English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމުގެ މައްސަލައަކީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމާ ޙަވާލުވިފަހުން ދިމާވި އެއްމެ ބޮޑު އެއް ތަކުލީފު ކަމަށާއި ހައްލުކުރުމަށް އެންމެ ދަތިވީ އެއް މައްސަލަ ކަމަށް މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށުމާއި، އެ ސިޓީގެ އައު އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ފުވައްމުލަކު ނަރުދަމާ ނިޒާމުގެ މައްސަލައަކީ ހައްލުކުރަން އުނދަގޫވި، ތަކުލީފު ބޮޑު މަސައްކަތެއް ކަމަށާއި އެހެންނަމަވެސް މި ނިޒާމު ޑިޒައިންކުރުމަށް ކުރެވުނު މަސައްކަތަކާއެކު، ރައްޔިތުންނަށް މިކަމުގައި ދާއިމީ ހައްލެއް ލިބޭނެގޮތްތައް ހޯދި، އެ މަގުން ފެނަކައިން މަސައްކަތް ކުރާނެކަމަށެވެ.

“ފެނަކައިގެ ޒުވާން ، ޒަމާނީ އިލްމު ލިބިވަޑައިގެން ތިއްބެވި އިންޖިނޭރުން ކެނޑިނޭޅި ތަކުރާރުކޮށް އެތައް މަސައްކަތް ތަކެއް އަދި އެތަކެއް ތަހުލީލުތަކެއް ކުރަމުން ދިޔައިރުވެސް މި ނިޒާމު ހައްލު ކުރުމަށް ނުހަނު ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވި. އެހެންނަމަވެސް މި ޓީމުން ޙިކުމަތު އަމަލީ އާއެކު ކުރި މަސައްކަތުން އެނގުނީ ފުވައްމުލަކު ރައްޔިތުންނަށް މި ނިޒާމަށް ދާއިމީ ހައްލެއް ގެނެވިދާނެކަން” ސައީދު ވިދާޅުވިއެވެ،

އިތުރަށް ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ޒަމާނީ ވަޞީލަތްތަކާއެކު ކުރެވޭނެ މަގު ގާއިމު ކޮށްދޭނެ ކަމަށާއި މި ނިޒާމު ފައްކާވެގެންދާއިރުގައި ﷲ ގެ ތަނަވަސް ރަހުމަތާއެކު 40 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަމިކުރަނީ ވަރަށް ބޮޑު އިތުބާރެއް އެކަމަށް ލިބިފައިވާތީކަމަށެވެ.

“މި ނިޒާމު ނިމިގެންދާއިރުގައި ދާއިމީ ހައްލެއް މިކަމަށްލިބި މުޅި ނިޒާމު އެންމެ މި ޒަމާނުގެ ވަޞީލަތްތައް މެދުވެރިކޮށް މޮނިޓަރކުރެވޭނެ” ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

އިއްޔެ ފެށި ފުވައްމުލަކު ސިޓީގެ ނަރުދަމާ ނިޒާމުގެ މަޝްރޫޢު ދަށުން ވެކިއުމް ޕަމްޕުތަކާއި ވެކިއުމް ޗެމްބަރުތަކުގެ ވޭލުތައް ބަދަލުކުރުމާ އަދި މުޅިން އަލަށް މޮނިޓަރިން ނިޒާމެއް ޤާއިމުކުރެވޭނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ފެނަކައާއި ޙަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ 6 މަސްދުވަހުގެ ތެރޭގައެވެ.