English Edition
Dhivehi Edition

ގދ. މަޑަވެލި ހޯޑެއްދޫ ކޯޒްވޭ މަސައްކަތުގެ ބޮޑުބައި ނިމިއްޖެއެވެ.

މި މަސައްކަތާއި ގުޅޭގޮތުން ކޮންޓްރެކްޓަރ އެމްޓީސީސީ އިން އެންމެފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު މަޑަވެލި ހޯޑެއްދޫ ކޯޒްވޭ ހެދުމުގެ މަޝްރޫޢުގެ ދަށުން، ހޯޑެއްދޫ އިން ކަންނަގިއްލާއަށް ގުޅާލާ ބްރިޖްގެ ޕައިލިންގް މަސައްކަތްތަކުގެ 95 ޕަސެންޓް ވަނީ ނިމިފައެވެ.

މި ބްރިޖްގެ ޕައިލް ކެޕް ކޮންކްރީޓް މަސައްކަތްތައް މިއަންނަ ހަފުތާތެރޭ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، 260 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ކޯޒްވޭގެ 2544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި 285 ސްޕަން ޕައިލް ހަރުކުރުމާއި، 4596 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމަށް ވއއް ނިންމާފައިވެއެވެ.

މީގެ އިތުރުން 1378 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، އެޕްރޯޗް ރޯޑުގެ 3144 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ހެދުމަށް ވެސް ނިންމާފައިވާ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

އެ ކުންފުނިން ބުނީ 79.4 މިލިއަން ރުފިޔާގެ މި މަޝްރޫއުގައި ތާރު އެޅުމާއި، ރެއިލިންގ، މަގުބައްތި އަދި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށެވެ.