތައް ހިފަހައްޓާފައެވެ. މީގެ ތެރޭގައި ސެޓެލައިޓް ރިސީވަރުތަކާއި، ޑިޝްތަކާއި، ކޮމްޕިއުޓަރުތަކުގެ އިތުރުން ސްޓާލިންކް ޔުނިޓެއް ވެސް ހިމެނެއެވެ. ލަންކާގެ ސަލާމަތީ ގޮތުން ނާޒުކު ސަރަހައްދެއްގައި ހުއްދައެއް ނެތް ބްރޯޑްކާސްޓިން ސެންޓަރެއް ހިންގި މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ އިތުރަށް ފުޅާކުރަމުންނެވެ. އަދި ބޭރުގެ އެހެން ގައުމުތަކާ މިކަމާ އޮތް ގުޅުންތައް ދެނެގަތުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.