English Edition
Dhivehi Edition

އެމްޑީޕީން މާލެ ސިޓީގެ މީހުންގެ ތާއީދު ހޯދަން ބޭނުންނަމަ ސިޔާސަތުތައް ބަދަލުކުރަން ޖެހޭކަމަށް މާލެސިޓީ ކައުންސިލް ރައީސްގެ މަގާމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އިން ވާދަކުރެއްވި ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކޮށް ބޮޑު ތަފާތަކުން އެމްޑީޕީ ކެންޑިޑޭޓް އަނަސް ބަލިވެފައިވާއިރު މި ގޮނޑި ކާމިޔާބުކޮށްފައިވަނި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއެވެ،

ޑރ،މުއިއްޒު އިންތިހާބުވުމާއި ގުޅިގެން މަރުހަބާ ވިދާޅުވެ އަނަސް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބަސް އިއްވައިފިކަމަށެވެ. އަދި އެ ނަތީޖާ ގަބޫލުކުރައްވަމުން އަނަސް ވިދާޅުވީ އިންތިހާބުގައި ލިބުނު ނަތީޖާއަށް އެމްޑީޕީން ވަރަށް ބޮޑަށް ބަލަންޖެހޭކަމަށާއި މާލޭ ރައްޔިތުންގެ ތާއީދު އަލުން ހޯދަން އެމްޑީޕީގެ ސިޔާސަތުތައް ބަދަލުކުރަންޖެހޭ ކަމަށެވެ.

މިހާތަނަށް ލިބުނު ނަތީޖާއަށް ބަލާއިރު މުއިއްޒު އަށް ވަނީ 9500 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައެވެ.

މިއީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަރުން އިންތިހާބުކުރަން ފެށިތާ 10 އަހަރުގެ ތެރޭގައި މާލޭގެ މޭޔަރުކަން ޕީޕީއެމްގެ ބޭފުޅަކަށް ލިބިވަޑައިގަތް ފުރަތަމަ ފަހަރެވެ.