އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަށް ސަޕްލައި ފެނުގެ ޚިދުމަތް މިރޭގެ ވަގުތެއްގައި ލިބޭވަރުވާނެކަމަށް އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅު ވެއްޖެއެވެ.
އޭއޯނިއުސްއާއި ވާހަކަ ދައްކަވަމުން މޭޔަރ ވިދާޅުވީ ފެނުގެ ޚިދުމަތް މެދުކެނޑިފައިވާތީ އެޚިދުމަތް ފޯރުކޮށްދިނުމަށް ޓަކައި ބޭނުންވާ ސާމާނު މިއަދު ހަވީރުގެ ފްލައިޓުން އައްޑުއަށް އަންނާނެ ކަމަށާއި އެތަކެތި ލިބުމުން މައްސަލަ ޙައްލުކޮށް ވީއެންމެ އަވަހަކަށް ފެން ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
“ފެން ފޯރުކޮށްދިނުމަށް ބޭނުންވާ ވީއެފްޑީ ޑްރައިވް އާއި ގުޅުންހުރި ސާމާނުތައް މިހާރު ވަނީ ހޯދާފަ.އެއީ އެހާ ކުޑަ އެއްޗެއް ނޫންވީމަ ފަސޭހައިން ގެނެވޭވަރުވީ މިއަދު ހަވީރުގެ ފްލައިޓުން . ލިބުނުހާ އަވަހަކަށް މަސައްކަތް ކުރިއަށްދާނެ” މޭޔަރ ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ސާފު ފެން ކެނޑުނީ އާރޯޕްލާންޓްގެ ވީއެފްޑީ ޑްރައިވަށް ދިމާވި ގެއްލުމެއްގެ ސަބަބުން ކަމަށާއި އެ މައްސަލަ މިއަދުގެ ވަގުތެއްގައި ހައްލުކުރުމަށް މަސައްކަތްކުރާ ކަމަށް ފެނަކަ ކޯޕަރޭޝަނުންވެސް ވަނީ ބުނެފިއެވެ.
އައްޑޫ ސިޓީ ސިޓީއިން ފެން ކެނޑިފައިވަނީ އިއްޔެ މެންދުރުން ފެށިގެންނެވެ.
މިކަމާގުޅިގެން ފެން ކެނޑުމުގެ ސަބަބުން ކުރިމަތިވެދާނެ އެންމެހައި ދަތިތަކަށް ފެނަކައިން ވަނީ މައާފަށް އެދިފައެވެ.
އައްޑޫސިޓީގެ ބޮޑުބަޔަކަށް ސާފު ފެން ނުލިބުމުގެ ސަބަބުން ގުޅިފައިވާ ރަށްތަކުގެ ގިނަ ރައްޔިތުން ވެސް ތިބީ ވަރަށް ބޮޑަށް ފެނަށް ޖެހިފައެވެ. އެގޮތުން ފާޚާނާގެ ބޭނުންތަކާއި، ކެއްކުމާއި އަދި އެނޫނަސް ޒަރޫރީ އެކި ކަންކަމުގައި ބޭނުންކުރުމަށް ފެން ނުލިބުމުގެ ދަތި ކަން ވަރަށް ކުރަމުންދެއެވެ.