English Edition
Dhivehi Edition

ކުރިއަށް އޮތް އިންތިޚާބަށް ބޭނުންވާ ވޯޓު ކަރުދާހާއި އެނޫންވެސް ތަކެތި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ހުރިހާ ރަށަކަށް ފޮނުވާ ނިމޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޯޓު ކަރުދާހާއި، ވޯޓު ފޮށްޓާއި، އެނޫންވެސް އިންތިޚާބަށް ބޭނުންވާ ތަކެތި އިންތިޚާބު ކުރިއަށްގެންދާ މަރުކަޒުތަކަށް ފޮނުވަން ފަށާފައިވާއިރު މިއަދު އެތަކެތި ފޮނުވީ ޏ.އަތޮޅަށާއި، ހދ.އަތޮޅަށާއި، ތ.އަތޮޅަށާއި، ލ.އަތޮޅަށާއި، ގއ.އަތޮޅަށްކަމަށެވެ.

Advt

Advertisement

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެން ވަނީ 273128 މީހުންނަށެވެ. މީގެ ތެރޭގައި 5134 މީހުންނަކީ މިމަހުގެ 10ވަނަ ދުވަހާހަމަޔަށް 18 އަހަރު ފުރޭ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި އޭޕްރީލް 10 ވަނަ ދުވަހާ ހަމައަށް 18 އަހަރު ފުރޭ އެންމެންނަށް މިއިންތިޚާބުގައި ވޯޓުލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސަރަހައްދުގައި 600 ވޯޓުލާ މަރުކަޒު ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގައި ޓެންޓު ޖަހައިގެން ވޯޓުލުމަށް 40 މަރުކަޒު ޤާއިމްކުރާނެއެވެ. ޕެންޑަމިކާއި ގުޅިގެން ކޮންމެ ވޯޓުފޮށްޓަކަށްވެސް އެންމެ ގިނަވެގެން ވޯޓުލެވޭނީ 550 މީހުންނަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ވޯޓުލާ މީހުންނަށް ވީހާވެސް ފަސޭހަކުރުމަށްޓަކައި 550އަށްވުރެ ގިނައިން މީހުން ވޯޓުލާ ފޮށިތައް ދެބަޔަކަށް ބަހައި، އެއަށްވުރެ އަދަދު ވަނީ މަދުކޮށްފައެވެ. މާލޭގެ އިތުރަށް ރަށްރަށާއި ވޯޓުފޮށި ބެހެއްޓުމަށް ރަޖިސްޓަރ ކޮށްފައިވާ ރިސޯޓްތަކުގައިވެސް ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.