English Edition
Dhivehi Edition
އައްޑޫފެން ޕްލާންޓަށް ދިމާވި މައްސަލަ ޙައްލު ކުރުމުގެ ތެރެއިން

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ޚިދުމަތް ފޯރުކޮށްދޭ ފެން ޕްލާންޓަށް ދިމާވި މައްސަލަ ޙައްލުކޮށް ޕްލާންޓް ހިންގަން ފަށައިފިއެވެ.

އައްޑޫގައި ސަޕްލައި ފެން ނުލިބޭތާ 2 ދުވަސްވީފަހުން މިއަދު ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފެން ޕްލާންޓްގެ މައްސަލަ ޙައްލު ކުރުމަށްފަހު ހިންގަންފަށާފައިވާކަމަށާއި ކުރިއަށް އޮތް 3 ގަޑިއެއްހާ އިރުގެ ތެރޭ ގޭގެއަށް ފެނުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

އެބަޔާނުގައިވާ ގޮތުން އައްޑޫއިން ފެން ކެނޑުނީ ޔޫޓިލިޓި ރެގިއުލޭޓަރީ އޮތޯރިޓީއިން ނިޒާމު އިންސްޕެކްޓުކޮށް ހައްލުކުރަންޖެހޭ ކަންކަން ހައްލު ކުރުމަށް އަންގައި ފޮނުވާފައިވާ ރިޕޯޓަށް، އެ އޮތޯރިޓިން ދޭ ޓައިމްލައިނާ އެއްގޮތަށް އަމަލުކޮށްފައި ނުވުމުގެ ސަބަބުން ދިމާވި މައްސަލައަކުން ކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.ހަމަ އެހެންމެ ޕްލާންޓަށް މައްސަލަ ދިމާވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެން ކެނޑުނީ އެކަށީގެންވާ ފެނުގެ ސްޓޯރޭޖު ގާއިމުކޮށްފައި ނެތުމުގެ ސަބަބުން ކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ފެނަކައިން ވަނީ ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް މެދުނުކެނޑި ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ހަރުދަނާ އިންތިޒާމުތަކެއްގެ ތެރެއިން ކުރާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

މީގެ އިތުރުން އެ ކުންފުނިން ވަނީ ދިމާވި މައްސަލައާއި ގުޅިގެން އެމްޑަބްލިއުއެސްސީން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. އަދި އެ ކުންފުނީގެ އިންޖިނިއަރުންނާއި ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް މޯލްޑިވިއަނުން ވެދިން އެހީތެރިކަން ފާހަގަކޮށްފައިވެއެވެ.