ކޮވިޑް-19 އިން ދިފާޢުވުމަށްޖަހާ ވެކްސިން، ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތް މިއަދު ކުރިއަށް ދާނެ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެފިއެވެ.
ހޮސްޕިޓަލުން ބުނީ ވެކްސިން ޖެހުން އޮންނާނީ މެންދުރުފަހު 1:00 އިން ހަވީރު 5:00 އަށް ހޮސްޕިޓަލުގެ ހުޅަނގު ފަރާތު ގަރާޖު ސަރަޙައްދުގައި ކަމަށެވެ. އަދި ވެކްސިން ދޭނީ ފެބްރުއަރީ މަހުގެ 1 އިން ފެށިގެން 10 ވަނަ ދުވަހާ ހަމައަށް ވެކްސިން ޖަހާފައިވާ މީހުންނަށް ކަމަށާއި ވެކްސިން ޖެހުމަށް ވަޑައިގަންނަވާއިރު، ކުރިން ވެކްސިން ޖެހިކަން އަންގައިދޭ ” ކޮވިޑް-19 ދިފާޢު ކާޑް ” އާއި، އައިޑީކާޑް އަދި ދާއިމީ ބަލިތަކަށް ބޭސް ބޭނުންކުރައްވާނަމަ ބޭސްފަރުވާގެ ލިޔުންތައް ގެންނަވަން ވާނެކަމަށް ހޮސްޕިޓަލުން ބުނެއެވެ.
މީގެ އިތުރުން އުމުރުން 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ނުވާ މީހުން، ވެކްސިން ޖެހުމަށް ބޭނުންފުޅުވާނަމަ ހޮސްޕިޓަލުގެ 6860658 ނަންބަރަށް ގުޅުއްވައި ނަން ނޯޓް ކުރެއްވުން އެދޭ ކަމަށް ވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ކޮވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭން ރާއްޖޭގައި ފަށާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. ދެވަނަ ޑޯޒް ދޭން ފަށާފައިވަނީ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުން 4 ވަނަ ދުވަހާ ދެމެދު ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން އާއްމުކޮށް ހުޅުވާލައިގެން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފެށިނަމަވެސް އެޗް.ޕީ.އޭއިން މީގެ ކުރިން ވަނީ ޚާއްސަ ހާލަތްތަކުގައި ތިބި މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދީފައެވެ.
އެޗް.ޕީ.އޭގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިހާތަނަށް 3700 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 246،000 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ