English Edition
Dhivehi Edition

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޖަނަރޭޓަރ ސެޓްތަކުގެ މެއިންޓަނެންސްއަށް އަހައްމިއްޔަތު ކަމެއް ދެވިފައި ނުވުމުގެ ސަބަބުން ވަރަށް ގިނަ ޖަނަރޭޓަރ ސެޓުތަކުގެ ހާލަތު ދަށްވެފައިވާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ހާމަކޮށްފިއެވެ.

އެކުންފުނިން މިހެން ހާމަކޮށްފައިވަނީ ފުވައްމުލައް ސިޓީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ތަފްސީލީ މައުލޫމާތު ހާމަކޮށް މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. ފުވައްމުލައް ސިޓީއަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ އިންޖީނެއް ހަލާކުވުމުގެ ސަބަބުން މުޅި ރަށުގެ ލޯޑު ހިފެހެއްޓޭ ވަރަށްވުރެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ މިވަގުތަށް ދަށްވެފައިވުމާއި ގުޅިގެން އެސިޓީގެ އެކި ސަރަހައްދުތަކުން ޝެޑިއުލްކޮށް މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ފެނަކައިން އަންނަނީ ކަރަންޓު ކަނޑަމުންނެވެ.

ފުވައްމުލައް ސިޓީގެ ކަރަންޓާއި ގުޅޭ:

  • ރިކޯޑް ކުރެވިފައިވާ އެންމެ މަތީ ލޯޑް: 4850 ކިލޯވޮޓް
  • އެވްރެޖް އެންމެ މަތީ ލޯޑް: 4050 ކިލޯވޮޓް
  • ކަރަންޓު ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޖަނރޭޓަރ ސެޓްގެ އަދަދު: 7 (ހަތެއް) / 800 ކިލޯވޮޓްގެ 2 ޖަނރޭޓަރ ސެޓް، 1200 ކިލޯވޮޓްގެ 3 ޖަނރޭޓަރ ސެޓް، 600 ކިލޯވޮޓްގެ 1 ޖަނރޭޓަރ ސެޓް އަދި 1000 ކިލޯވޮޓްގެ 1 ޖަނރޭޓަރ ސެޓް.
  • މައްސަލަ ޖެހުނު ޖަނރޭޓަރ ސެޓް: 800 ކިލޯވޮޓްގެ 1 ޖަނަރޭޓަރ ސެޓް

ފެނަކަ އިން ހާމަކުރި ގޮތުގައި 800 ކިލޯވޮޓްގެ އެ ޖަނަރޭޓަރ ސެޓަށް މައްސަލަ ޖެހި މައިގަނޑު ބައިތަކެއް ހަލާކުވުމުގެ ސަބަބުން ކަރަންޓު އުފެއްދޭ މިންވަރުވަނީ 4000 ކިލޯވޮޓްއަށް ދަށްވެފައެވެ. ފެނަކައިން މިއަދު ހާމަކޮށްފައިވާ ގޮތުގައި ހަލާކުވި ޖަނަރޭޓަރ ސެޓް ހިންގާތާ 30،000 ގަޑިއިރު ހަމަވިއިރު އެއްވެސް މޭޖަރ އޯވަހޯލް އެއް ކޮށްފައެއް ނުވެއެވެ.

އެކުންފުނިން ފުވައްމުލަކުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ހާމަކުރަމުން އެބަޔާނުގައި ބުނެފައިވާ ގޮތުން އެ ކުންފުނިން ޚިދުމަތްދޭ އެހެން ރަށެއްގައި އިންސްޓޯލް ނުކޮށްހުރި 800 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެއް ފުވައްމުލައް ސިޓީއަށް ގެންދިއުމުގެ މަސައްކަތްވަނީ ކޮށްފައެވެ. އެގޮތުން އެރަށަށް ޖަނަރޭޓަރު ފުވައްމުލަކަށް ގެންދިއުމަށް އުޅަނދެއް 02 ޖަނަވަރީ 2024 ގައި ފޮނުވުނު ކަމަށާއި އެހެން ނަމަވެސް ޖަނަރޭޓަރ ސެޓް އެހެން ރަށަކަށް ގެންގޮސްފިނަމަ ރަށުގެ އާންމު މަސްލަޙަތު ގެއްލިދާނެކަމަށް އެކި ފަރާތްތަކުން އެކުންފުނީގެ މެނޭޖްމަންޓަށް ގުޅާ ޝަކުވާ ކުރުމުންނާއި، އަދި ތަފާތު އެތައް ސަބަބަކާއިހުރެ އެ މަސައްކަތް ހުއްޓާލަން ޖެހުނު ކަމަށްވެސް އެކުންފުނިންވަނީ މިއަދު ވަނީ ބުނެފައެވެ.

އަދި މިފަދަ ހާލަތްތަކުގައި އެކުންފުނިން އަމަލުކުރާ އެމަޖެންސީ ޕްރޮކުއަމަންޓްގެ ދަށުން 800 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ހޯދުމުގެ މަސައްކަތް ފެށުނު ކަމަށާއި އެހެން ނަމަވެސް މިވަގުތު ބޭނުންވާ ސައިޒްގެ ޖަނަރޭޓަރ ސެޓެއް ރާއްޖޭގައި ވިއްކަން ނެތުމުން މިހާތަނަށް ޖަނަރޭޓަރ ސެޓެއް ލިބޭގޮތް ނުވެފައިވާ ކަމަށްވެސް އެކުންފުނިން ނެރުނު ބަޔާނުގައިވަނީ ބުނެފައެވެ.

މީގެ އިތުރުން އެކުންފުނިން ހާމަކޮށްފައިވަނީ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެކުންފުނިން ޚިދުމަތްދޭ އެހެން ރަށެއްގައި އިންސްޓޯލް ނުކޮށް ހުރި 800 ކިލޯވޮޓްގެ ޖަނަރޭޓަރެއް ފުވައްމުލަކަށް ގެންދެވޭތޯ މިހާރުވެސް މަސައްކަތް ކުރަމުންދާކަމަށާއި، ހަލާކުވި ޖަނަރޭޓަރ ހެދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާ ކަމަށެވެ. އަދި ކުރިއަށްއޮތް ރަމަޟާންމަހާއި ހޫނު މޫސުމަށް ރަށްރަށުގެ ކަރަންޓް ހާލަތު ރަނގަޅުކުރުމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން އެންމެ އަވަހަށް ޖަނަރޭޓަރތައް ހޯދުމަށް ރޭވިފައިވާ ރަށްރަށުގެ ތެރޭގައި ފުވައްމުލައް ސިޓީ ހިމަނައި އެސިޓީއަށް 1200 ކިލޯވޮޓުގެ ޖަނަރޭޓަރ ސެޓެއް ހޯދުމަށް ނިންމައިފައިވާ ކަމަށްވެސް މިއަދު ފެނަކައިން ވަނީ ބުނެފައެވެ.

ކުރީގެ ސަރުކާރުން ފެނަކައާއި މެދު ބަހައްޓައިފައިވާ އަހައްމިއްޔަތުގެ ދޯހަޅިކަން ދޭހަވާފަދަ ގޮތަކަށް ފެނަކައިން ނޫސްބަޔާން ނެރެފައިވާއިރު ފުވައްމުލަކުގެ ކަރަންޓު މައްސަލަ ހައްލުވާނެ ސީދާ ތާރީހެއް އަދިވެސް ނުލިބޭތީވެ އެރަށުގެ ގިނަ ރައްޔިތުންތަކެއް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.