ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ދެރަގޮތެއް ނުވާނެކަމަށާއި ރައީސް ޔާމީން ގެއަށް ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރަމުން އަންނަކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖާވާބުދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެމަނިކުފާނުގެ އަނބިކަބަލުން ފާތުމަތު އިބްރާހިމްގެ ސިޓީއެއް ލިބިފައިވާ ކަމަށެވެ. އަދި މިދިޔަ ހަފުތާގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސްބޭފުޅުންނާއެކު އެމަނިކުފާނު ބޭއްވި ބައްދަލުކުރެއްވުމުގައި، ރައީސް ޔާމީނަށް ލުއި ގޮތެއް ހޯދައިދިނުމަށް ކޯލިޝަންގެ އިސްބޭފުޅުން އެދިވަޑައިގެންފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ލުއި ގޮތެއް ހޯދައިދިނުމަށް މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވަމުން އަންނަކަން ފާހަގަކޮށް ރައީސް ވިދާޅިވީ، ޔާމީނަށް ދެރަގޮތެއް ނުވާނެކަމަށެވެ. “އިރާދަކުރެއްވިއްޔާ ދެރަގޮތެއް ރައީސް ޔާމީނަކަށް ނުވާނެ،” ރައީސްސޯލިހު ވިދާޅުވި އެވެ. މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމަށް ވާއިރު، ކިހާ ދުވަހެއްގެ ތެރޭގައި އެކަމާ މެދު ގޮތެއް ނިންމަވާނަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ ލަސްތަކެއް ނުވެ ގޮތެއް ހޯދުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.
ރައީސް ޔާމީންގެ އަނބިކަނބަލުން ފޮނުއްވި ސިޓީގައި ރައީސް ޔާމީންގެ ސިއްހީ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރި ނަމަވެސް، ރައީސް ޔާމީނާ ހަވާލާދެއްވަައި ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ސިއްހީ މައްސަލަައެއް ނެތް ކަމަށެވެ.