English Edition
Dhivehi Edition
ފޮޓޯ: ނިޝާން އަލީ/މިހާރު

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރަައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން މޭޔަރުކަމަށް ނުކުންނަވާފައިވާ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރު ވޯޓުލައްވައިފިއެވެ.

މިއަދު ކުރިއަށްދާ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓުލައްވަން ވަޑައިގަންނަވާނީ ހެނދުނު 10:30 ގައެވެ. އަދި ނައިބު ރައީސް ފައިސަލް ނަސީމް މެންދުރު 1:30 އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވާނީ ހެނދުނު 11:00 ގައެވެ.

ގިނަ އަދަދެއްގެ ކެނޑިޑޭޓުންނާ އެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބުގައި ވާދަކުރާނީ 3934 ކެންޑިޑޭޓުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ. އިންތިހާބުގައި 273،182 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން 826 ކެންޑިޑޭޓުން އަދި ޕީޕީއެމްގެ ފަރާތުން 647 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަދި އަމިއްލަ ގޮތުން 609 ކެނޑިޑޭޓުން ވާދަ ކުރާއިރު ޖުމްހޫރީ ޕާޓީން ވެސް 115 ކެންޑިޑޭޓުން ނެރެފައިވެއެވެ.

މި އިންތިހާބަކީ މިދިޔަ އަހަރުގެ އޭޕްރިލްމަހު ބާއްވަން ޖެހޭ އިންތިހާބެކެވެ. އިންތިހާބު ލަސްކޮށްފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރޭތީ އެ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަަޅަން ޖެހުމުންނެވެ.

މި އިންތިހާބުގައި ޖުމްލަ 701 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.