English Edition
Dhivehi Edition

ހޯނޑެއްދޫ އާއި މަޑަވެއްޔާ ދެމެދުގައި އޮންނަ ކޯޒްވޭ އަކީ މަޑަވެލި ހޯނޑެއްދޫ ރައްޔިތުން ޒަމާނުއްސުރެ ދެކެމުންއައި ހުވަފެނެކެވެ. ދެރަށުގެ ރައްޔިތުންދެކެމުންދިޔަ ހުވަފެނަކީ މަޑަވެއްޔާއި ހޯނޑެއްދޫ ދޭތެރެއިން މޫދަށް ފައިބަންނުޖެހި ލައިގެންހުންނަ ދެގަނޑެތި ނުތެމި ހިނގާފައި ނޫނީ ދުއްވާއެއްޗެއްގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވުމެވެ. މަޑަވެލި އަދި ހޯނޑެއްދޫގެ ގިނަ ރައްޔަތުންނަކީ މިހާރުވެސް އަދި ކުރިންވެސް ވިޔަފާރީގެ ބޭނުންތަކުގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ ބަޔެކެވެ. މަޑަވެއްޔަކީ މަސްވެރި ރަށަކަށްވުމުން އެރަށުގެ މަސްދޯނިތަކުން މަހަށްދާ ހޯނޑެއްދޫގެ ރައްޔިތުން މަދެއްނޫނެވެ.
މި ދެރަށުގެ ރައްޔިތުންނަށް މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ ގެ ސަބަބުން ލިބެނީ ފައިދާ ތޯއެވެ. ނޫނީގެއްލުންތޯއެވެ. ޔަގީނުންވެސް ގިނަބަޔަކު އެއްބަސްވާނެ ހަގީގަތަކީ މި ކޯޒްވޭގެ ސަބަބުން ލިބޭ ފައިދާއަށްވުރެ ލިބޭ ގެއްލުން އެތަށްގުނައެއް ބޮޑުކަމެވެ. މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ ހަދާފައިވާގޮތުން އެ ދެރަށަށް ލިބެމުންދާ ގެއްލުންތަކާއި އުދައެރުމުގެ މައްސަލަ ރައްޔިތުންގެ މަޖްލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީއަށް އެ މައްސަލަ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވަނީ ހުޝައަޅާފައެވެ. މައްސަލަ ދިރާސާކުރުމަށް ފަހު ކޮމެޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ މަޝްރޫއު ހިނގަމުންދިޔަ އިރުވެސް، އެކަށީގެންވާ ޑިޒައިނެއް ނެތި އަދި އީއައިއޭ ރިޕޯޓަށް ބެލުމެއްނެތި މަޝްރޫއު ކުރިއަށް ގެންގޮސްފި ކަމުގައިވާނަމަ، ހުޅަނގު މޫސުމުގައި ކޯޒްވޭއަށް އުދައެރުމުގެ ފުރުސަތު ބޮޑުވާނެކަމުގެ ޝަކުވާ ދެ ރަށުގެ މީހުން ކޮށްފައިވާކަމަށެވެ.

އެހެން ނަމަވެސް ރައްޔިތުންގެ ޝަކުވާއަކަށް ބެލުމެއްނެތި ހިންގަމުން ދިޔަ މަޝްރޫއު އެއްކޮށް ނުނިމެނީސް ފުރަތަމަ ފަހަރަށް ކޯޒްވޭ ހަލާކުވެ ދެ ރަށަށް އުދައަރައި އެތަކެއް ގެއްލުންތަކެއް ލިބިފައިވާކަމަށާއި އަދި މަޝްރޫއު ނިމުނުފަހުން ދެ ފަހަރެއްގެ މަތިން ހޯނޑެއްދުއަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ކޯޒްވޭގެ ސަބަބުން އެކިއެކި ގެއްލުންތަކާއި އުނދަގޫތައް ކުރިމަތިވެ ހޯނޑެއްދޫގެ އެކި ސަރަހައްދުތަކަށް ރާޅު އަރާކަމާއި، މިކަން މިހެން ދިމާވަނީ ވެލިބެޑަކުން ކޯޒްވޭއެއް އެޅުމުން ލޮނުގަނޑު ބްލޮކްވެ އޮއިވަރަށް އަންނަ ބަދަލުތަކުން ކަމުގައި ހޯނޑެއްދޫ ކައުންސިލުން ފާހަގަކޮށްފައިވާކަން ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. މީގެ އިތުރުން ކޯޒްވޭގައި މޫދުން އޮއެ ދައުރުވާގޮތަށް ހަދާފައިވާ ކަލްވާޓްތައް މާ ތިރިވެފައި މަދުވުމުގެ ސަބަބުން ދިޔަވަރު އެންމެ ބޮޑުވާ ވަގުތުގައިވެސް މި ކަލްވާޓްތަކުގެ މަތީ ދާރައާ ހަމައަށް ލޮނުގަނޑު ހުންނަކަމާއި، ގިނަ ދުވަސްދުވަހުގައި ލޮނުގަނޑާއި ކަލްވާޓްތަކުގެ މަތީ ދާރައާ ދެމެދު ހައިންޗިވެސް ހަމަނުވާކަމުގައި ހޯނޑެއްދޫ ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ. އަދި ދިޔަވަރު ބޮޑުވާ ދުވަސްވަރުގައި ރަށުގެ ހުޅަނގު އުތުރު ފަރާތުން ގާތްގަނޑަކަށް 300 ފޫޓަށް ރާޅު އަރަމުންދާކަމާއި، ރަށުގެ ހުޅަނގު ފަރާތުގައި ގުދުރަތީގޮތުން ހެދިފައި ހުރި ކުޅި އަދި ކަނޑުފާތަކަށް ރާޅާއެކު ވެލި އެޅި، ހޯޑެއްދޫގެ “ކޯރާޑޭކޮޑާ” ސަރަޙައްދުގެ ބޮޑުބައި ގިރައި އާނުގަނޑު ހަލާކުވަމުންދާކަމަށް ވެސް ރިޕޯޓުގައިވެއެވެ.

ހަމަ އެއާއެކު ރަށުގެ ހުޅަނގު ދެކުނުފަރާތަށް ރާޅުއަރައި އެ ސަރަހައްދުގެ ގިނަ ގަސްތަކެއް މަރުވަމުން ދިއުމުގެ އިތުރުން އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ބޭނުން ކުރަމުން އަންނަ ވަޅުފެނަށް ލޮނުގެ އަސަރު ކުރަމުންދާކަމަށާއި ހޯނޑެއްދޫގެ އަލަށް އާބާދުވާ ސަރަޙައްދުންނާއި ހައުސިންގ ޔުނިޓް ސަރަހައްދަށްވެސް ރާޅު އަރަމުންދާތީ ރަށުގެ ފެންފަށަލަ ހަލާކުވެގެން ހިނގައިދާނޭ ކަމުގެ ބިރު އޮތްކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
ދެ ރަށުގެ ކައުންސިލާއި ކަމާބެހޭ ފަރާތްތަކުން ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކޮމެޓީއަށް ފާހަގަވި ކަންކަން ވެސް ރިޕޯޓުގައި ވަނީ ހިމަނައިފަ އެވެ. އެގޮތުން މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އީޕީއޭގެ ރެކޮމެންޑެޝަންއާ އެއްގޮތަށް ނޫންކަމަށާއި އަދި މަޝްރޫއު ކުރިއަށް ގެންދިއުމުގައި އީއައިއޭ ރިޕޯޓުގައި ދީފައިވާ އިރުޝާދަކަށް އެއްގޮތަކަށްވެސް ބަލާފައި ނެތްކަމަށް ވެސް ކޮމެޓީން ބުނެފައިވެއެވެ.
ހަމައެއާއެކު މަޝްރޫއު ކުރިއަށް ގެންދިއުމުގައި ހައުސިން މިނިސްޓްރީން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި އަދި މަޝްރޫއުގެ ސަބަބުން ދިވެހި ދައުލަތުގެ ބަޖެޓަށާއި، ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ވެސް ކޮމެޓީން ފާހަގަކުރި އެވެ. ރާއްޖޭގެ ތިމާވެއްޓަށް ނޭދެވޭ އަސަރެއް ފޯރާފަދަ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، ޝަރީއަތް މެދުވެރިކޮށް ބަދަލު ހޯދުމުގެ އިހްތިޔާރު ދިވެހި ސަރުކާރަށް ލިބިގެންވާތީ، މަޝްރޫއު ކުރިއަށް ގެންދިއުމުގައި އިހުމާލުވެފައިވާ ފަރާތްތަކުން ގެއްލުމުގެ ބަދަލު ހޯދުމަށް އީޕީއޭއިން މަސައްކަތް ކުރަން ޖެހޭ ކަމަށް ކޮމެޓީއަށް ފެންނަ ކަމަށް ވެސް ބުނެފައިވެ އެވެ.
ރިޕޯޓު ނިންމާލަމުން ބުނެފައި ވަނީ މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ ހަދާފައިވާގޮތުން އެ ދެ ރަށަށް ލިބެމުންދާ ގެއްލުންތަކަކީ މަޝްރޫއު ކުރިއަށް ގެންދިޔަ ފަރާތުގެ ބޮޑެތި އިހުމާލުތަކެއް އެކަމުގައި އެކުލެވުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކެއް ކަމަށް ކޮމިޓީގެ ހޯދުންތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ކޮމިޓީއަށް ފާހަގަވެފައިވުމާއެކު، މަޝްރޫއުގެ ސަބަބުން، ތިމާވެއްޓަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަންޖެހޭ ކަމަށް ކަނޑައަޅައި، އެ ސަރަހައްދަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމަށް މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ އަލުން ފަރުމާކޮށް އަމަލީ މަސައްކަތް އަވަހަށް ކުރިއަށް ގެންދިއުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
މިހާރު މި ކޯޒްވޭ އަލުން ރީ ޑިޒައިންކޮށް ރިނޮވޭޓްކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ކުރެވޭނެކަމުގެ ޚަބަރު ސަރުކާރުންވަނީ ދެރަށުގެ ރައްޔިތުންނަށްދީފައެވެ. މި ކޯޒްވޭގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ދައުލަތުގެ ބަޖެޓުން 29 މިލިޔަން ރުފިޔާ ހަރަދު ކޮށްގެން ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައެވެ. މިހާ ބޮޑު ހޭދައެއް ކޮށްގެން އެއިރުގެ ސަރުކާރުން މަޑަވެލި ހޯނޑެއްދޫ ރައްޔަތަށް ވެފައިމިވަނީ ކޮންފަދަ އިހުމާލެއްތޯއެވެ.